އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް މާލޭގެ ތިން ގެއެއްގައި ދެމި ބެނާތައް ނެގުމުން، ސްޕެލިން ބަދަލުކޮށްގެން ރޭ ދެމި ބެނާ ވެސް ފުލުހުން ނަގައިފިއެވެ.

ޕީޕީއެމުން ބުނީ އެ ބެނާ ފުލުހުން ނެގީ ރޭ ފަތިސްވާން ކައިރިވެފައިވަނިކޮށް ކަމަށެވެ.

އަކުރު ބަދަލުކޮށްގެން ކަށިމާހިނގުމާއި ދޫހިމިރިހިނގުން ގުޅޭ ކަންމަތީގައި ހުންނަ ގ. ރަސްތަރި ގޭގައި ރޭ ދެމި ބެނާގައި އިނގިރޭސި އަކުރުން ލިޔެފައިވަނީ "IN DEAR OUT" މި ފަދައިންނެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ކުރިއަށް ގެންދާ ކެންޕެއިންގެ ދަށުން ހެންވޭރުގައި ރައީސް ޔާމީން ދިރިއުޅުއްވައި ގެކޮޅު ކަމުގައިވާ ހ. ދޫވެއްސާއި އަދި ޕީޕީއެމްގެ އޮފީސް ހުންނަ ހ. ހުރަފަ ގޭގެ ބޭރުގައި "އިންޑިއާ އައުޓް" ލިޔެފައިވާ ފެއްސާއި ރަތާ ހުދުގެ ބޮޑެތި ބެނާތައް ހަރުކުރިއެވެ. ނަމަވެސް އިއްޔެ ފުލުހުން ވަނީ އެ ބެނާތައް ނަގާފައެވެ.

ދޫވެހީގައި ހަރުކޮށްފައި ހުރި ބެނާ ފުލުހުން ނެގީ ކޯޓު އަމުރެއްގެ ދަށުން އެގެއަށް ވަނުމަށްފަހުގައެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ހިންގާ ހަރަކާތްތައް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާ ކުރުމުގެ މަސައްކަތް ފަށާފައި ވަނިކޮށް، "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާފައިވުމުން، އެފަދަ ހަރަކާތްތައް ހުއްޓުވުމަށް އަންގަވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ގަރާރެއް ނެރުއްވީ އިއްޔެއެވެ.

ރައީސް ސޮއި ކުރައްވައި ނެރުއްވި "އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުން" ގަރާރުގައި ވަނީ އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ރާއްޖޭގެ އަމަންއަމާންކަމާއި ހަމަޖެހުން ގެއްލި، ރާއްޖޭގެ އިގުތިސާދަށާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަންޖެހި، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އެކަހެރިވުމުގެ ބިރު އޮތް ކަމަށް ބުނެފައެވެ.

އެހެންކަމުން ރައީސް ވަނީ، އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ކަނޑައަޅުއްވައި، އެކަން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް އަންގަވާފައެވެ.

ރައީސް ޔާމީންގެ ގެކޮޅުގައި ދަމައިފައިވާ "އިންޑިއާ އައުޓް" ޖެހި ބޮޑު ބެނާ، ފުލުހުން ގޮސް "ވަގުތުން ވަގުތަށް" ނަގަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވެސް މީގެ ކުރިން ވިދާޅުވިއެވެ.

އިދިކޮޅު ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެފައިވަނީ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތައް ނުރައްކަލެއް ކަމަށް ވިދާޅުވެ ރައީސް ނެރުއްވި ގަރާރު ބާތިލް ކުރަން ކޯޓަށް ވެސް ދާނެ ކަމަށެވެ.

މީގެ އިތުރުން އަދުރޭ ވިދާޅުވީ އެ ގަރާރަކީ ގާނޫނާ ހިލާފު ގަރާރެއް ކަމަށެވެ.