20 Apr 2022, 23:35
ހައި ކޯޓުގެ ދެ ފަނޑިޔާރުން ކަމުގައިވާ ފަނޑިޔާރު ޢަބްދުﷲ ޙަމީދާއި, ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ޖޭއެސްސީން މިރޭ ބުނީ އެ ދެ ފަނޑިޔާރުން ވަކި ކުރުމަށް މަޖިލީހަށް ހުށަހެޅީ ގާނޫނު އަސާސީގެ 152ވަނަ މާއްދާއާއި ޚިލާފަށް، މަޖިލީހުގެ އެއްވެސް ދައުރެއް ނެތި، ސީދާ ސަރުކާރުން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓުތަކަކާއި ހަވާލުވި މައްސަލައިގައި ކަމަށެވެ.
އެ އަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު އަމަލެއް ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.
ފަނޑިޔާރު ޙަމީދާއި، ރައޫފް މަގާމުން ވަކި ކުރުމަށް ޖޭއެސްސީން ނިންމި އިރު، އެ މައްސަލައިގައި ދެން ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ޢަލީ ސަމީރު ވަނީ ދާދި ފަހުން ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައެވެ. އެ މައްސަލަ ޖޭއެސްސީން ބަލަން ފެށީ މިދިޔަ ޖަނަވަރީ މަހުއެވެ.
ފަނޑިޔާރު ރައޫފަކީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން ޖޭއެސްސީގެ މެންބަރުކަން ވެސް ކުރައްވާފައެވެ. އަދި، ފަނޑިޔާރުންގެ އިސްތިއުނާފުގެ މަޖިލީހުގައި ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން މިހާރު އިންނަވަނީ ވެސް އޭނާއެވެ.
ފަނޑިޔާރު ޙަމީދަކީ އަޒުހަރު ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވި ބޭފުޅެކެވެ. އޭނާ ވެސް މީގެ ކުރިން ވަނީ ޖޭއެސްސީގެ މެންބަރުކަން ކުރައްވާފައެވެ.
އެ ދެ ފަނޑިޔާރުން ވަކި ކުރުމަށް މަޖިލީހުން ނިންމައިފި ނަމަ، ހައިކޯޓުގައި އިސް ފަނޑިޔާރާއެކު، ތިއްބަވާނީ ޖުމްލަ އަށް ފަނޑިޔާރުންނެވެ.