ޕާކިސްތާނުގެ އައު ކެބިނެޓް އެންމެ ބޮޑު އިސްކަމެއް ދޭނީ ޕާކިސްތާނާއި ޗައިނާގެ ގުޅުންތަކަށް ކަމަށް އެގައުމުގެ އައު ސަރުކާރުންވަނީ ބުނެފައެވެ.

ޕާކިސްތާނުގެ އައު ކެބިނެޓްގެ މެންބަރުން މަގާމުގެ ހުވާ ކުރެއްވުމަށްފަހު ކެބިނެޓްގައި ހިމެނޭ މާލީ ވަޒީރާއެކު ފަންނީ ބޭފުޅުންގެ ޓީމެއްވަނީ ޕާކިސްތާނަށް ކަނޑައަޅާފައިވާ ޗައިނާގެ ސަފީރާ ވަގުތުން ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ އިސްލާމްއާބާދުގައި ހުންނަ ޗައިނާގެ އެންބަސީގައެވެ. މި ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ ޚާރިޖީ ވަޒީރުގެ ޒިންމާތައް މިވަގުތު އަދާކުރައްވާ ސްޓޭޓް މިނިސްޓަރު ޑރ. ހީނާ ރައްބާނީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިސްލާމްއާބާދުގައި ހުންނަ ޗައިނާގެ އެންބަސީއަށް ވަޑައިގެން ޗައިނާއިން ޕާކިސްތާނަށް ކަނޑައަޅާފައިވާ ސަފީރާ ބައްދަލުކުރެއްވުމަށްފަހު ޕާކިސްތާނުގެ މާލީ ވަޒީރު މިފްތާހު އިސްމާއީލު ވިދާޅުވީ ހުރިހާ ދާއިރާތަކަކުންވެސް ޗައިނާއާ ގުޅުންތައް ބަދަހިކުރުމަކީ އެންމެ އިސްކަންދޭ ކަންތަކުގެ ގޮތުގައި ހަދަން އައު ކެބިނެޓްގައި ހިމެނޭ ހުރިހާ ވަޒީރުންވެސް ބޭނުންވާ ކަމުގައެވެ.

ޚާއްސަކޮށް ޗައިނާގެ ހިލޭ އެހީއާއި ލޯން އެހީގައި ކުރިއަށްގެންދާ ސަތޭކަ ބިލިއަން ޑޮލަރަށްވުރެ އަގުބޮޑު މަޝްރޫއުކަމަށްވާ "ޗައިނާ ޕާކިސްތާން އެކޮނޮމިކް ކޮރިޑޯ"ގެ މަސައްކަތް ކުރިއަށްގެންގޮސް ނިންމާލުމަށް އިސްކަންދިނުން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނުގެ އައު މާލީ ވަޒީރު މިފްތާހު އިސްމާއީލް

ޕާކިސްތާނުގެ އައު ބޮޑުވަޒީރު ޝެހެބާޒު ޝަރީފު ވެސް ވަނީ އޭނާގެ ސަރުކާރުން ޗައިނާއާ ގުޅުންތައް އިތުރަށް ބަދަހިކުރަން އިސްކަންދޭނެކަން ހާމަކުރައްވާފައެވެ. "ޗައިނާ ޕާކިސްތާން އެކޮނޮމިކް ކޮރިޑޯ" މަޝްރޫއަކީ މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ ބިޔަ މަޝްރޫއެކެވެ.

މި މަޝްރޫގެ ފުރަތަމަ މަރުހަލާގައި 70 ބިލިއަން ޑޮލަރުގެ މަޝްރޫއުތައް ހިމެނެއެވެ. މުޅި މަޝްރޫއަށް ބަލާއިރު ހިމެނޭ ބައިތަކުގެ ތެރޭގައި ކަނޑާއި ވައިގެ ބަނދަރުތަކާއި ހައިވޭތަކާއި މަގުތަކާއި ބުރިޖުތަކާއި ރިއަލް އެސްޓޭޓް ސަރަހައްދުތަކާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ މަރުކަޒުތަކާއި ކާރުޚާނާތައް ހިމެނޭ ސިނާއީ ސަރަހައްދަކާއި ދަނޑުވެރިކަމުގެ ސަރަހައްދަކާއި ޝޮޕިން ސަރަހައްދަކާއި ފަތުރުވެރިކަމުގެ ސަރަހައްދެއްވެސް ހިމެނޭގޮތަށް ތަރައްގީކުރާ ވަރަށް ބިޔަ އަދި ވަރަށް އުންމީދީ މަޝްރޫއެކެވެ.

މިއީ ޗައިނާގެ ބެލްޓް އެންޑް ރޯޑު އިނިޝިއޭޓިވްގެ ދަށުން އެއްގައުމެއްގައި ޗައިނާ ކުރިޔަށްގެންދާ އެންމެ ބިޔަ އެންމެ އަގުބޮޑު އިގްތިސާދީ އިންފްރާސްޓްރަކްޗާ މަޝްރޫއެވެ. މި މަޝްރޫއަށް ޗައިނާގެ އިތުރުން ޕާކިސްތާނުގެ ބަޖެޓުންވެސް ޚަރަދު ކުރެއެވެ. އަދި ގަތަރާއި ސައޫދީ އާއި ޔޫއޭއީންވެސް މިމަޝްރޫއަށް މާލީ ގޮތުން އެހީތެރިވެއެވެ.

މިއީ ދުބާއި ގޮތަށް ބިނާކުރާ ވިޔަފާރިއާއި ސިނާއަތާއި ފަތުރުވެރިކަމާއި ރިއަލް އެސްޓޭޓް ހިމެނޭގޮތަށް ބިނާކުރާ ސަރަހައްދެކެވެ. މިމަޝްރޫއާއެކު ޕާކިސްތާނުގެ މިލިއަނަކަށްވުރެ ގިނަމީހުންނަށް ވަޒީފާގެ ދޮރުތައް ހުޅުވިގެންދާނެކަމަށް ލަފާކޮށްފައިވާއިރު މިއީ ޕާކިސްތާނުގެ އިގްތިސާދީ މަލަމަތި މުޅިން ބަދަލުކޮށް އުފެއްދުންތެރި ގައުމަކަށް ޕާކިސްތާން ހެދުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ޚާރިޖީ ކަންކަމާބެހޭ ދައުލަތުގެ ވަޒީރު އަދި ކުރީގެ ޚާރިޖީ ވަޒީރު ޑރ. ހީނާ ރައްބާނީ

މީގެ އިތުރުންވެސް އަސްކަރީ ސިނާއަތާއި ފަޒާގެ ސިނާއަތުގެ ދާއިރާގައިވެސް ޗައިނާގެ ފަންނީ އެހީގައި ޕާކިސްތާން ވަނީ ބޮޑެތި މަޝްރޫއުތަކެއް ފަށާފައެވެ. މީގެތެރޭގައި ފައިޓާ ޖެޓާއި ޓޭންކް ފަދަ ބަރު ހަތިޔާރު އުފެއްދުމާއި ސެޓަލައިޓް އުފެއްދުމާއި ފަޒާއަށް ފޮނުވާ ރޮކެޓް އުފެއްދުންފަދަ މަތީ ޓެކްނޮލޮޖީގެ އުފެއްދުންތައް ޕާކިސްތާނުގައި ގާއިމް ކުރުމާއި އެސިނާއަތްތަކަށް ބޭނުންވާ މީހުން ބިނާކުރުން ހިމެނެއެވެ.

ޕާކިސްތާނުގައި ކޮންމެ ސަރުކާރެއް އޮތަސް ޗައިނާއާ ގުޅުންތައް ބަދަހިކުރުމަށް ވަރަށް ބޮޑު އިސްކަމެއްދެއެވެ.

އިއްޔެ މަގާމާ ހަވާލުވި ޕާކިސްތާނުގެ އައު ކެބިނެޓްގައި 33 ވަޒީރުން ހިމެނެއެވެ. ކެބިނެޓް އެކުލަވާލީ ކުރީގެ ބޮޑުވަޒީރު ނަވާޒު ޝަރީފުގެ ލަފާގެ މަތިންކަމަށް އޭނާގެ ކޮއްކޮ މިހާރުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފުވަނީ ވިދާޅުވެފައެވެ.

ޕާކިސްތާނުގައި ޗައިނާގެ ލޯން އެހީގައި ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން ބައެއް މަޝްރޫއުތައް ނިމި އޭގެ ފައިދާ ލިބެން ފަށާފައިވީނަމަވެސް ކޮވިޑް-19އާއެކު ޕާކިސްތާނަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތަކުގެ ސަބަބުން އެ ލޯނުތައް ދެއްކުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ އެކަމަށް ލުއި ގޮތްތަކެއް ހޯދުމަށް ޗައިނާގެ ކިބައިން އެގައުމުގެ އައު ސަރުކާރުން ބޭނުންވެއެވެ.

ޕާކިސްތާނުގެ ފިނޭންސްއާ ބެހޭ ދައުލަތުގެ ވަޒީރު ޑރ. އައިޝާ ޕާޝާ

ޕާކިސްތާނުގެ އައު ސަރުކާރުގެ ދިފާއީ ވަޒީރަކީ ޚަވާޖާ މުހައްމަދު އާސިފް އެވެ. މާލީ ވަޒީރަކީ މިފްތާހު އިސްމާއީލެވެ. ފިނޭންސްއާ ބެހޭ ދައުލަތުގެ ވަޒީރަކީ ޑރ. އައިޝާ ގައުސް ޕާޝާއެވެ. ދާޚިލީ ވަޒީރަކީ ރަނާ ސަނާއުﷲ އެވެ. ޚާރިޖީ ވަޒީރު ކަމަށް އަދި ބޭފުޅަކު އައްޔަން ނުކުރެއެވެ. އެމަގާމު ވަގުތީ ގޮތުން އަދާކުރައްވާނީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް ޑރ. ހީނާ ރައްބާނީއެވެ.

ޑރ. ހީނާ އަކީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ ޔޫސުފް ރަޒާ ގީލާނީގެ ސަރުކާރުގައި ޚާރިޖީ ވަޒީރުކަން ކުރައްވާފައިވާ އަންހެން ބޭފުޅެކެވެ.