އިދިކޮޅު ކޯލިޝަނުން އިސްވެ ހިންގަމުން އަންނަ އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާކަމަށް ނިންމަވާ ރައީސް މިއަދު ނެރުއްވި ގަރާރާއެކު، އެ ކެމްޕޭނުގައި ބޭނުން ކުރަމުން އަންނަ ބެނާތަކުގައިވާ އިބާރާތުގެ ސްޕެލިން ބަދަލުވެއްޖެއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ހިންގާ ކެމްޕޭނުގެ ދަށުން މާލޭގެ އިމާރާތްތަކުގައި ދަމަމުން އަންނަ ބެނާ ތަކުގެ ތެރެެއިން، ކަށިމާހިނގުމާއި ދޫހިމިރިހިނގުން ގުޅޭ ކަންމަތީގައި ހުންނަ ގ.ރަސްތަރި ގޭގައި މިރޭ ދެމި ބެނާގައި އިނގެރޭސި އަކުރުން ލިޔެފައިވަނީ "IN DEAR OUT" މި ފަދައިންނެވެ.

މީގެ ކުރިން އެ ކެމްޕޭނުގެ ދަށުން ޕީޕީއެމް އޮފީސް ހުންނަ ހ. ހުރަފާ އާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އަމިއްލަ ގެކޮޅު، ހ. ދޫވެހީގެ އިތުރުން ވެސް ބައެއް އިމާރާތްތަކުގައި އެފަދަ ބެނާތައް ވަނީ ދަމާފައެވެ. ފުލުހުން މިއަދު ވަނީ ކޯޓު އަމުރާއެކު ގޮސް އެެ ބެނާތައް ނަގާފައެވެ

އިދިކޮޅު ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ވަނީ ރައީސްގެ ގަރާރާ އެކު ވެސް އެ ހަރަކާތް ނުހުއްޓުވޭނެ ކަމަށާއި، ދަމާ ބެނާތައް އަދިވެސް އިތުރުވަމުން ދާނެ ކަމަށް ވިދާޅުވެފައެވެ.