21 Apr 2022, 12:22
"އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާފައިވުމުން، އެފަދަ ހަރަކާތްތައް ހުއްޓުވުމަށް އަންގަވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ގަރާރެއް ނެރުއްވައިފިއެވެ.
ރައީސް ސޮއިކުރައްވައި މިއަދު ގެޒެޓުކޮށްފައިވާ "އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުން" ގަރާރުގައި ވަނީ އިންޑިއާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި، ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ބައްދަލުވުމުގައި ކަނޑައަޅާފައިވާ ކަމަށެވެ.
އެ މަޖިލީހުން ނިންމާފައި ވަނީ، އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭނުތަކަކީ ގައުމީ ސަލާމަތާ ގުޅުން ހުރި، ނުރައްކާ އޮތް ކަމެއް ކަމަށް ރައީސްގެ ގަރާރުގައިވެއެވެ.
އެ ގަރާރުގައި ވަނީ، ސަރުކާރުގެ ސިޔާސަތަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ދެވޭނެ އެންމެ ފުޅާމިނެއްގައި ޖާގަ ދިނުން ކަމުގައިވީ ނަމަވެސް އިންޑިއާ އައުޓް ހަރަކާތް ކުރިއަށް ގެންދަނީ އެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، ރާއްޖޭގެ ސުލްހަ މަސަލަސްކަން ނަގާލުމުގެ ނިޔަތުގައި ކަމަށް ބުނެފައެވެ.
ހަމައެއާއެކު، އެ ހަރަކާތަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށާއި މި ސަރަހައްދުގެ އަމަންއަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅުމަށް ރާވައިގެން ކުރިއަށްގެންދާ ކެމްޕޭނެއް ކަމަށް ވެސް ގަރާރުގައިވެއެވެ.
މީގެ އިތުރުން އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ރާއްޖޭގެ އަމަންއަމާންކަމާއި ހަމަޖެހުން ގެއްލި، ރާއްޖޭގެ އިގުތިސާދަށާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަންޖެހި، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އެކަހެރިވުމުގެ ބިރު އޮތް ކަމަށް ގަރާރުގައިވެއެވެ.
އެ ނުރައްކަލުން ރާއްޖެ ސަލާމަތް ނުކުރެވިއްޖެ ނަމަ ފޫނުބެއްދޭ ފަދަ ގެއްލުންތަކެއް ލިބި، ރާއްޖެއަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމެހެއްޓުމަށާއި ބޭރުގައި ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނާއި ބޭރު ގައުމުތަކަށް ޒިޔާރަތްކުރާ ދިވެހިންނަށާއި ރާއްޖޭގައި ތިބި ބިދޭސީންނަށް ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަމާއި ހމާޔަތް ޔަގީންކޮށްދިނުމަށް ދަތިވާނެ ކަމަށް ވެސް ގަރާރުގައިވެއެވެ.
އެހެންކަމުން ރައީސް ވަނީ، އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ކަނޑައަޅުއްވައި އެކަން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް އަންގަވާފައެވެ.
ރައީސް އެ ގަރާރު ނެރުއްވުމުގެ ކުރިން، އިއްޔެ ފުލުހުން ވަނީ މާލޭގެ ގެތަކުގެ ބޭރު ފާރުގައި ދަމާފައިހުރި "އިންޑިއާ އައުޓް" ބެނާތައް ނެގުމަށް އަންގައިފައެވެ. އަދި މިއަދު ފުލުހުން ވަނީ ޕީޕީއެމްގެ އޮފީސް ހުންނަ ހ. ހުރަފަ ގޭގެ ބޭރުގައި ހަރުކޮށްފައިވާ ބެނާ ނަގާފައެވެ.