21 Apr 2022, 11:16
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރެއްވިއެވެ. "إذَا صَلَّى أَحَدُكُمْ لِلنَّاسِ فَلْيُخَفِّفْ، فَإِنَّ فِيهِمْ الضَّعِيفَ وَالسَّقِيمَ وَذَا الْحَاجَةِ، وَإِذَا صَلَّى أَحَدُكُمْ لِنَفْسِهِ فَلْيُطَوِّلْ مَا شَاءَ"(متفق عليه) މި ހަދީސްގައި އެކުލެވިގެންވާ މާނައަކީ: "ތިޔަބައިމީހުންކުރެ މީހަކު ޖަމާޢަތެއްގެ އިމާމަކުކަމުގައިވެ ހުރެ ނަމާދު ކުރާނަމަ ފަހެ، ނަމާދު ލުއިކުރާހުށިކަމެވެ. ފަހެ، ހަމަކަށަވަރުން އެޖަމާޢަތުގެ ތެރޭގައި، ހަށިގަނޑުގެ ހަކަތަ ދެރަ މީހުންނާއި، ބަލި މީހުންނާއި އަދި މުސްކުޅީންވެސް ތިބޭނެއެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންކުރެ މީހަކު އެކަނި ހުރެ ނަމާދު ކުރާނަމަ، އެމީހަކު ބޭނުން ވަރަކަށް ނަމާދު ދިގުކުރާހުށިކަމެވެ."
މިހަދީސްގައި: ނަމާދު ލުއިކުރުމަށް އޮތް عِلَّة (effective cause) އަކީ ނަމާދު ދިގުކުރުމުގެ ސަބަބުން، "ޖަމާޢަތުގައި ބައިވެރިވެފައިވާ ޙާޖަތްތެރީންނަށް އުނދަގޫކަމެއް ކުރިމަތިވުމެވެ."
ނަމާދު ލުއިކުރުމަށް އިރުޝާދު ދެއްވަވާފައިއެވަނީ އެފަދަ އުނދަގުލަކުން އެބައިމީހުން ސަލާމަތްކުރުމަށްޓަކައެވެ. މި ޢިއްލާއަށް ބަލާއިރު، ހަދީސްގައި ބަޔާންކުރައްވާފައިވާ ހާލަތްތަކުގައިވާ މީހުންނަށްނޫނަސް، ނަމާދުގެ ޖަމާޢަތުގައި ބައިވެރިވާ މީހުންގެ ތެރެއިން ބަޔަކަށް އުނދަގޫ ވެދާނެ ފަދަ ކޮންމެ ހާލަތެއްގައިމެ ނަމާދު ލުއިކޮށްލުން ހުއްދަކަން އެނގެއެވެ.
މި ހަދީސްގައި: "ނަމާދު ލުއިކުރާށޭ" އެ އޮތް ބަސްފުޅުގެ މާނައަކީ (ސޫރަތުލްފާތިޙާ ފިޔަވައި) ނަމާދުގައި ކިޔަވާ ކިޔެވުންތައް ކުރުކޮށްލުމާއި، ރުކޫޢާއި ސަޖިދައިގައި ހޭދަކުރާ ވަގުތު ދިގުނުކުރުންފަދަ ގޮތްގޮތުން ނަމާދު ކުރުކޮށްލާ ވާހަކައެވެ. މިގޮތަށް ނަމާދު ކުރުކޮށްލަން ބޭނުންވެއްޖެނަމަ މާދިގުކޮށް ނުދަމައި، އަވަސްއަވަސްކޮށް ޤުރުއާން ކިޔެވުމާއި، ކުރުކޮށް ޤުރުއާން ކިޔެވުމާއި، ފަހު އައްތަޙިއްޔާތުގައި ގިނަ ދުޢާތައް ނުކިޔައި، އަވަހަށް ނަމާދު ނިންމައިލެވިދާނެއެވެ.
މިޒަމާނުގައި ކުރިމަތިވެދާނެ ތަފާތު ހާލަތްތަކުގައި މި ހަދީސަށް އަމަލުކުރުން
ނަމާދަށް ތިއްބައި މިސްކިތުން ކަރަންޓު ދިއުން ފަދަ ކަމަކުން، ފަންކާ ނުވަތަ އެއާ ކަންޑިޝަންތައް ނިވި ހޫނުގަދަވާން ފައްޓައިފިނަމަ ނަމާދު ލުއިކޮށްލުން.
ބޮޑު ޖަމާޢަތަކާއެކު ނަމާދުކުރަނިކޮށް، މިސްކިތުގެ އަޑުގަދަކުރާ ނިޒާމަށް މައްސަލަޖެހުންފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ނަމާދު ލުއިކޮށްލުން.
މިސްކިތް ފުރިގެން މިސްކިތުން ބޭރުގައި ޖަމާޢަތް ހަދާފައިވަނިކޮށް ވާރޭ ވެހެން ފެށިކަން އިމާމަށް އެނގިއްޖެނަމަ ނަމާދު ލުއިކޮށްލުން.
ހޫނުގަދަ ދުވަހެއްގައި، މިސްކިތުން ބޭރުގައި ޖަމާޢަތް އޮތްނަމަ ނަމާދު ލުއިކޮށްލުން.
ޚުތުބާ ކިޔާ ނަމާދެއްގައި މާ ދިގު ޚުތުބާއެއް ކިޔަން ޖެހިއްޖެނަމަ، ނަމާދު ލުއިކޮށްލުން. (ދިގު ޚުތުބާއަކާއެކު ނަމާދުވެސް ދިގުކޮށްފިނަމަ އެ ނަމާދަކަށް ހޭދަވާ ޖުމުލަ ވަގުތު ވަރަށް ބޮޑަށް ދިގުވެގެންދާނެއެވެ.)
ޢާއްމުކޮށް ލުއިކޮށް ނަމާދުކުރަން އާދަވެފައިވާ ބައެއްގެ އިމާމަކަށް ވާންޖެހޭހިނދު (އެކަން އެނގިފައި އޮތްނަމަ) އެފަދަ ބަޔަކާއެކު ކުރާ ނަމާދު ލުއިކޮށް ކުރުން.
ﷲ ގެ ހަޒުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ އަޅުކަން އަދާކުރުމުގައިވެސް މީސްތަކުންގެ ހާލަތަށް ރިޢާޔަތް ކުރުމަށް އެވަނީ އިރުޝާދު ދެއްވަވާފައެވެ. ނަމަވެސް މި އިރުޝާދާ ފުށުއަރާ ގޮތަށް އަމަލުކުރެވޭތަން މަދުން ނަމަވެސް ފެނެއެވެ. މިދުވަސްވަރަށް ބަލާއިރު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅޭ ސަރަހައްދަކީ ރުކެއް ގަހެއް ނެތް ސަރާސަރު ބިމެކެވެ. އެތައްހާސް ބަޔަކު ނަމާދު ކުރުމަށްޓަކައި މިވަގުތު އަދި ހުރި ކުޑަކުޑަ ދެމުޞައްލާ އަކީ އިންތިހާއަށް ހޫނުގަދަ ދެތަނެވެ. ތާރު އެޅި މަގުތައް އިރުގެ ހޫނުން ދޮންވުމުން، މުޅި ސަރަހައްދުގެ ހޫނުކަން އިތުރަށް ގަދަވެގެން ދެއެވެ. ހުކުރު ނަމާދު (އަދި ކުރިއަށް އޮތް އީދު ނަމާދު)ގެ ޖަމާޢަތަށް ދަމާލާ ސަފުތަކުގައި، މުޞައްލާގެ އެތެރޭގައި ތިބޭ މީހުންނަށްވުރެ ބޭރުގައި ތިބޭ މީހުން ގިނަވާނެކަމަށް ލަފާކުރެވެއެވެ. މުސްކުޅިންނާއި ކުޑަކުދިންނާއި ހާޖަތްތެރީން އެތަނުގައި ތިބޭނެއެވެ. އެހެންކަމުން، ބަންގި ގޮވާ މީހާއާއި ޚުޠުބާ ކިޔާ ފަރާތް (ޚަޠީބު) ވެސް މިކަންކަމަށް ސަމާލުކަން ދޭންޖެހޭނެއެވެ. ހުކުރު ނަމާދަށް ގޮވާ ބަންގި، ރާގުރާގަށް ދިގުކޮށް ނުދަމައި ކުރުކޮށް އަވަސްކޮށް ގޮވައިލާނީއެވެ. ޚަޠީބު މީހާ ޚުތުބާ ކިޔަން އެރުމުގެ ކުރިން ޚުޠުބާ ރަނގަޅަށް ފަރިތަކޮށްލަން ވާނެއެވެ. ސިއްހީ މައްސަލައެއްގެ ސަބަބުން، ޚުޠުބާ ކިޔުން ލަސްވުންފަދަ ކަމެއް ހުންނަ ޚަޠީބުން، އެމީހަކާ އެކަށީގެންވާ ސަރަހައްދެއްގެ މިސްކިތެއްގައި ޚުޠުބާ ކިޔުމަށް އެދެވިދާނެއެވެ. ޚުޠުބާ ހަވާލު ކުރާ ފަރާތުންވެސް ދުރާލައި މިކަން މިގޮތަށް ހަމަޖެއްސިދާނެއެވެ.