24 Apr 2022, 10:27
ކޮވިޑް-19ގެ ކަންކަމަށް ހާއްސަކޮށްފައިވާ އެޗްޕީއޭގެ 24 ގަޑިއިރު ޚިދުމަތްދޭ ކޯލްސެންޓަރު ހަމައެކަނި ރަސްމީ ގަޑީގައި ޚިދުމަތްދޭ ތަނެއްގެ ގޮތަށް ބަދަލުކޮށްފިއެވެ.
އެޗްޕީއޭއިން އިއްޔެ ނެރުނު ބަޔާނެެއްގައި ބުނެފައިވަނީ އެ ސެންޓަރުގެ ހޮޓްލައިން 1676ގެ ޚިދުމަތް ދެން ލިބޭނީ ހެނދުނު 9:00އިން މެންދުރު ފަހު 1:00އަށް އެކަނިކަމަށެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބުނެފައިވަނީ މީގެ ކުރިން އެ ސެންޓަރުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުން ޑޮކްޓަރަށް ދެއްކުމަށް ހަމަޖައްސައިދެމުން އައި އޮންލައިން ކޮންސަލްޓޭޝަންގެ ޚިދުމަތް ވެސް އެ ބަދަލާއެކު ހުއްޓާލައިފައިވާކަމަށެވެ.
އެޗްޕީއޭއިން ލަފާދެނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުން ނުވަތަ ކޮވިޑް ޕޮޒިޓިވް މީހަކާ ޑައިރެކްޓް ކޮންޓެކްޓު ވެފައި ކަރަންޓީނުގައި ތިބި މީހުން ސިއްހީ ފަރުވާ ހޯދުމަށް އެންމެ ކައިރީގައި ހުންނަ ސިއްހީ ފަރުވާދޭ މަރުކަޒަކަށް ގުޅައިގެން އޮންލައިން ކޮންސަލްޓޭޝަން ނުވަތަ އެ މަރުކަޒަކުން އަމަލުކުރާ އުސޫލެއްގެ މަތިން އަަމަލުކުރުމަށެވެ.
ކޮވިޑް ބަލި ރާއްޖެއިން ފެނުމާ ގުޅިގެން ބަލި ކޮންޓްރޯލްކޮށް އަވަސް ޚިދުމަތް ދިނުމަތް ގާއިމްކުރި އެމަޖެންސީ ސެންޓަރުގެ މަސައްކަތް ރަަސްމީ ގަޑިއަށް ބަދަލުކޮށްފައި މިވަނީ ފުރަތަމަ ފަހަރަށެވެ.
ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ބޮޑު ތަނުން ދަށް ވުމުން މީގެ ދެ އަހަރު ކުރިން އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ވެސް ވަނީ މިދިޔަ މަހުގެ ތެެރޭގައި އުވާލާފައެވެ.