20 Apr 2022, 14:24
އިންޑިއާއިން ރާއްޖޭގައި ހައިޑްރޮގްރަފީ ސާވޭ ކޮށްގެން ހަދާ ޗާޓުތައް ވިއްކައިގެން ލިބުނު ފައިސާ އިން ރޯޔަލްޓީ ފީގެ ގޮތުގައި 8278.02 ޑޮލަރު ރާއްޖެއަށް ދީފިއެވެ.
އިންޑިއާއިން ރާއްޖޭގައި ހައިޑްރޮގްރަފީ ސާވޭ އެއް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށް އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ. އިންޑިއާއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ސާވޭކޮށް ބައިނަލްއަގްވާމީ ހަމަތަކާ އެއްގޮތަށް ހައިޑްރޯގްރަފީ ޗާޓުތައް ކުރަހައި އޭގެން ދެ ގައުމަށް މަންފާ ހޯދޭނެ ކަމަށް އޭރު ވަނީ އެމްއެންޑީއެފުން ބުނެފައެވެ.
އަހަރެއްހާ ދުވަސް ފަހުން ބަންޑާރަކޮށީގަައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެ ޗާޓްތައް ވިއްކައިގެން ލިބުނު ފައިސާގެ ތެރެއިން ރާއްޖެއަށް ލިބެންވާ ރޯޔަލްޓީ ފައިސާގެ ރަމްޒީ ޗެކު ހަވާލުކޮށްފައެވެ.
އެ ޗެކާ ރާއްޖޭގެ ފަރާތުން ހަވަލުވީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލެވެ.
ލައްކައެއް ހާ ރުފިޔާގެ ރަމްޒީ ޗެކް ރާއްޖެއާ ހަވާލުކުރި ނަމަވެސް އެ ޗާޓްތައް ވިއްކައިގެން ލިބުނު ފައިސާގެ ޖުމްލަ އަދަދު ހާމަކޮށްފައެއް ނުވެއެވެ.
އެ ޗާޓުތައް ވިއްކައިގެން މާލީ ގޮތުން ބޮޑަށް މަންފާ ވަނީ އިންޑިއާއަށެވެ. އިންޑިއާއިން ރާއްޖޭގައި ޗާޓު ވިއްކާ ނަމަ، ދިވެހި ސަރުކާރަށް 35 އިންސައްތަ ކޮމިޝަން ލިބޭއިރު، އިންޑިއާއިން އެ ޗާޓުތައް ބޭރުގެ ބަޔަކަށް ވިއްކާ ނަމަ، ރާއްޖެއަށް ލިބޭނީ ރޯޔަލްޓީގެ ގޮތުގައި ލިބޭ 25 އިންސައްތައެވެ.