ރާއްޖޭގެ ވެށީގައި އިއްޔެ ހިންގި ހަމަނުޖެހުންތަކުގެ ފުރިހަމަ ޒިންމާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ޕާޓީ، އެމްޑީޕީ އުފުއްލަވަން ޖެހިވަޑައިގެންނަވާނެ ކަމަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. ޖަމީލް ވިދާޅުވީ ވޭތުވެދިޔަ އެއް މަސް ދުވަހުގެ ތެރޭގައި މާލޭގައާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަކުރާރުކޮށް ހިންގަމުންދާ ހަމަނުޖެހުމުގެ ތެރޭގައި މީހުންގެ މުދަލަށާއި އަމަން އަމާން ބަލަހައްޓާ ފުލުހުންނަށާއި ސިފައިންނަށް އެކިވަރުގެ ގެއްލުމާއި އަނިޔާތަށް ދީފައިވާ ކަމަށެވެ.

"އަމަން އަމާންކަމާއި ސުލްހަ މަސްލަސްކަން ބަލަހައްޓާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ މިފަދަ އެއްވެސް ކަމަކީ ގަބޫލް ކުރެވޭ އަމަލްތަކެއް ނޫން. އަދި އަޅުގަނަޑު ގަބޫލެއް ނުކުރަން ޑިމޮކްރަސީގެ ނަމުގައި ވަކި ސަރަހައްދެއްގައި ތިބެގެން ފުލުހުންނާއި ސިފައިންނަށް އަމާޒުކޮށްގެން އެފަދަ ފަރާތްތަކާއި ދެކޮޅަށް ހިންގާ ހަރަކާތްތަކެއް،" ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ އެމްޑީޕީން ރައްޔިތުންގެ މަޖިލީހާއި މާލެތެރޭގައި ހަމަނުޖެހުން ހިންގައި އާންމު ރައްޔިތުންނާއި ސަރުކާރުގެ މުދަލާއި ތަކެއްޗަށް ގެއްލުންދީ ހިންގާ އަމަލުތަކަކީ ޑިމޮކްރަސީ އާއި ސުލްހަވެރިކަމަށް އެހީ ވާނެ ކަންކަން ނޫންކަމަށާއި އެމްޑީޕީން ދައްކަމުންދާ މިސާލުތަކަކީ އަދި ހިންގަމުންދާ ހަރަކާތްތަކަކީ ރާއްޖޭގެ ޑިމޮކްރަސީ އާލާވެ، ރައްޔިތުން ސުލްހަ މަސަލަސްކަމަށް މަސައްކަތް ކުރާ ދަނޑިވަޅުގައި ގިނަ ރައްޔިތުންނަށް ގަބޫލުކުރެވޭނެ އަދި ބަލައިގަނެވޭނެ ކަމެއް ނޫން ކަން ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބައިނގޭ އެބަޔަކު[އެމްޑީޕީ] އިދިކޮޅު ފަރާތުގެ ގޮތުގައި އޮވެ ހިންގާ އަމަލުތަކަކީ އެބަޔަކު ވެރިކަމަށް އަތުވެއްޖެނަމަވެސް އެކަންކުރާނެ ގޮތްކަން. މިއަދު އެމްޑީޕީގެ ފަރާތުން ދައްކަމުން ދާ މިސާލުތަކާއި ހިންގަމުންދާ ހަރަކާތްތަކަކީ ވެސް ރައްޔިތުންނަށް ބަލައިގެނަވޭނެ ކަންކަމެއް ނޫން،" ޖަމީލް ވިދާޅުވިއެވެ.

މިނިސްޓަރު ވިދަޅުވީ ރާއްޖޭގެ ގާނޫނު މުގުރާލާފައި އެއްވެސް ހަމަނުޖެހުމެއް ހިންގާނަމަ އެފަރާތްތަކާއި މެދު އަޅަންޖެހޭ ފިޔަވަލުތައް އަޅުއްވާނެ ކަމަށާއި އެއީ ކުރީގެ ރައީސް ނަޝީދުކަމުގައި ވީނަމަވެސް އެފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.