އިދިކޮޅު ޕީޕީއެމް އޮފީސް ހިންގާ ހ. ހުރަފާ ގޭގެ ބޭރުގައި ހަރުކޮށްފައިހުރި 'އިންޑިއާ އައުޓް' ބެނާ ނަގައިފިއެވެ.

ޕީޕީއެމްގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވީ, އެ އޮފީހުގެ ބޭރުގައި ދަމާފައިވާ އިންޑިއާ އައުޓް ބެނާ މިއަދު ފުލުހުން ނަގާފައިވަނީ ކޯޓު އަމުރެއްގެ ދަށުން އެ އޮފީހަށް ވަނުމަށްފަހު ކަމަށެވެ.

ޕީޕީއެމް އޮފީހުގައި ހުރި ބެނާ ނަގާފައިވާއިރު, ފުލުހުން އަންނަނީ ކޯޓު އަމުރެއްގެ ދަށުން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ދިރިއުޅުއްވާ ހ. ދޫވެހީގައި ވެސް ހަރަކާތްތެރިވަމުންނެވެ.

ޕީޕީއެމް އޮފީސް ބޭރުގައި ދަމާފައިހުރި އިންޑިއާ އައުޓް ބެނާ ފުލުހުން ނަގާފައި --- ފޮޓޯ: ޕީޕީއެމް

އެނގިފައިވާ ގޮތުގައި ފުލުހުން ހ. ދޫވެއްސަށް ވަދެފައި ވަނީ އެ ގޭގެ ބޭރުގައި ހަރުކޮށްފައިވާ "އިންޑިއާ އައުޓް" ބެނާ ނެގުމަށެވެ.

މާލޭގެ ގެތަކުގެ ބޭރު ފާރުގައި ދަމާފައިހުރި "އިންޑިއާ އައުޓް" ބެނާތައް ނެގުމަށް އިއްޔެ ފުލުހުން ވަނީ އަންގައިފައެވެ.

"އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާފައިވުމުން، އެފަދަ ހަރަކާތްތައް ހުއްޓުވުމަށް އަންގަވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވަނީ ގަރާރެއް ވެސް ނެރުއްވައިފައެވެ.