21 Apr 2022, 13:34
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ގެކޮޅުގައި ހަރުކޮށްފައި ހުރި 'އިންޑިއާ އައުޓް' ބެނާ ތިން ގަޑިއިރުގެ މަސައްކަތުން ފުލުހުން ނަގައިފިއެވެ.
ފުލުހުން އެ ބެނާ ނެގީ ކޯޓު އަމުރެއްގެ ދަށުން މިއަދު ރައީސް ޔާމީންގެ ގެކޮޅު، ހ. ދޫވެއްސަށް ވަނުމަށްފަހުގައެވެ.
ޕީޕީއެމްގެ އޮފީސް ހިންގާ ހ. ހުރަފާ ގޭގެ ބޭރުގައި ހަރުކޮށްފައި ހުރި އިންޑިއާ އައުޓް ބެނާ ވެސް މިއަދު ފުލުހުން ވަނީ ނަގާފައެވެ.

ބެނާ ނެގުމަށް ފުލުހުން ޔާމީންގެ ގެކޮޅަށް ވަތް ވަގުތު ޕީޕީއެމްގެ ސަޕޯޓަރުން އެ ސަރަހައްދަށް އެއްވެފައި-- ސަން ފޮޓޯ: އަޙްމަދު އާޒިފް
ރައީސް ޔާމީންގެ ގެކޮޅަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަތް ނަމަވެސް 13 ވަނަ ފަންގިފިލާއިން މައްޗަށް މީޑިއާތަކަށް އެރުމުގެ ހުއްދައެއް ނުދިނެވެ. ނަމަވެސް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންނަށް ފުލުހުން ވަނީ އެ ފުރުސަތު ދީފައެވެ.
ބެނާ ނެގުމަށް ދަތިތަކެއް ކުރިމަތިވީ އެ ބެނާ ހަރުކޮށްފައި ހުރި ގޮތުންނެވެ. އެ ނެގުމުގެ މަސައްކަތަށް ގާތްގަނޑަކަށް ތިން ގަޑިއިރެއްހާއިރު ހޭދަވިއެވެ.

ޕީޕީއެމްގެ އިސް ބޭފުޅުން ޔާމީންގެ ގެކޮޅު ކައިރި އިހުތިޖާޖު ކުރަނީ-- ސަން ފޮޓޯ: އަޙްމަދު އާޒިފް
މާލޭގެ ގެތަކުގެ ބޭރު ފާރުގައި ދަމާފައިހުރި "އިންޑިއާ އައުޓް" ބެނާތައް ނެގުމަށް އިއްޔެ ފުލުހުން ވަނީ އަންގައިފައެވެ.
"އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާފައިވުމުން، އެފަދަ ހަރަކާތްތައް ހުއްޓުވުމަށް އަންގަވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވަނީ ގަރާރެއް ވެސް ނެރުއްވައިފައެވެ.