ހަ އަހަރުވީ ނަރުދަމާގެ މައްސަލަ، ނިލަންދޫ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން
ހަ އަހަރުވީ ނަރުދަމާގެ މައްސަލަ، ނިލަންދޫ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން

ފ. ނިލަންދޫގެ ނަރުދަމާގެ ނިޒާމަކީ 2004 ވަނަ އަހަރުގެ ސުނާމީއަށް ފަހު ރާއްޖެއިން ބޭރުން ހިލޭ އެހީގެ ގޮތުގައި ގާއިމްކުރި ނަރުދަމާ ނިޒާމެކެވެ. އެ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ހަތަރު ރަށެއްގައި ނަރުދަމާ އެޅިއިރު އެ ހުރިހާ ރަށެއްގައި ވެސް އެ ނިޒާމު ފެއިލްވެ، މިހާރު ވަނީ އަލުން ނަރުދަމާ އަޅާފައެވެ. ނަމަވެސް ނިލަންދޫގެ ނަރުދަމާގެ މައްސަލައަށް ހައްލެއް ނުލިބޭތާ މިހާރު ހަ އަހަރުވީއެވެ.

ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު "ސަން"އަށް ވިދާޅުވިގޮތުގައި އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް އެތައް ފަހަރަކު ގެނެވިފައިވެއެވެ.

"އަޅުގަނޑުމެން ހަގީގަތުގަ މިކަމުގަ ވަރުބަލި ވެއްޖެ. މިކަން ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނެވިއްޖެ. ނައިބު ރައީސްއަށް އެތައް ސިޓީއެއް ފޮނުވިއްޖެ. މިރަށަށް އައި ދަތުރެއްގަ ރައްޔިތުންނާ ވެސް ބައްދަލުކޮށް އެ ވާހަކަ ދެކެވިއްޖެ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ސަރުކާރުން އެރަށުގެ ނަރުދަމާ އަޕްގްރޭޑު ކުރުމަށް ކުންފުންޏަކާ ހަވާލުކުރިއެވެ. އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރިތާ އަހަރެއް ވާން ކައިރިވެއްޖެއެވެ. ނަމަވެސް ނަރުދަމާ ގާއިމްކުރުމުގެ މަޝްރޫޢުއަށް އަމަލީ ސިފައެއް އައިސްފައިނުވެއެވެ. އެކަމާ އެރަށު ކައުންސިލާއި ރައްޔިތުން ތިބީ ވަރަށް ކަންބޮޑުވެފައެވެ.

ފ. ނިލަންދޫއަށް ކުރިމަތިވެފައިވާ ނަރުދަމާގެ މައްސަލަ -- ފޮޓޯ/ ފ. ނިލަންދޫ ކައުންސިލް

ނިލަންދުއަށް ކުރިމަތިވެފައިވާ ނަރުދަމާގެ މައްސަލައިގެ ސަބަބުން އެރަށުގެ ރައްޔިތުންނަށް އެތައް އުނދަގޫތަކެއް ކޮންމެދުވަހަކު ކުރިމަތިވެއެވެ. އެގޮތުން ޖަންގުޝަނަށް ބާރުބޮޑުވެ މުޅި ރަށުތެރެ އާއި ގެތަކުގެ ގޯތިތެރޭ އަބަދުވެސް ނަޖިސް ހުންނަކަން ޢަލީ އަޙްމަދު ފާހަގަކުރެއްވިއެވެ. އަދި ނަޖިހުގެ ވަސް ރަށުތެރޭ އަބަދުވެސް ހިފާފަހުރުމުން އެ އުނދަގުލާވެސް ނިލަންދޫ ރައްޔިތުން ކުރިމަތިލާންޖެހެއެވެ.

"ކޮންމެ ގެއަކު ހުރޭ މި ސިސްޓަމުގެ ޖަންގުޝަނެއް ހަރުކޮށްފަ. ރައްޔިތުން މި ހަދާ އެއްޗަކީ ގެތަކުން ގޯތިތެރެއަށް ނަޖިސްތައް ބޭރުވީމަ މަގުތަކުގެ ފާރު ފޫގަޅުވާފަ މަގުމައްޗައް އެ އެއްޗެހި ދޫކުރަނީ. މިކަމުގަ އަޅުގަނޑުމެން އެމީހުނަށް ކޮން ފިޔަވަޅެއް އަޅާނީ؟" އޭނާ ވިދާޅުވިއެވެ.

މައްސަލަޖެހިފައިވާ ނަރުދަމާ ނިޒާމުގެ ސަބަބުން ވާ އުނދަގޫތައް ހިއްސާކުރަމުން ނިލަންދޫ ރައްޔިތެއްކަމަށްވާ އަބްދުލް ރައްޒާގު އިދުރީސް ބުނީ ޖަންގުޝަނުން ލީކުވުމުގެ މައްސަލަ މަދުވެގެން ކޮންމެ މަހަކު އެއްފަހަރު ކުރިމަތިވާކަމަށެވެ.

"އަޅުގަނޑުމެންގެ ގޯތިން މަދުވެގެން ހަމަ މަހަކު އެއްފަހަރު ނަޖިސްއަރާ،" އޭނާ ބުންޏެވެ.

"އަޅުގަނޑުމެންގޭގަ އިންނާނެ މި ރަށުގެ އެންމެ ބޮޑު އެއް ކެފޭ. ކެފޭގެ ބަދިގެއިން ނުކުންނާނެ ގެއެއްގެ ބަދިގެއިން ނުކުންނަވަރަށް ވުރެ ގިނަ އެއްޗެހި. އެހެންވީމަ ހަމަ ފަނަރަވަރަކަށް މަސް ވާއިރަށް ކެފޭގެ ޖަންގުޝަން ވެސް ފުލްވޭ،" ރައްޒާގު ބުންޏެވެ.

އޭނާ ބުނީ ކެފޭގެ ޖަންގުޝަން ވެސް ގުޅިފައިވަނީ ގެއާކަމުން އެ ޖަންގުޝަން ފުރުމުން ވެސް ގޭތެރެއިން ނަޖިސްއަރާކަމަށެވެ. އަދި ނަރުދަމާގެ މައި ޔުނިޓް ވެސް އިންނަނީ ގެއާ ކައިރީގަ ކަމުން އެތަނުން ނަޖިސް ދަމާ ދުވަހަކު މުޅި ހިސާބުގައި ނަޖިސްވަސް ހުންނަކަން އޭނާ ފާހަގަކުރިއެވެ.

"މެއިން ޔުނިޓުން ބައެއް ދުވަސް ދުވަހު، މެއިން ޔުނިޓުގެ މަތި ނަންގަވާފަ ދިޔައީމަ ވާގޮތަކީ ބޭނުންކޮށްލަން ފެށީމަ މެއިން ޔުނިޓުން ފުލްވެގެން މުޅި އަޅުގަނޑުގެ ކެފޭ ދޮރުމައްޗަށާ މުޅި މަގަށް ނަޖިސްތައް އަންނަނީ،" އޭނާ ބުންޏެވެ.

އެކަމުގެ ސަބަބުން އޭނާގެ ވިޔަފާރި ކުރިއަށް ގެންދިއުމަށް އެތައް ގޮންޖެހުމެއް ކުރިމަތިވާކަން އޭނާ ފާހަގަކުރިއެވެ.

"ދެން މުޅި ސަރަހައްދުގަ ވަހާ އެއްޗެހި ހުންނާތީ މީހުން ވެސް މަދުން އަންނަނީ ކެފޭއަށް،" ރައްޒާގު ބުންޏެވެ.

މިކަމާ ގުޅިގެން ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު ވިދާޅުވީ ނަރުދަމާގެ މައްސަލައިގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ދަތިތައް އޭނާއަށް ގާތުން ފެންނަކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރަން ދާއިރާ މެންބަރުގެ ހައިސިއްޔަތުން އެތައް މަސައްކަތެއް ކުރާކަމަށް އޭނާ ވިދާޅުވިއެވެ.

"މަޖިލީހުގަ ވެސް އެއް ދުވަސްވެސް ނުދާނެ ހަމަ މިކަހަލަ ވާހަކައެއް ނުދައްކާ. މި ސުވާލު ވަރަށް ގިނައިން ކޮށްފަ އޮންނާނެ އަޅުގަނޑު،" އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން އެ މައްސަލަ ހައްލުކުރުމަށް ނިލަންދޫ ކައުންސިލުން ކުރައްވާ މަސައްކަތް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މިކަމާ ގުޅުންހުރި އިދާރާތަކަށް ނިލަންދޫ ކައުންސިލުން އޮންނާނެ ވަރަށް ގިނަ ލިޔެކިޔުންތައް ފޮނުވާފަ. ނިލަންދޫ ކައުސިލާއެކު އަޅުގަނޑު ބައްދަލުކުރެއްވި ފަހަރަކު ސީދާ ރައީސުލްޖުމްހޫރިއްޔާއަށާއި ނައިބު ރައީސްއަށް ވެސް މި މައްސަލަ ހުށަހެޅިން،" މުހުސިން ވިދާޅުވިއެވެ.

މީގެ އިތުރުން ފާއިތުވެދިޔަ ދިހަ އަހަރުތެރޭ ނިލަންދޫގައި އަބަދުވެސް ބަލިމަޑުކަމެއް ދައުރުވާކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭގޮތުގަ ނަރުދަމާގެ މައްސަލަ ނޫން އެއްވެސް ސަބަބެއް ނެތް މިފަދަ ރޯގާއެއް އަބަދު ރަށުތެރޭ ދައުރުވާކަށް. ރަށުތެރޭގަ އަނެއްހެން އުފެދޭ ކުންޏަކީ ކައުންސިލުން ނައްތާލާ ކުނި. އެހެންވީމަ އެ މައްސަލައެއް ރަށަކު ނޯންނާނެ،" އޭނާ ވިދާޅުވިއެވެ.