ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދުގެ ވަގުތެއްގައި އަވަށްޓެރި އިންޑިއާއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ އެމަނިކުފާނުގެ މި ދަތުރުފުޅަކީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބާއްވާ ހަތް ވަނަ ރައިސީނާ ޑައިލޮގުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ.

ރައިސީނާ ޑައިލޮގަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާއި އޮގްޒާވާ ރިސާޗް ފައުންޑޭޝަން ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސެކެވެ.

މިމަހުގެ 25 އިން 27 އަށް ނިއުދިއްލީގައި ބާއްވާ މިއަހަރުގެ ކޮންފަރެންސްގައި ރައީސް، ނަޝީދު ބައިވެރިވެވަޑައިގެން ވާހަކަފުޅުދެއްކެވުމަށް ވަނީ ހަމަޖައްސަވާފައެވެ.

މަޖިލީހުގެ އިދާރާއިން ބުނީ އެމަނިކުފާނުގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކާއި ފާގަތި ދިރިއުޅުމާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާނެ ކަމަށެވެ. އަދި ޚާއްސަކޮށް ޤައުމުތައް ދަރަނިވެރިވުމާއި ދަރަނީގެ ސަބަބުން އެ ޤައުމުތަކުގެ ބިމުގެ މިލްކުވެރިކަން ގެއްލެމުންދިއުމާގުޅޭގޮތުން ވެސް ވާހަކަފުޅުދައްކަވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާއަށް ކުރައްވައި މި ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްގެ އިތުރުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއި އަދި އެ ޤައުމުގެ އިސް އޮފިޝަލުންނާއި ބައްދަލުކުރައްވާނެއެވެ.