ނިއުދިއްލީ (20 އެޕްރީލް 2022) : އިންޑިއާއިން ގަނެފައިވާ ރަޝިއާގެ އެސް-400 މަރުކާގެ ވައިގެ ދިފާއީ ނިޒާމުގެ ބައިތައް އިންޑިއާއަށް އެތެރެކުރުމުގެ މަސައްކަތް ފަށައިފި ކަމަށް ރަޝިއާއިން ބުނެފިއެވެ.

ރަޝިއާގެ ދިފާއީ ވުޒާރާއިން ބުނީ އެސް-400 މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމުގެ ދެވަނަ ސްކޮޑްރޯންއާއި އެއާ ގުޅިފައިވާ ބެޓްރީތަކާއި ރާޑަރުތައް އިންޑިއާއަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންގެންދާކަމަށާ މި މަސައްކަތް މި އެޕްރީލް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. އެ އަށްފަހު އިންޑިއާ ބޭނުންވާ ތަނެއްގައި ރަޝިއާގެ އިންޖިނޭރުން މިނިޒާމު ރާވައި އިންސްޓޯލް ކޮށްދޭނެ ކަމަށް ބުންޏެވެ.

އެސް-400 ނިޒާމުގެ ފުރަތަމަ ބައި (ސްކޮޑްރޯން) ރަޝިއާއިން އިންޑިއާއަށް ފޯރުކޮށްދިނީ މިދިޔަ އަހަރުގައެވެ. އިންޑިއާއިން ގަންނަ އެސް-400 ނިޒާމަކީ 5 ބިލިޔަން ޑޮލަރުގެ އަގުހުރި ނިޒާމެކެވެ. މިއީ ދުނިޔޭގައި މިހާރު އުފައްދާފައިވާ އެންމެ ގާބިލް ދިފާއީ އައްޑަނަ ކަމަށް އަސްކަރީ ރިޕޯޓްތައް ބުނެއެވެ.

ރަޝިއާގައި އުފައްދާ އެސް-400 ނިޒާމަކީ މަތިންދާ ބޯޓާއި މިސައިލްތައް ވައްޓާލުމުގެ ގާބިލްކަން ލިބިފައިވާ ނިޒާމެކެވެ. މިނިޒާމު ހަރުކޮށްފައިވާ ތަނާ 40 ކިލޯމީޓަރާއި 400 ކިލޯމީޓަރުގެ ދެމެދުގައިވާ ސަރަހައްދުތަކުގައި ދަތުރުކުރާ މަތިންދާ ބޯޓުތަކާއި މިސައިލްތައް ވައްޓާލުމުގެ ގާބިލްކަން މިނިޒާމަށް ލިބިފައިވެއެވެ.

އިންޑިއާއިން މިނިޒާމު ގަންނާނެކަން 2018 ވަނަ އަހަރު އިއުލާން ކުރުމާއެކު އެމެރިކާވަނީ މިނިޒާމު ނުގަތުމަށް އިންޑިއާއަށް އިންޒާރުކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ ބިރު ދައްކާފައެވެ. އެއަށްފަހު އެކިފަހަރުމަތިން މިކަމާ ދެކޮޅަށް އެމެރިކާ އިންޑިއާއަށް އިންޒާރު ދެމުންގެންދިޔަ ނަމަވެސް އިންޑިއާއާ ދެކޮޅަށް ދަތިކުރުމުގެ އެއްވެސް ފިޔަވަޅެއް އަޅަން އެމެރިކާއަށް ކެރިފައެއް ނުވެއެވެ. އެމެރިކާގެ އިންޒާރުތަކަށް އިންޑިއާ ދީފައިވަނީ ބީރު ކަންފަތެކެވެ.

އެސް-400 ނިޒާމުގެ ދެވަނަ ސްކޮޑްރޯން އިންޑިއަށް ސަޕްލައި ކުރުމުގެ މަސައްކަތް ރަޝިއާ ކުރަމުން މިގެންދަނީ ރަޝިއާއިން ޔުކްރޭން އާ ދެކޮޅަށް ހަނގުރާމަ ކުރަމުންގެންދާ ދަޑިވަޅުގައެވެ. އަދި ޔުކްރޭން ހަނގުރާމައާ ގުޅިގެން ރަޝިއާ ކުށްވެރި ކުރަން އިންޑިއާ ފަސް ޖެހޭތީ އެމެރިކާގެ އިންޒާރުތައް އިންޑިއާއަށް އަމާޒުވެފައިވާ ދުވަސްވަރެއްގައެވެ.

އިންޑިއާ ވަނީ ރަޝިއާގެ ތެލާއި ގޭސްގަތުން ހުއްޓާލުމަށް އެމެރިކާ އެދުނު އެދުމަށް އިޖާބަ ދޭން ދެކޮޅު ހެދުމަށްފަހު ރަޝިއާއިން ތެލާއި ގޭސް ގަންނަ މިންވަރު އިތުރުކޮށްފައެވެ.

އަނެއްކޮޅުން އިންޑިއާއާއި ރަޝިޔާ ގެ ވިޔަފާރީގެ ބައެއް މުއާމަލާތްތައްވެސް މިހާރުވަނީ އެމެރިކާ ޑޮލަރުގެ ބަދަލުގައި އިންޑިއާގެ ރުޕީސްއާއި ރަޝިއާގެ ރޫބެލް އިން ކުރަންފަށާފައެވެ. މިއީވެސް އެމެރިކާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހޭ ކަމެކެވެ.