އެޑިއުކޭޝަން މިނިސްޓަރީގެ ދިވެހި މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ލޯން ސްކީމްގެ ދަށުން މިއަހަރު 120 ލޯން ދޫކުރަން ހަމަޖައްސައިފި އެވެ.

އެޑިއުކޭޝަނުން ބުނީ މިއަހަރު އެ މިނިސްޓަރީގެ ފަންނީ މުވައްޒަފުންގެ ފެންވަރު މަތިކުރުމުގެ ލޯން ސްކީމްގެ ދަށުން ދޫކުރާނީ 21 ދާއިރާއަކުން 120 ލޯން ކަމަށެވެ. އެއީ ރާއްޖޭގައި ކިޔެވުމަށް 90 ލޯނާއި ރާއްޖޭން ބޭރުގައި ކިޔެވުމަށް 30 ލޯނެވެ. ލޯން ސްކީމްގެ ދަށުން އެންމެ މަތީ އަދަދަކަށް ލޯން ދޫކުރާނީ 162،000ރ. އެވެ. އަދު ރާއްޖޭގައި ހުރި މަތީ ތައުލީމްދޭ މަރުކަޒެއްގައި ކިޔަވާ ދަރިވަރަކަށް ލޯން ދޫކުރެވޭނީ ކޯސް ނިމެންދެން މަހަކަށް 4500ރ. އެވެ. ރާއްޖޭން ބޭރުގައި ތައުލީމް ހާސިލް ކުރަން 500،000ރ. އެވެ.

މިނިސްޓްރީން ބުނިގޮތުގައި ލޯން ދޫކުރުމުގައި ބަލާނީ ފުރަތަމަ ފޯމު ހުށަހަޅާ ފަރާތްތަކަށް ފުރަތަމަ ލޯނު ދޫކުރުމަށް ކަމަށާއި ލޯން ނަގާނަމަ ރަހުނެއްގެ ގޮތުގައި އެއްވެސް އެއްޗެއް ބަހައްޓާކަށް ނުޖެހޭނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރީން މިއަހަރަށް ކަނޑައެޅި ދާއިރާތަކުގައި އެންމެ ގިނައިން ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ސްކޫލް މެނޭޖްމަންޓްގެ ދާއިރާއިންނާއި ޓީޗިންގެ ދާއިރާއިން ނެވެ. އެގޮތުން ސްކޫލް މެނޭޖްމަންޓްގެ ދާއިރާއިން 20 ލޯނު ދޫކުރަން ހަމަޖެހިފައިވާ އިރު ޓީޗިންގެ ދާއިރާއިން މިއަހަރަށް 60 ލޯނު ދޫކުރެ އެވެ.