20 Apr 2022, 02:06
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ލިވަޕޫލުން ތާވަލްގެ އެއް ވަނަ މަގާމަށް ޖެހިލައިފިއެވެ.
ލިވަޕޫލްގެ އެންފީލްޑްގައި މިރޭ ކުޅުނު މެޗަށް ނިކުތްއިރު އެ ޓީމު އޮތީ 73 ޕޮއިންޓާއެކު ތާވަލްގެ ދެވަނަ މަގާމުގައެވެ. އެއްވަނަ މަގާމުގައި 74 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ސިޓީއެވެ. މެޗަށް ނިކުތްއިރު ފަސް ވަނަ މަގާމުގައި އޮތް ޔުނައިޓެޑް ވަނީ މިރޭގެ ބައްޔާއެކު އަނެއްކާ ވެސް ހަ ވަނަ މަގާމަށް ވެއްޓިފައެވެ.
ޔުނައިޓެޑުން މިރޭގެ މެޗަށް ނިކުމެފައިވަނީ މި ސީޒަނުގައި އެ ޓީމަށް މޮޅަށް ކުޅެމުން އަންނަ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ޓީމުގައި ނުހިމަނައެވެ. އެއީ ރޮނާލްޑޯގެ ފިރިހެން ދަރިފުޅު މަރުވުމާ ގުޅިގެން އޭނާއަށް ވަގުތު ދިނުމުގެ ގޮތުންނެވެ. މިރޭގެ މެޗު ފެށުމުގެ ގޮތުން ސަޕޯޓަރުން ވަނީ ރޮނާލްޑޯއަށް ހިތްވަރު ދިނުމަށް ވަގުތު ކޮޅެއް ވެސް ޚާއްސަކޮށްފައެވެ.

ލިވަޕޫލުން މިރޭ ކުޅުނު މެޗުގެ ތެރެއިން ސަޕޯޓަރުން ރޮނާލްޑޯއަށް ހިތްވަރު ދިނުމަށް ވަގުތުކޮޅެއް ޚާއްސަކުރަނީ
މިޜޭގެ މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މިޞްރުގެ ފޯވާޑް މުޙައްމަދު ޞަލާޙު ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖަހާފައިވަނީ ލުއިޒް ޑިއާޒްއެވެ.
އޭގެ ފަހުން ވެސް ލިވަޕޫލުން ވަނީ ލަނޑު ޖެހުމަށް ހަމަލާތަކެއް އުފައްދާފައެވެ. ލީޑު ފުޅާކުރުމަށް ލިވަޕޫލުން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 22 ވަނަ މިނެޓުގައެެވެ. ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭ ދިން ބޯޅައަކުން މި ލަނޑު ޖަހައިދިނީ ޞަލާޙުއެވެ. ފުރަތަމަ ހާފު ލިވަޕޫލުން ނިންމާލީ 2-0 ގެ ލީޑެއްގައި އޮވެއެވެ.
ދެވަނަ ހާފު ވެސް ލިވަޕޫލުން ފަށާފައިވަނީ ވަރުގަދަ ކޮށެވެ. އެ ގޮތުން މި ހާފުގައި ވެސް ހަމަލާތަކެއް އުފައްދަމުން ގޮސް، 68 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު އިތުރަށް ފުޅާކޮށްފައެވެ. ޑިއާޒްގެ އެހީތެރިކަމާއެކު އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދީފައިވަނީ މާނޭއެވެ.
އޭގެ ދެ މިނެޓު ފަހުން ލިވަޕޫލުން ވަނީ އެ ޓީމުގެ ފުރަތަމަ ބަދަލު ގެނެސްފައެވެ. ފުރަތަމަ ލަނޑު ޖަހައިދިން ޑިއާޒްގެ ބަދަލުގައި ޑިއާގޯ ޖޮޓާ ވަނީ ކުޅެން ނިކުމެފައެވެ. ލިވަޕޫލްގެ ފަހު ލަނޑު އެ ޓީމުން ޖަހާފައިވަނީ މެޗުގެ ފަހު ފަސް މިނެޓުގެ ތެރޭގައެވެ. 85 ވަނަ މިނެޓުގައި ޖޮޓާގެ އެހީތެރިކަމާއެކު ޖަހައިދިނީ ޞަލާޙުއެވެ.
މިރޭގެ މެޗުން 4-0 އިން ޔުނައިޓެޑް ބަލިކޮށް ލިވަޕޫލުން އެއް ވަނައަށް ޖެހިލި ނަމަވެސް، މާދަމާ ރޭ ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ އެއް ވަނައަށް އެރުމުގެ ފުރުސަތު ސިޓީއަށް އެބައޮތެވެ.