20 Apr 2022, 22:24
މާލޭގެ ގެތަކުގެ ބޭރު ފާރުގައި ދަމާފައިހުރި "އިންޑި އައުޓް" ބެނާތައް ނެގުމަށް ފުލުހުން އަންގައިފިއެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ މިލިޓަރީ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް، ޕީއެންސީން ކުރިއަށް ގެންދާ ކެންޕެއިންގެ ދަށުން މާލޭގެ ބައެއް އިމާރާތްތަކުގެ ބޭރުގައި "އިންޑިއާ އައުޓް" ލިޔެފައިވާ ބޮޑެތި ބެނާތައް ހަރުކުރުމުގެ މަސައްކަތް އިދިކޮޅުން ގެންދަނީ ކުރަމުންނެވެ.
އެގޮތުން އިއްޔެ ވަނީ ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދިރިއުޅުވާ ގެކޮޅު ކަމުގައިވާ ހ. ދޫވެއްސާއި އަދި ޕީޕީއެމްގެ އޮފީސް ހުންނަ ހ. ހުރަފަ ގޭގެ ބޭރުގައި ވެސް "އިންޑިއާ އައުޓް" ލިޔެފައިވާ ފެއްސާއި ރަތާ ހުދުގެ ބޮޑެތި ބެނާތައް ހަރުކޮށްފައެވެ.
މާލޭގެ ގޭގޭގައި "އިންޑިއާ އައުޓް" ބެނާ ދަމަން ފެށުމާ ގުޅުވައިގެން ފުލުހުން މިއަދު ނެރުނު އެންގުމުގައި ވަނީ ބެނާ ތަކުގައި އާއްމުކޮށް ފެންނާނޭހެން "އިންޑިއާ އައުޓް" ލިޔެފައިވާ ބެނާ ދަމާފައި ހުރުމަކީ ވަކި ޤައުމަކަށް ނިސްބަތްކޮށް ހިންގޭ އެ ޤައުމުގެ ޤަދަރާއި ކަރާމާތަށް އުނިކަން ލިބޭ ފަދަ ޢަމަލެއްގެ ގޮތުގައި ސިފަވާ ކަމަށެވެ.
މީގެ އިތުރުން އެކަމަކީ ބައިނަލް އަޤްވާމީ ގުޅުންތަކާއި އަވަށްޓެރި ޤައުމު ތަކާއި ރާއްޖެއާއި ދެމެދުގައި އޮންނަ ޚާރިޖީ އަދި ސަޤާފީ ގުޅުންތަކަށް ނުރަނގަޅު އަސަރުކޮށް އޭގެ ސަބަބުން އެ ޤައުމުތަކުގައި ދިރިއުޅޭ އަދި ޒިޔާރަތްކުރާ ދިވެހީންގެ މަސްލަހަތަށް ވެސް ގެންލުންވެދާނެ ކަމެއް ކަމުގައި ދިވެހި ފުލުހުން ދެކޭ ކަމަށް ވެސް އެ އެންގުމުގައިވެއެވެ.
ފުލުހުންގެ އެންގުމުގައި ވަނީ މިފަދަ އަމަލު ތަކަކީ އޭގެ ވަށައިގެން ހިންގާ ކަންކަމުގެ ސަބަބުން ރާއްޖެއާއި ދިވެހި ރައްޔިތުންގެ މަސްލަހަތަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގެންލުންވާނެ ފިތުނަވެރި އަމަލެއް ކަމަށެވެ.
އެހެންކަމުން އެއީ ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާ (ހ)ގެ ހަ ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ ޖާއިޒު މަޤްސަދެއް ހާސިލް ނުވާނެ އަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނާނެ ފަދަ ހާލަތެއް އުފެދިދާނެ ފަދަ އަމަލެއްކަމުގައި ބެލެވޭ ކަމަށް އެ އެންގުމުގައިވެއެވެ.
އެ ބެނާތައް ނަގަން އަންގާފައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ރ)، (ބ) އަދި (ށ) ގެ ދަށުން ޢާއްމު މަސްލަހަތު ރައްކާތެރިކުރުމާއި، އާއްމު މަސްލަހަތު ގާއިމްކުރެވިގެންވާ ރައްކާތެރިކަން ދެމިއޮތް މުޖުތަމައެއްގެ އިހްސާސް ރައްޔިތުންނަށް ދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، ދާޚިލީ ނުރައްކާތަކުން ރައްކާތެރިވެ، އޮތް މާހައުލެއް ޤާއިމްކޮށް، މުޖުތަމައުގެ ރައްކާތެރިކަމަށް ބުރޫއަރާފާނެ ކަންކަން ދުރާލާ ދެނެގަނެ އެކަންކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ ބާރާއި މަސްއޫލިއްޔަތު ހަވާލުވެގެންވާ މުއައްސަސާގެ ހައިސިއްޔަތުން ކަމަށް ވެސް އެ އެންގުމުގައިވެއެވެ.
ފުލުހުން މިހެން އަންގާފައި މިވަނީ ރައީސް ޔާމީންގެ ގެކޮޅުގެ ބޭރުގައި ހަރުކޮށްފައިވާ "އިންޑިއާ އައުޓް"ގެ ބޮޑު ބެނާ ފުލުހުން ފޮނުވައިގެން ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ގޮވާލައްވާފައިވަނިކޮށެވެ.