22 Apr 2022, 23:16
މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ފޮނުވުމަށް ލިބޭނީ 453 ކޯޓާކަމަށް ސައުދީ އަރަބިއާއިން އިޢުލާންކޮށްފިއެވެ.
މަސްޖިދުލް ޙަރަމްގެ ޓްވިޓާ އެކައުންޓުގައި މިއަދު ވަނީ ގައުމުތަކުން މީހުން ޙައްޖަށް ގެންދިއުމަށް ދީފައިވާ ކޯޓާ ލިސްޓް އާންމުކޮށްފައެވެ. އެ ލިސްޓުގައިވާ ގޮތުން ރާއްޖެއާއި އެފްރިކާގެ ގައުމެއް ކަމަށްވާ ލައިބީރިއާއަށް ލިބެނީ 453 ކޯޓާއެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
މިއީ ރާއްޖެއަށް އެންމެ މަދުން ޙައްޖު ކޯޓާ ލިބުނު އަހަރެވެ. މީގެ ކުރީ އަހަރުތަކުގައި ރާއްޖެއަށް ދެނީ އަހަރަކު 1000 ކޯޓާއެވެ. ނަމަވެސް ސައުދީ ރަސްގެފާނުގެ ހާއްސަ ހުއްދައެއްގެ ދަށުން އާންމުކޮށް އިތުރު ކޯޓާ ރާއްޖެއަށް ދެއެވެ.
ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ފާއިތުވި ދެ އަހަރުވެސް ދިވެހިންނަށް ޙައްޖުގައި ބައިވެރިވެވިފައި ނުވެއެވެ.
ދެހާސްވިހި ވަނަ އަހަރު ސައުދީން ޙައްޖުގައި ބައިވެރިކޮށްފައި ވަނީ އެގައުމުގައި ދިރިއުޅޭ 10،000 މީހެކެވެ. އަދި މިދިޔަ އަހަރު އެ ފުރުސަތު ދިނީ އެގައުމުގައި ދިރިއުޅޭ 60،000 މީހަކަށެވެ.
މިއަހަރު ސައުދީން ވަނީ ޙައްޖުގައި ބައިވެރިވުމުގެ ފުރުސަތު އެއް މިލިއަން މީހުންނަށް ދޭނެ ކަމަށް ބުނެފައެވެ.
މިއަހަރު ޙައްޖަށް ދިއުމަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރަން ޖެހެއެވެ. އަދި ޙައްޖަށް ދެވެނީ 65 އަހަރުން ދަށުގެ މީހުންނަށް ކަމަށް ވާއިރު ދަތުރުކުރެވޭނީ ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކުއެވެ.