21 Apr 2022, 10:22
ސްޕެނިޝް ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި ގްރަނަޑާއާ ދެކޮޅަށް އެތުލެޓިކޯ ކުޅުނު މެޗު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި ނިމިއްޖެއެވެ.
ރޭގެ މެޗު އެއްވަރުވުމުން ލިބުނު އެއް ޕޮއިންޓާއެކު އެތުލެޓިކޯ ވަނީ ތާވަލްގެ ދެ ވަނަ މަގާމަށް ޖެހިލައިފައެވެ. އެއީ 33 މެޗުން ޖުމުލަ 61 ޕޮއިންޓު ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ބާސެލޯނާއަށް 60 ޕޮއިންޓު ލިބެނީ އެތުލެޓިކޯއަށް ވުރެ ދެ މެޗު މަދުން ކުޅެގެންނެވެ.
މިފަހަރުގެ ސީޒަންގައި އެތުލެޓިކޯއާއި ގްރަނަޑާ ބައްދަލުކުރި ފުރަތަމަ މެޗު ކާމިޔާބުކުރީ ގްރަނަޑާއެވެ. ގްރަނަޑާގެ ދަނޑުގައި ކުޅުނު އެ މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 2-1 އިންނެވެ. ދެ ވަނަ މެޗު ރޭ ނިމުނީ އެއްވަރުވެގެންނެވެ.
ރޭގެ މެޗުގައި ޖުމުލަ ގޮތެއްގައި އެތުލެޓިކޯއިން ރަނގަޅަށް ކުޅުނު ނަމަވެސް، ގްރަނަޑާގެ ގޯލަށް އަމާޒުކޮށް އެ ޓީމަށް އޮން ޓާގެޓަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. ގްރަނަޑާއިން ވަނީ އޮން ޓާގެޓަށް ދެ ހަމަލާއެއް ފޮނުވާލާފައެވެ.
ލީގުގައި ރޭ ވިލަރެއާލް ވަނީ އަމިއްލަ ދަނޑުގައި ވެލެންސިއާގެ މައްޗަށް 2-0އިން ކުރި ހޯދާފައެވެ. އަދި ރެއަލް ބެޓިސް ވަނީ އަމިއްލަ ދަނޑުގައި އެލްޗޭ އަތުން 1-0އިން ބަލިވެފައެވެ.
ލީގުގެ އެއް ވަނަ މަގާމުގައި ރެއާލް މެޑްރިޑް އޮތީ 33 މެޗުން ޖުމުލަ 76 ޕޮއިންޓު ހޯދައިގެންނެވެ.