30 Apr 2022, 10:17
އެންމެ ކުޑައިރުއްސުރެ ވެސް ޓީވީ ޕްރޮގްރާމުތަކަށް ޝައުގުވެރިކަން ހުންނަ ޝިވާޒް ބެލުންތެރިންނާ ހަމައަށް އޭނާގެ އަމިއްލަ ޕްރޮގްރާމުތަކެއް ދޫކޮށްލަން ތައްޔާރުވެއްޖެއެވެ.
މީގެ ކުރިން ވެސް އެކި ޗެނަލްތަކަށް ޝިވާޒް ވަނީ ޕްރޮގްރާމުތައް ޕްރޮޑިއުސްކޮށްދީފައެވެ. މީގެ ކުރިން ޓީވީއެމް އަދި ސަންގު ޓީވީގައި ވެސް މަސައްކަތް ކޮށްފައިވާ ޝިވާޒްގެ މި ފަހަރުގެ ޕްރޮގްރާމުތައް ފެންނާނީ އައިސް ޓީވީންނެވެ.
ޓީވީއެމްގައި އުޅުނު ދުވަސްވަރު އޭނާ ކުޑަކުދިންގެ ޝޯތައް ހުށަހެޅިއެވެ. އެއަށްފަހު ޓީވީއާ ދުރުގައި އުޅުމަށްފަހު، އޭނާ ސްކްރީނުން ފެންނަން ފެށީ 2018ގައެވެ.
މި އަހަރު އޭނާ އަލަށް ބެލުންތެރިންނަށް ގެނެސްދޭ ދެ ޝޯއަކީ "ބެކްޓު ސްކޫލް"އާއި "ޝިވާޒް ދޯ"އެވެ. މި ޝޯވ ޕްރޮޑިއުސްކޮށް، ޕްރެޒެންޓް ކުރީ ވެސް ޝިވާޒެވެ.
ބެކް ޓު ސްކޫލް
މި ޝޯއަކީ، ސްކޫލް ދުވަސްވަރު ކިޔެވި ފިލާވަޅުތައް މިހާރު ހަނދާން ހުރިތޯ ބަލަން ތައްޔާރު ކުރި ހެއްވާ މަޖާ ކުއިޒް ޝޯއެއްކަމަށް ޝިވާޒް ބުންޏެވެ. މި ޝޯގައި މިހާރުވެސް ސްކޫލްގައި ކިޔަވަމުންދާ 2 ކުއްޖަކު ބައިވެރި ވާނެއެވެ. އަދި ޝޯގެ ގެސްޓުން ގޮތުގައި ބައިވެރިވަނީ މުނިފޫހިފިލުވުމުގެ ދާއިރާގެ އެކި ކަހަލަ ފަންނާނުންނެވެ.
ބައިވެރިވާ ގެސްޓުން ޖެހޭނީ ޝޯގައި ބައިވެރިވާ ސްކޫލް ކުދިންނަށް ވުރެ ގިނަ ސްވާލްތަކަށް ޖަވާބު ދޭށެވެ. ހުރިހާ ސުވާލެއް ވެސް ހުންނާނީ ގްރޭޑް އެކަކުން ފެށިގެން ގްރޭޑް ފަހަކާ ހަމައަށެވެ. މި ޝޯ ދައްކަނީ ކޮންމެ އަންގާރަ ދުވަހެއްގެ ހަވީރު 4:00 އައިސް ޓީވީންނެވެ.
ޝިވާޒް ދޯ:
"ޝިވާޒް ދޯ"އަކީ އެކްޓްކުރުމަށް ޝައުގުވެރިވާ ވަރަށް ގިނަ އައު ކުދިން ފެންނާނެ ހެއްވާ މަޖާ ޑްރާމާ ޝޯއެއްކަމަށް ޝިވާޒް ކިޔައިދިނެވެ.
ޝިވާޒް ދޯގައި ފެނިގެން ދާނީ އޭނާއަށް އާންމު ދިރިއުޅުމުގައި ދިމާވާ ބައިވަރު ކަންތައްތަކެކެވެ. ޝިވާޒްގެ މި ކެރެކްޓަރ އަކީ ވަރަށް ސަކަމިޒާޖެއްގެ، މީހުން ކައިރީގައި ސަޅިބައިސާކަނޑަމުން ހިނގާ މީހެކެވެ.
މި ޝޯގައި ލޯބީގެ ހެއްވާ މަޖާ ބައިވަރު ކަންތައް ތަކެއްވެސް ފެންނާނެވެ. މި ޝޯ ވެސް ގެނެސްދެނީ އައިސް ޓީވީންނެވެ.
ޝިވާޒް ބުނީ މި އުފެއްދުންތައް ވެސް ބެލުންތެރިންނަށް ކަމުދާނެކަމަށް އުންމީދުކުރާ ކަމަށެވެ.