ފްރާންސްގެ ހުޅަނގު ދެކުނުގައި އޮޒާރު ހަތޯރާވާ ޓޯލޫސް ނަމަކަށް ކިޔާ ރަށުގައި ހުންނަ ޔަހޫދީ ސްކޫލެއްގެ ބޭރުގައި ތިބި ދަރިވަރުންނާއި ބެލެނިވެރިންގެ ތެރެއަށް މީހަކު ބަޑިޖަހައި ތިން ކުދިންނާއި ބޮޑުމީހަކު މަރާލައިފި އެވެ.

ފްރާންސްގެ މީޑިއާތަކާ ހަވާލާދީ ބީބީސީ ބުނީ ސްކޫލްގެ ބޭރުގައި ތިބި ދަރިވަރުންނާއި ބެލެނިވެރިންގެ ތެރެއަށް ބަޑިޖެހީ ސްކޫޓަރެއްގައި އައި މީހެއް ކަމަށާއި ހަމަލާ ދިނުމަށް ފަހު އެމީހާ ފިލާފައިވާ ކަމަށެވެ.

ބަޑީގެ ހަމަލާއަށް ފަހު ހަމަލާ ދިން މީހާ ހޯދަން ފުލުހުން ކުރާ މަސައްކަތުގައި ޓޯލޫސްގެ ގިނަ މަގުތަކެއް ފުލުހުން ވަނީ ބަންދުކޮށްފަ އެވެ.

ފްރާންސްގެ ހުރިހާ ޔަހޫދީ ސްކޫލްތަކެއްގައި ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު ކްލައުޑޭ ގުއާންޓް ވަނީ އަމުރުކުރައްވާފަ އެވެ. އަދި ބަޑީގެ ހަމަލާ އަމާޒުވި ސްކޫލަށް އޭނާ ޒިޔާރަތްކުރެއްވުމަށް ވެސް ވަނީ ހަޖެހިފަ އެވެ.

މިހާދިސާ ހިނގާފައި މިވަނީ ހަމަ އެގޮތަށް ސްކޫޓަރެއްގައި އައި މީހަކު ފްރާންސް ސިފައިންގެ ތިން މީހުންގެ ގަޔަށް ބަޑިޖަހައި މަރާލިތާ ކުޑަދުވަސްކޮޅެއް ފަހުންނެވެ.