ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންޑިއާއަށް މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާއި އޮބްޒާވާ ރިސާޗް ފައުންޑޭޝަނާ ގުޅިގެން ބާއްވާ ހަތް ވަނަ ރައިސިނާ ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ މާދަމާއިން ފެށިގެން ބުދަ ދުވަހަށް ކުރިއަށްދާ މި ޑައިލޮގްގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާއި ފާގަތި ދިރިއުޅުމާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައި، ގައުމުތައް ދަރަނިވެރިވުމާއި ދަރަނީގެ ސަބަބުން އެ ގައުމުތަކުގެ ބިމުގެ މިލްކުވެރިކަން ގެއްލެމުންދިއުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

ހަމައެހެންމެ މި ދަތުރުފުޅުގައި އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ އިތުރުން އެ ގައުމުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވަވާނެއެވެ.

ރައިސިނާ ޑައިލޮގްއަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާއި އޮބްޒާވާ ރިސާޗް ފައުންޑޭޝަން ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަގްވާމީ ކޮންފަރެންސެކެވެ.