20 Mar 2012, 10:09
ޓޯކިޔޯ (މާޗް 20) : އުތުރުކޮރެޔާއިން ޖައްވަށް ފޮނުވުމަށް މަސައްކަތްކުރާ ސެޓަލައިޓް ވައްޓާލަންޖެހިދާނެކަމުގެ އިންޒާރު ޖަޕާނުން ދީފިއެވެ.
ޖަޕާނުގެ ދިފާޢީ ވަޒީރު ނާވްކީ ޓަނާކާ ވިދާޅުވީ އަންނަ އެޕްރީލްމަހު ޖައްވަށް ފޮނުވުމަށް އުތުރުކޮރެޔާއިން މަސައްކަތްކުރާ ސެޓަލައިޓް ވައްޓާލަންޖެހިދާނެ ކަމަށާއި އެކަންކުރުމާބެހޭގޮތުން ޖަޕާން ވިސްނަމުންދާ ކަމުގައެވެ. ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން ޓަނާކާ ވިދާޅުވީ "އުތުރުކޮރެޔާގެ ސެޓަލައިޓް ވައްޓާލުމަށް ޖަޕާނުގެ ދިފާޢީ ބާރުތަކަށް އަމުރުކުރުމާމެދު މިދަނީ ވިސްނަމުން" ކަމުގައެވެ.
އެމެރިކާއިން ޖަޕާން ހޯދާފައިވާ މިސައިލާ އިދިކޮޅު ނިޒާމެއް ކަމަށްވާ "ޕެޓްރިޔޮޓް 3" މަރުކާގެ ބެޓްރީއާއި "ޕާކް 3" މަރުކާގެ ބެޓްރި ތަކަކީ ސެޓަލައިޓް ފޮނުވާލުމަށް އުތުރުކޮރެޔާ ބޭނުންކުރާނެ ކަމަށް ބެލެވޭ ދުރުރާސްތާގެ މިސައިލް ވައްޓާލުމުގެ ޤާބިލްކަން ލިބިގެންވާ ނިޒާމް ތަކެކެވެ. ނަމަވެސް މިފަދަ ޢަމަލެއް ހިންގައިފިނަމަ އުތުރުކޮރެޔާއިން ޖަޕާނަށް ވަރުގަދަ ރައްދެއްދިނުމަކީ އެކަށީގެންވާ ކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.
ޖަޕާނަށް ލިބިފައިވާ އެމެރިކާގެ މިސައިލާ އިދިކޮޅު ނިޒާމްތަކަކީ 100 ޕަސެންޓް ގެރެންޓީ ނިޒާމްތަކެއް ނޫނެވެ. އެއީ ގާތްގަނޑަކަށް 65 ޕަސެންޓް ގެރެންޓީއޮތް ނިޒާމްތަކެކެވެ. އެހެންކަމުން އުތުރުކޮރެޔާއާއެކު ކުރިމަތިލުމަކަށް ދިޔުމަކީ ޖަޕާންފަދަ ގިނަޢަދަދެއްގެ ފެކްޓްރީއާއި ސިނާޢީ ވަސީލަތްތައް ޤާއިމްކޮށްފައިވާ ޤައުމަކަށް ރައްކާތެރިގޮތެއްނޫން ކަމަށް ތަޖްރިބާކާރުން ދެކެއެވެ.
އުތުރުކޮރެޔާއިންވަނީ އަންނަ އެޕްރީލްމަހު ޖައްވަށް ސެޓަލައިޓެއް ފޮނުވުމަށް ހަމަޖައްސައި ސެޓަލައިޓް ފޮނުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ބައިނަލްއަޤްވާމީ ނޫސްވެރިންނަށާއި ބޭރުޤައުމުތަކުގެ ތަޖްރިބާކާރުންނަށް ދަޢްވަތުދީފިއެވެ. 1999 ވަނަ އަހަރު އުތުރުކޮރެޔާއިންވަނީ ތަޖްރިބާކުރުމުގެ ގޮތުން ޑަމީ ސެޓަލައިޓެއް ޖައްވަށް ފޮނުވާފައެވެ. ނަމަވެސް ފަންނީ މައްސަލައަކާގުޅިގެން އެމަސައްކަތްވަނީ ފޭލްވެފައެވެ. ނިއުކްލިޔަރ ހަތިޔާރު ތަޖްރިބާކޮށްފައިވާ އުތުރުކޮރެޔާއަކީ ދުރުރާސްތާގެ މިސައިލްއުފެއްދުމާއި ސެޓަލައިޓް އުފެއްދުމުގެ ޤާބިލްކަން ލިބިގެންވާ ޤައުމެކެވެ.
ސެޓަލައިޓެއް ޖައްވަށް ފޮނުވާކަން އުތުރުކޮރެޔާ ހާމަކޮށްފައިމިވަނީ ނިއުކްލިޔަރ ހަތިޔާރާއި ދުރުރާސްތާގެ މިސައިލް ތަޖްރިބާކުރުން ހުއްޓާލައި ނިއުކްލިޔަރ ވާހަކަތަކަށް އަލުން އެނބުރި ރުޖޫޢަވުމަށް އުތުރުކޮރެޔާ އެއްބަސްވެއްޖެ ކަމަށް އެމެރިކާ ބުނެފައިވަނިކޮށެވެ. އެހެންކަމުން ޖައްވަށް ސެޓަލައިޓެއް ފޮނުވާކަން އުތުރުކޮރެޔާ އިޢްލާންކުރުމުން އެމެރިކާއާއި ޖަޕާންވަނީ ސިހުމާއެކު ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޖަޕާނަކީ ތަރައްޤީ ވެފައިވާ ޤައުމެއްނަމަވެސް ދިފާޢީ ކަންކަމުގައި އެމެރިކާއަށް ބަރޯސާކުރާ އަދި އެމެރިކާގެ ނުފޫޒުގެ ދަށުގައިވާ ޤައުމެކެވެ. ދެކުނުކޮރެޔާއަކީ ފަގީރު އަދި އެކަހެރި ޤައުމެއް ނަމަވެސް އެއީ ދިފާޢީ ކަންކަމުގައި އަމިއްލަ ނަފްސަށް ބަރޯސާކުރާ އަދި އެމެރިކާގެ ނުފޫޒުގެ ދާއިރާއިން މިނިވަންވެފައިވާ ޤައުމެކެވެ. -- ނޫސްއެޖެންސީތައް