25 Apr 2022, 10:56
ޑާކް ސާކަލްސް ނުވަތަ ލޯ ކައިރި ކަޅުވުމަކީ ގިނަ ބަޔަކަށް ދިމާވާ އާންމު މައްސަލައެކެވެ. މި މައްސަލައަކީ އެއްވެސް ސިއްހީ މައްސަލައަކާ ނުލާވެސް ކުރިމަތިވެދާނެ މައްސަލައެކެވެ. ނަމަވެސް، މި މައްސަލައަށް ފަރުވާ ކުރެވޭނީ ބަލި ޖެހެން މެދުވެރިވާ ސަބަބު ދެނެގަނެވިގެންނެވެ.
އިންސާނާއަށް ބޭނުންވާ ވަރަށް ނިދި ނުލިބުމަކީ ލޯކައިރި ކަޅުވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ. ލޮލުގެ ދަށުގައި ހުންނަ ހަންގަނޑަކީ ތަފާތު ހަންގަނޑެކެވެ. މި ހަންގަނޑަކީ ތުނި ހަންގަނޑަކަށް ވުމާއެކު އެކަށީގެންވާ މިންވަރަށް ނިދި ނުލިބުމަކީ ލޯ ކައިރީގައިވާ ލޭހޮޅިތައް ޑައިލޭޓްވާ ނުވަތަ ފުޅާވާ ކަމެކެވެ. މިކަމުގެ ސަބަބުން ލޯ ކައިރީގައި ލޭ ދައުރުވާ މިންވަރު އިތުރުވެ، ލޯ ކައިރި ކަޅުވުމަށް މެދުވެރިވެއެވެ. އެހެންކަމުން، ރޭގަނޑު ރަނގަޅަށް ނިދުމަކީ މުހިންމު ކަމެކެވެ.
އުމުރުން ދުވަސްވުމަކީ ވެސް ލޯ ކައިރި ކަޅުވުމަށް މެދުވެރިވާ ކަމެކެވެ. އިންސާނާގެ އުމުރުން ދުވަސްވާ ވަރަަކަށް ލޮލުގެ ވަށައިގެންވާ ޓިޝޫތައް ތުނިވާން ފަށައެވެ. މިކަމުގެ ސަބަބުން ލޯކައިރި ފުއްޕާ އަދި ލޯކައިރި ކަޅުވެގެން ދެއެވެ. މި މައްސަލައަށް ލިބެން ހުންނަ ފަރުވާތަކުގެ ތެރޭގައި ފިލާސް، ލޭޒާ ތެރަޕީ ފަދަ ފަރުވާތައް ހިމެނެއެވެ.
ލޯ ކައިރި ކަޅުވުމަކީ އާއިލީީ ގޮތުން ވާރުތަވާ ކަމެއް ކަމަށް ގިނަ ސައިންސްވެރިން ގަބޫލު ކުރެއެވެ. ދެހާސް ފަނަރަ ވަނަ އަހަރު ބްރެޒިލްގެ މެޑިކަލް ޖާނަލްއެއް ކަމަށްވާ އެނިސް ބްރެސިލައިރޯސް ޑި ޑާމަޓޮލޮޖީގައި ޝާއިޢުކޮށްފައިވާ ދިރާސާއެއްގައިވަނީ އެއް އާއިލާގެ މެންބަރުންގެ މެދުގައި ލޯ ކައިރި ކަޅުވުމުގެ ފުރުސަތު ބޮޑު ކަމަށް ދައްކާފައެވެ.
ކޮލާޖެން އަދި މެލަނިން އިންސާނާގެ ހަށިގަނޑުގައި އުފެދޭ މިންވަރަކީ ވެސް އާއިލީ ގޮތުން ވާރުތަވާ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ކޮލާޖެންއަކީ ހަށިގަނޑުގައިވާ ޕްރޮޓީން އެކެވެ. މި ޕްރޮޓީން އަކީ ހަންގަނޑު ރޫ ޖެހުންފަދަ ކަންކަމުން ދުރުކޮށްދޭ ޕްރޮޓީންއެކެވެ. އަދި ކޮލާޖެން އާއި މެލަނިން އިތުރުވުމުން ލޯ ކައިރި ކަޅުވުމަށް މަގުފަހިވެއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމާއި މަސްތުވާތަކެތި ބޭނުންކުރުމަކީ ހަންގަނޑު ޑީހައިޑްރޭޓްވެ، ލޯ ކައިރި ކަޅުވުމަށް މަގުފަހިކޮށްދޭ ކަމެކެވެ. މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ލޯ ކައިރީގައިވާ ލޭހޮޅިތައް ފުޅާވެ، ލޯ ކައިރި ކަޅުވެގެންދެެއެވެ.
ސިނގިރޭޓުގައި ހުންނަ ކާބަންމޮނޮކްސައިޑްގެ ސަބަބުން ހަންގަނޑަށް އޮކްސިޖަން ލިބޭ މިންވަރު މަދުވެގެންދެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ކޮލާޖެން ލިބޭ މިންވަރު މަދުވެ، މުސްކުޅިވުން ވެސް އަވަސްކޮށްދޭ ކަމެކެވެ.