މާލެ ސިޓީ ކައުންސިލުން މާލޭގެ އެކި ސަރަަހައްދުތަކުގައި ދީނީ އިރުޝާދުދޭ ބޯޑުތަކެއް ހަރުކޮށްފިއެވެ.

އެ ބޯޑުތައް މާލޭގެ އެކި ސަރަޙައްދުތަކުގައި ހަރުކޮށްފައިވަނީ އިއްޔެއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އެފަދަ ރިވެތި އިރުޝާދުދޭ ބޯޑުތައް ހެދުމަކީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގެ ދަށުން ކުރުމަށް ނިންމާފައިވާ ކަމެއްކަމަށެވެ.

އެ ކައުންސިލުން ބުނީ އެ ބޯޑުތަކުގެ ބޭނުމަކީ ރިވެތި އުސޫލުތައް އާންމު ރައްޔިތުންނަށް ކިޔައިދިނުމާއި ރިވެތި އުސޫލުތަކުން ކަންކަން ކުރުމަށް މީހުންނަށް ބާރުއެޅުން ކަމަށެވެ.

އެ މަސައްކަތް ފެށިކަން އިޢުލާން ކުރައްވަމުން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިވެތި އިރުޝާދުދޭ ކުދި ބޯޑުތަކުގެ އިތުރުން މިފަދަ އިރުޝާދުދޭ ބޮޑެތި ބޯޑުތައް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި މާލޭގެ އެކި ސަރަޙައްދުތަކުގައި ހަރުކުރާނެ ކަމަށެވެ.