ގދ. ފަރެސްމާތޮޑާ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަރިހުގައި އެދުމަށް ގދ. އަތޮޅު ކައުންސިލުން ނިންމައިފިއެވެ.

ފަރެސްމާތޮޑާ ކައުންސިލްގެ ނައިބު ރައީސް ނަސްރުﷲ މުޙައްމަދު "ސަން"އަށް ވިދާޅުވީ ގދ. އަތޮޅު ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 39 ވަނަ ބައްދަލުވުމުގެ މަޝްވަރާގެ މަތިން އެ ރަށުގެ އެއާޕޯޓު ބޮޑުކުރަން ނިންމާފައިވާކަމަށެވެ.

"2019 ވަނަ އަހަރު ނިމިދިޔަ ކައުންސިލުން ވެސް ވަނީ ނިންމާފަ ރައީސަށް ދަންނަވަން މި ރަށުގެ އެއާޕޯޓު ބޮޑުކުރުމަށް. މި ކައުންސިލުން ވެސް ހަމަ އެގޮތަށް އަމަލުކުރުމަށް މި ނިންމީ," ނަސްރުﷲ ވިދާޅުވިއެެވެ.

އޭނާ ވިދާޅުވީ ގދ. އަތޮޅަކީ ފަތުރުވެރިކަމަށް ދޮންވެ ފައްކާވަމުން އަންނަ އަތޮޅެއްކަމަށެވެ. އެހެންކަަމުން އެ އަތޮޅުގެ ފަތުރުވެރިކަން ކުރިއެރުވުމަށް އިންޓަނޭޝަނަލް އެއާޕޯޓްއެއް އޮތުމަކީ ވަރަށް މުހިންމުކަމެއްކަމަށް ނަސްރުﷲ ވިދާޅުވިއެވެ.

ގިނަ ބައެއްގެ މަޝްވަރާގެ މަތިން އެ އަތޮޅުގެ އިންޓަނޭޝަނަލް އެއާޕޯޓަކަށް ފަރެސްމާތޮޑާ އެއާޕޯޓުހެދުމަށް ނިންމައި، އެ އެއާޕޯޓު ބޮޑުކުރުމަށް އެދުމަށް މިހާރު ތައްޔާރުވަމުން ދާކަމަށް ވެސް ނަސްރުﷲ ވިދާޅުވިއެވެ.

"ފަރެސްމާތޮޑާ އެެއާޕޯޓަކީ މާބޮޑު ޚަރަދެއް ނުކޮށް ބޮޑުކުރެވޭނެ އެއާޕޯޓަކަށް ވުމުން އަޅުގަނޑުމެން މި ނިންމީ މި އެއާޕޯޓް ބޮޑުކުރަން،" ނަސްރުﷲ ވިދާޅުވިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ފަރެސްމާތޮޑާ އެއާޕޯޓް ހެދުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގައި 1.2 ކިލޯ މީޓަރުގެ ރަންވޭއަކާއި ޓެކްސީވޭ އަދިއޭޕްރަން އާއި ސާވިސްރޯޑު ތަރައްގީ ކުރާނެ އެވެ.

އެ މަޝްރޫއުގެ އަގަކީ 144.8 މިލިއަން ރުފިޔާއެވެ. އެ މަޝްރޫއު ނިންމާލެވޭނެކަމަށް ލަފާކުރެވެނީ އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށެވެ.

އިންޓަނޭޝަލް އެއާޕޯޓަކަށް ހެދުމަށް 1.8 ކިލޯ މީޓަރުގެ ރަންވޭއެއް އޮންނަންޖެހެއެވެ. އެހެންކަމުން އެ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމަށް އެ އެއާޕޯޓުގެ ރަންވޭ ބޮޑުކުރަންޖެހޭނެއެެވެ.