އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެ ހަތަރު ވަނަ މަގާމަށް އަލުން އަރަން ލިބުނު ފުރުސަތު ޓޮޓެންހަމުން ނަގާލައިފިއެވެ.

ރޭގެ މެޗަށް ނިކުތްއިރު، ޓޮޓެންހަމް އޮތީ 57 ޕޮއިންޓާއެކު ލީގު ތާވަލްގެ ފަސް ވަނަ މަގާމުގައެވެ. އެއީ މިއަދު ކުޅުނު މެޗުން މޮޅުވެ އާސެނަލުން ހަތަރު ވަނަ މަގާމަށް ޖެހިލުމުންނެވެ. ނަމަވެސް، ރޭގެ މެޗުން މޮޅުވެ ޕޮއިންޓުގެ ގޮތުން އާސެނަލާ އެއްވަރުކުރުމުގެ ފުރުސަތު ޓޮޓެންހަމަށް އޮތެވެ.

ބްރެންޓްފޯޑުގެ ދަނޑުގައި ރޭ ކުޅުނު މެޗު ޚާއްސަވަނީ ދާދި ފަހުން އެ ޓީމަށް ގުޅުނު ކްރިސްޓިއަން އެރިކްސަންއަށަވެ. މިއީ ޓޮޓެންހަމް ދޫކޮށް، ބްރެންޓްފޯޑާ ގުޅުނު ފަހުން އޭނާ ޓޮޓެންހަމާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗެވެ.

މެޗު ފަށައިގެން 17 ވަނަ މިނެޓުގައި ބްރެންޓްފޯޑުގެ އިވާން ޓޮނޭ ފޮނުވާލި ހަމަލާ އަމާޒުވީ ޓޮޓެންހަމްގެ ގޯލު ދަނޑިއަށެވެ. އޭގެ ފަހުން ވެސް ދެ ޓީމުން ވެސް ވަނީ ހަމަލާތަކެއް އުފައްދާފައެވެ.

މެޗުގެ 54 ވަނަ މިނެޓުގައި އެރިކްސަން ފޮނުވާލި ހަމަލާ ގޯލަށް އަމާޒުވާ ގޮތެއް ނުވިއެވެ. އޭގެ 67 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ރޮޑްރިގޯ ބެންޓަންކޫ ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިންނެވެ.

އޭގެ ފަހުން މެޗުގެ 89 ވަނަ މިނެޓުގައި ޓޮޓެންހަމަށް ލިބުނު ހިލޭ ޖެހުމެއްގައި ސޮން ހުއެން-މިން ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާ ގޮތެއް ނުވިއެވެ.

މެޗުން އެއްވަރުވެ ލިބުނު އެއް ޕޮއިންޓާއެކު ޓޮޓެންހަމް މިހާރު އޮތީ 33 މެޗުން ލިބުނު 58 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނަ މަގާމުގައެވެ. އެ އަދަދަށް މެޗު ކުޅެގެން ލިބުނު 60 ޕޮއިންޓާއެކު އާސެނަލް އޮތީ ހަތަރު ވަނައިގައެވެ.

ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ރަށުން ބޭރުގައި ނިއުކާސަލުން ވަނީ 3-0އިން ނޯވިޗް ސިޓީ ބަލިކޮށްފައެވެ. އަދި ލެއިސްޓާ ސިޓީ އާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.