23 Apr 2022, 00:34
އައްޑޫ ސިޓީ ބިން ހިއްކުމުގެ ތައްޔާރީތައް ވަރަށް އަވަހަށް ފަށާނެކަމަށް އެ މަޝްރޫއާ ހަވާލުވި ނެދަލޭންޑްސްގެ އޫޑް ޑްރެޖިން ކުންފުނިން ބުނެފިއެވެ.
އެ މަޝްރޫއުގެ ދަށުން އައްޑޫގައި 194 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
އޫޑް ޑްރެޖިން ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައިވާ ގޮތުން، ބިން ހިއްކުމަށް ވެލި ނެގުމަށް ޓަކައި އެ ކުންފުނިން އޮޕަރޭޓު ކުރާ އެޗްއޭއެމް 318 ޑްރެޖަރު ރާއްޖެއަށް ގެންނާނެއެވެ. އަދި 18 މަސް ދުވަހުގެ ތެރޭގައި މަޝްރޫއު ނިންމާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އިންޑިއާ ސަރުކާރުގެ އެގްޒިމް ބޭންކްގެ 800 މިލައިން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ އެ މަޝްރޫއު ހަވާލުކޮށްފައިވަނީ ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ކުރިއަށްގެންދާ ގޮތަށެވެ.
އޫޑް ޑްރެޖިން ކުންފުނީގެ ބަޔާނުގައިވާ ގޮތުން އެ މަޝްރޫއު ކުރިއަށްދާ އިރު 11 ކިލޯމީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެއެވެ.
ހަމައެއާއެކު، ދެމެހެއްޓެނެވި ގޮތެއްގައި އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދެވޭނެ ގޮތެއް ދިރާސާ ކުރަމުންދާ ކަން ވެސް އެ ކުންފުނިން ފާހަގަކުރިއެވެ. އެގޮތުން ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ކުރިން އެ ސަރަހައްދުގެ މުރަކަ އެހެން ސަރަހައްދަކަށް ބަދަލު ކުރުމުގެ މަސައްކަތް، ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރާނެ ކަމަށް ވެސް އެ ކުންފުނީގެ ބަޔާނުގައިވެއެވެ.
އެ މަޝްރޫއުގެ ދަށުން ހިތަދޫން 90 ހެކްޓަރުގެ ބިމާއި ހުޅުމީދޫން 23.3 ހެކްޓަރުގެ ބިމާއި މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރުގެ ބިމުގެ އިތުރުން ޓޫރިޒަމްގެ ބޭނުމަށް ފަޅުރަށްތަކެއް ހިއްކުމަށް ވެސް ވަނީ ނިންމައިފައެވެ.
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން އޫޑް ޑްރެޖިންއާ ހަވާލުކުރީ މިދިޔަ މަހުގެ 27ގައެވެ. އެއީ މިދިޔަ މަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ފުވައްމުލަކާއި އައްޑޫ ސިޓީއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅެއްގެ ތެރެއިން ހަވާލުކޮށްފައިވާ މަޝްރޫއެެކެވެ.
އެ ދަތުރުފުޅުގައި ރައީސް ވަނީ އައްޑޫ ސިޓީ މަރަދޫ އާއި މަރަދޫފޭދޫގައި އަލަށް ތަރައްގީކުރި ބަނދަރު ހުޅުވައި ދެއްވައި، އައްޑޫގެ މަގުހެދުމުގެ މަޝްރޫއު ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.
އައްޑޫން ބޮޑު ސަރަހައްދެއް ހިއްކާތީ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ މީހުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ މީހުން ބުނާގޮތުގައި އެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އެތައް އަސަރެއް ކުރާނެއެވެ.