ލޮނުޒިޔާރަތް ކޮޅުގައި އެމްޑީޕީން ކޭމްޕް ޖަހައި ހަދާފައިވާ ޖަގަހަތަކުން މީހުން ނެރެ، އެސަރަހައްދުގައިވާ އެމްޑީޕީގެ މުދާ ސިފައިންނާއި ފުލުހުން ގެންގޮސްފައިވަނީ ގާނޫނު އަސާސީގެ 19 ވަނަ މާއްދާއާއި ޚިލާފަށް ކަމަށް އެމްޑީޕީން އެވެ.

އެމްޑީޕީން މިހެން ބުނީ ލޮނޒިޔާރަތްކޮޅު ސަރަހައްދުން އެމްޑީޕީ މީހުން ނެރެ، އެ ސަރަހައްދުގައިވާތަކެތި ފުލުހުންނާއި ސިފައިން ގެންދިޔަ މައްސަލައިގައި އެމްޑީޕީން ސިފައިންނާއި ފުލުހުންގެ މައްޗަށް ކުރާ ދައުވާގެ ފުރަތަމަ ޝަރީއަތުގެ މަޖިލީހުގަ އެވެ.

އެމްޑީޕީގެ ގާނޫނީ ވަކީލު ހިސާން ހަސަން ވިދާޅުވީ އިސްލާމީ ޝަރީއަތާއި ގާނޫނުގައި މަނާކޮށްފައިނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ގާނޫނުއަސާސީގެ 19 ވަނަ މާއްދާއިން ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމަށެވެ. އަދި އެ މާއްދާގައި ބުނާ ގޮތުން ގާނޫނަކުން ހުއްދަ ލިބިގެން ނުނީ އެއްވެސް މީހަކު ކުރާ އެއްވެސް ކަމަކަށް ހުރަސް އަޅައި ހުއްޓުވައިގެން ނުވާނެކަމަށް ބުނެފައިވާއިރު ސިފައިންނާއި ފުލުހުން ލޮނުޒިޔާރަތްކޮޅަށް ވަދެ އެތަން ރޫޅާލާފައި ވަނީ އެ މާއްދާއާއި ޚިލާފަށް ކަމަށެވެ.

އޭނާ ވިދާޅުވީ ގާނޫނު އަސާސީގެ 40 ވަނަ މާއްދާއިން މުދާ ހޯދުމާއި މިލްކު ކުރުމުގެ ހައްގު ލިބިދީފައިވާއިރު ލޮނުޒިޔާރަތް ކޮޅުގައިވާ އެމްޑީޕީގެ ތަކެތި ފުލުހުންނާއި ސިފައިން ގެންގޮސްފައި ވަނީ އެ މާއްދާއާ ޚިލާފަށް ކަމަށެވެ.

މީގެއިތުރުން މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން މިމަހުގެ ނިޔަލަށް މާލޭ ސިޓީ ކައުންސިލުން ލޮނުޒިޔާރަތްކޮޅު ސަރަހައްދު އެޕާޓީއާ ހަވާލުކޮށްފައި ވަނިކޮށް ސިފައިންނާއި ފުލުހުން އެތަނަށް ވަދެފައި ވަނީ ކޯޓު އަމުރެއް ނެތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެތަނަށް ސިފައިންނާއި ފުލުހުން ވަދެގަތް އިރު ކޯޓު އަމުރެއް ނެރުނުކަމެއް އަންގާފައި ނުވޭ. އެ އަމުރު ނުދައްކާ. އަނގަބަހުން ވެސް ކޯޓު އަމުރުގެ ވާހަކަ ދައްކާފައި ނުވޭ،"ހިސާން ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު ބަންޑާރަ ނައިބު އޮފީހުގެ ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލް އަހުމަދު އުޝާމް މިރޭ ވަނީ ދައުވާއަށް ލިޔުމުން ޖަވާބުދާރީ ވުމަށް ފުރުސަތަކަށް އެދިވަޑައިގެންފައެވެ. ސިވިލް ކޯޓުގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދު ވަނީ ބުދަ ދުވަހުގެ 16:00 އަށް ދައުވާއަށް ލިޔުމުން ޖަވާބުދާރީ ވުމަށް ދައުލަތަށް ފުރުސަތު ދީފައެވެ.

އުޝާމް ވިދާޅުވީ ފުލުހުން އެތަނަށް ވަދެފައި ވަނީ ގިނަ ބައެއްގެ ޝަކުވާ ލިބިގެން ކަމަށާއި ފުލުހުން އެތަން ބަލާ ފާސްކުރިއިރު ޖިނާއީ ކުށެއް ކުރިކަމަށް ބެލެވޭ ހެކިތަކެއް އެތަނުން ފެނިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޖިނާއީ ކުށެއް ކުރާއިރު އެކަން ނުބަލާ ފުލުހުން ނުތިބޭނެ ކަމަށެވެ.

ހިސާން ވިދާޅުވީ ގާނޫނު އަސާސީގެ 40 ވަނަ މާއްދާގެ ދަށުން މީހަކު ކުރި ކުށެއްގެ ބަދަލުގައި އެމީހެއްގެ މުދާ ދައުލަތަށް ނުނެގޭނެ ކަމަށެވެ. އަދި ކާޕެންޓްރީއެއް ބަލާ ފާސްކުރާނަމަ އެތަނަށް ވަދެ އެތަނުން ތަޅާލައި އެތަނުގައި ހުރި ހުރިހާ އެއްޗެއް ފުލުހުން ގެންދާނީތޯ ވެސް އޭނާ ދައުލަތާއި ސުވާލުކުރި އެވެ.

ރައްދުގައި އުޝާމް ވިދާޅުވީ ލޮނުޒިޔާރަތްކޮޅު ސަރަހައްދާއި ކާޕެންޓްރީ އަކާއި އެއްގޮތް ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ އެތަނަކީ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ބިމެއް ކަމަށް ވުމުން އެތަނަށް ވަންނަން ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށެވެ. އަދި އެ ބިމަކީ މާލޭ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާ ބިމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލޮނުޒިޔާރަތްކޮޅުން ފުލުހުން ގެންދިޔަ ތަކެތި ހަވާލުކުރާނެ އުސޫލެއް ކަނޑައަޅައި ފުލުހުން މިހާރު އިއުލާން ކޮށްފައިވާކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

"ރާޅޫގަނޑާއި ކާޕެންޓްރީ އާއި އެއްގޮތެއް ނުވާނެ. އެތަނަށް ވަންނަން ކޯޓު އަމުރެއް ބޭނުމެއް ނުވާނެ. އެއީ ސަރުކާރުގެ ބިމެއް،"

ލޮނުޒިޔާރަތްކޮޅުގައި ހުރި އެމްޑީޕީގެ މުދާ ފުލުހުންނާއި ސިފައިން ގެންދިޔައީ ކޮން ގާނޫނެއްގެ ދަށުން ބާރުލިބިގެން ކަމަށް ވިދާޅުވެ ހިސާނު ވަނީ ސުވާލު އުފައްދާފަ އެވެ.

އެ މައްސަލައާއި މެދު މިރެއިން މިރެއަށް ޝަރީއަތުން ގޮތެއް ކަނަޑައަޅައި ދިނުމަށް އެމްޑީޕީން އެދުނު ނަމަވެސް ގާޒީ ޝުޖޫން ވިދާޅުވީ ހަމައެކަނި ކޯޓު އަމުރަކަށް ބިނާކޮށް އެ މައްސަލަ ބަލައި ނިންމާ ނުލެވޭނެ ކަމަށާއި އެ މައްސަލަ ބަލައި ނިންމޭނީ ދައުލަތުން ޖަވާބު ހުށަހެޅުމުން އެކަމުގެ މައްޗަށް ވެސް ރިއާޔަތްކުރުމަށް ފަހު ކަމަށެވެ.