ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިއްޔެ ރިޔާސީ ބަޔާން އިއްވި ވަގުތު އެކަމާއި ދެކޮޅަށް އެމްޑީޕީން ކުރި މުޒާހަރާއާ ގުޅިގެން މާލޭގައި ހިނަގަމުންދާ ހަމަނުޖެހުންތަކުގައި މިއަދު ހެނދުނާ އާއި ހަމަޔަށް 99 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މިހާތަނަށް ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ހަ ކުޑަ ކުދިންނާއި 13 އަންހެނުންނާއި 80 ފިރިހެނުން ހިމެނެ އެވެ.

ފުލުހުން ބުނީ އެމީހުންގެ ތެރެއިން 14 މީހަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. ނަމަވެސް އެމީހުން ޕޮޒިޓިވްވީ މަސްތުވާތަކެތީގެ ކޮން ބާވަތަކަށް ކަމެއް ވެސް އަދި އެއީ ކޮން ބައެއް ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.

އިއްޔެގެ ހަމަނުޖެހުންތަކުގައި ފުލުހުންގެ 11 މީހަކަށް އެކި ވަރުގެ އަނިޔާވެފާވާއިރު އެކެއްގެ ހާލު ސީރިއަސްވެފައިވާތީ އެމީހާ ވަނީ ރާއްޖެއިން ބޭރަށް ފުރުވާލާފަ އެވެ.