20 Apr 2022, 17:27
އިނގިރޭސި ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ރޭ ވާދަވެރި ލިވަޕޫލް އަތުން 4-0 އިން ބަލިވުމަކީ ހިތާމަ ކުރަން ޖެހޭ ވަރުގެ ނަތީޖާއެއް ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ރަލްފް ރަންގްނިކް ބުނެފިއެވެ.
ރޭގެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ރަންގްނިކް ބުނެފައިވަނީ ރޭގެ ނަތިޖާއަކީ ލަދުވެތި ނަތީޖާއެއް ކަމަށާއި، އެކަމާ ދެރަވެ ހިތާމަ ކުރަންޖެހޭކަމަށެވެ.
"މި މެޗުގެ ނަތިޖާއަކީ ލަދުވެތި ނަތީޖާއެއް އަދި މި ނަތިޖާއާމެދު ހިތާމަކުރަން ވެސް ޖެހޭ،" މެޗަށް ފަހު ރަންގްނިކް ބުންޏެވެ.
ޔުނައިޓެޑްގެ ދަށް ކުޅުމާމެދު ކުރިން ވެސް ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވާ ރަންގްނިކް އިތުރަށް ބުނީ ލިވަޕޫލް މިހާރު އޮތީ ޔުނައިޓެޑަށްވުރެ ހަ އަހަރު ކުރީގައިކަމަށެވެ. އަދި އޭނާ ބުނެފައިވަނީ ލިވަޕޫލް އެހާ ކުރިއަށް ދިޔައީ އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް އެ ޓީމާ ހަވާލުވި ފަހުން ކަމަށެވެ.
މީގެ އިތުރުން އޭނާ ބުނެފައިވަނީ އަންނަ ސީޒަންގައި ޔުނައިޓެޑުން ވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރި ކަމަށެވެ. އެގޮތުން ޓްރާންސްފާ މާކެޓުގައި ޔުނައުޓެޑަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ބުންޏެވެ.
ރޭގެ މެޗުން ބަލިވުމާއެކު ޔުނައިޓެޑް ވަނީ އަނެއްކާ ވެސް ހަ ވަނަ މަގާމަށް ވެއްޓިފައެވެ. ރޭގެ މެޗުން މޮޅުވެ ލިވަޕޫލުން ވަނީ ލީގުގެ އެއް ވަނަ މަގާމަށް ޖެހިލައިފައެވެ.