21 Apr 2022, 10:50
ކޮވިޑް-19އާ ގުޅިގެން އާސަންދަ ސްކީމްގެ ޚިދުމަތް ދިނުމުގައި ދިން ލުއިތައް އުވާލައިފިއެވެ.
ކޮވިޑާ ގުޅިގެން އާސަންދަ ސްކީމް މެދުވެރިކޮށް، ޑޮކްޓަރަށް ދެއްކޭނެ އުސޫލުތަކާއި ބޭސް ނެގޭނެ އުސޫލުތަކަށް ބަދަލު ގެނައެވެ. އަދި ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ހެއްދުމުގައި އައިޑީކާޑްގެ އަސްލު ގެނައުމާ ނުލައި ކާޑުގެ ނަންބަރު ބުނުމުންވެސް އެޕްއިންޓްމަންޓް ދޫކުރަމުން ދިޔައެވެ. ނަމަވެސް ކޮވިޑްގެ ހާލަތު ރަނގަޅުވުމާ ގުޅިގެން މިހާރުވަނީ އާސަންދައިން ދިން ލުއިތައް އުވާލާފައެވެ.
މިހާރު ގެނައި ބަދަލާއެކު އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ދޭނީ އައިޑީކާޑު ނުވަތަ ޕާސްޕޯޓުގެ އަސްލު ނުވަތަ ކޮޕީ ހުށަހެޅުމުންނެވެ.
ކޮވިޑްގެ ތެރޭގައި، ދިގުމުއްދަތަކަށް ބޭސް ބޭނުންކުރާ މީހުންނަށް ބޭސް ސިޓީ އިއާދަކުރުމަކާ ނުލައި ދެވަނަ ފަހަރުވެސް ބޭސް ނެގޭނެ ގޮތް ހަމަޖެއްސިއެވެ.
ނަމަވެސް ލުއިތައް އުވާލެވުމާއެކު ބޭސް ސިޓީއަކަށް ބޭސް ދޫކުރެވޭނީ އެއްފަހަރެވެ. އަދި އަލުން ބޭސް ނަގަން ޖެހޭނަމަ އައު ބޭސް ސިޓީއެއް ހޯދަންޖެހޭނެއެވެ.
މީގެ އިތުރުން އާސަންދަ ސްކީމްގެ ތެރެއިން ބޭސް ދޫކުރެވޭނީ ހަމައެކަނި އީ-ޕްރިސްކްރިޕްޝަނަށް އެކަންޏެވެ. އަތުން ލިޔެފައިވާ ބޭސް ސިޓީއަށް ބޭސް ދުލެއް ނުކުރާނެއެވެ.
އާސަންދައިން ނެރެފައިވާ ބަޔާނުގައި ވާގޮތުން އޮންލައިން ކޮންސަލްޓޭޝަންގެ ޚިދުމަތް ދެން ފޯރުކޮށްދެވޭނީ ހަމައެކަނި "ވިނަވި" ޕޯޓަލް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުން އެކަންޏެވެ.
އޮންލައިންކޮށް ދައްކާއިރު ބަލި މީހާއަށް އެއްވެސް އިތުރު ޚިދުމަތެއް ނަގަން ރިކުއެސްޓް ކުރާނަމަ، އެ ރިކުއެސްޓެއް ފޮނުވަން ވާނީ "ވިނަވި" ޕޯޓަލްގެ ތެރެއިންނެވެ. "ވިނަވި" ޕޯޓަލްގައި ރެޖިސްޓާ ނުކޮށް އިތުރު ޚިދުމަތެއް ނުހޯދޭނެއެވެ.