ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މުބާރާތްތަކުގައި ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ބައިވެރިނުވެވޭނެކަމަށް ނިންމައި، އެފްއޭއެމުން އެ ކުލަބަށް އެކަން އަންގައިފިއެވެ.

އެފްއޭއެމުން އެ ކުލަބަށް މިގޮތަށް އަންގާފައިވަނީ ރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ކަމަށް ކަނޑައަޅެމަށްފަހު ކަމަށް އެ ކްލަބުން ބުންޏެވެ.

"އެފްއޭއެމް އިން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ބައިވެރި ނުވެވޭނެ ކަމަށް ވެސް ވަނީ އަންގާފައި،" އެ ކްލަބުން ބުންޏެވެ.

އެ ނިންމުން ނިންމާފައިވަނީ އޭއެފްސީގެ ލަފާގެ މަތިން ކަމަށް އެފްއޭއެމާ ހަވާލާދީ އެ ކްލަބުން ބުންޏެވެ.

ނިއު ރޭޑިއަންޓުގެ ސަޕޯޓަރުން އިސްވެ އުފައްދާފައިވާ ރޭޑިއަންޓް ސްޕޯޓްސް ކުލަބް ވަނީ މިދިޔަ މާޗު މަހުގެ ތެރޭގައި ކޮމިޝަނަރ އޮފް ސްޕޯޓްސް ގައި ރަޖިސްޓްރީ ވެސް ކޮށްފައެވެ. އަދި އެ ކުލަބުން އައީ ތިން ވަނަ ޑިވިޝަންގައި ވާދަކުރުމަށް ވާންޖެހޭ ތައްޔާރީތައް ވެސް ވަމުންނެވެ. އެގޮތުން ކުޅުންތެރިންނާއި އޮފިޝަލުން ނެގުމުގެ މަސައްކަތް ވެސް ފަށާފައިވާއިރު، އެ ކުލަބުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ މުޙައްމަދު ޞަބާހު (ސޮބާ)އެވެ.

ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ ނުދީ އޮތުމުގެ ސަބަބުން ނިއު އޮތީ ސަސްޕެންޑުކޮށްފައެވެ. ދުނިޔޭގެ ފުޓުބޯޅަ އިދާރާ، ފީފާއިން ނިއު ސަސްޕެންޑުކޮށްފައިވަނީ 2019 ވަނަ އަހަރުން ފެށިގެންނެވެ. މިއާއެކު ނިއުގެ މަސައްކަތްތައް އޮތީ ހުއްޓުމަކަށް އައިސްފައެވެ.

މިކަމާ ގުޅިގެން އެފްއޭއެމުން ބުނެފައިވަނީ މިއީ އެފްއޭއެމްގެ ނިންމުމެއް ނޫންކަމަށާއި، މިއީ އޭއެފްސީގެ އެދުމުގެ މަތިން އެންގި އެންގުމެއް ކަމަށެވެ. އަދި ރޭޑިއަންޓުގެ މައުލޫމާތު ހޯދުމަށް އޭއެފްސީން އެދުމުން، ކޮމިޝަނަރ އޮފް ސްޕޯޓްްސް މެދުވެރިކޮށް އެ މައުލޫމާތު ހޯދައި އޭއެފްސީއަށް އެންގިކަމަށެވެ. އަދި މިކަމާ ގުޅިގެން ރޭޑިއަންޓުގެ މުއައްސިސް އަޙްމަދު ވާސިފާ ބައްދަލުކޮށް ކުލަބް އުފެއްދުމުގައި ބަލަންޖެހޭ ކަންކަމަށް ބެލުމަށް އެދިފައިވާނެކަމަށެވެ. އެގޮތުން އޭއެފްސީގެ ގަވާއިދުގައި ވާގޮތުން، ސަސްޕެންޝަނުގައި އޮތް ކުލަބެއްގެ މަސްލަހަތު އޮންނަ ފަރާތެއް ނުވަތަ ފަރާތްތަކެއް ބައިވެރިވާ ގޮތަށް އެހެން ކުލަބެއް ނުހެދޭނެކަމަށާއި، އެ ކުލަބެއްގެ ލޯގޯ އާއި ކުލައެއް ވެސް ބޭނުންނުކުރެވޭނެ ކަމަށް އެ ގަވާއިދުގައި އޮންނަކަމަށް ވެސް އަންގާފައިވާނެކަމަށެވެ.

އަދި ފޮނުވި މައުލޫމާތުތަކުގެ މައްޗަށް ބަލައި ރޭޑިއަންޓަކީ "ސްޕޯޓިން ސަކްސެސާ" އެއް ކަމަށް ބެލެވޭކަމަށާއި، އެ ކުލަބުގެ ކަންކަން އިހަށް މަޑު ޖައްސާލުމަށް އޭއެފްސީން އަންގާފައިވާކަމަށް ވެސް އެފްއޭއުމުން ބުނެއެވެ. އަދި މިއީ ރޭޑިއަންޓަށް ފުރުސަތު ނުދިނުމަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް ވެސް އެފްއޭއެމުން ބުނެއެވެ.

ރޭޑިއެންޓުން ވަނީ ދާދި ފަހުން އެ ކުލަބުގެ ހިންގާ ކޮމެޓީ ވެސް އިންތިޚާބުކޮށްފައެވެ. އެ ކުލަބުގެ ޗެއާމަނަކަށް އިންތިޚާބުކޮށްފައިވަނީ އަޙްމަދު ވާސިފެވެ. އަދި ވައިސް ޗެެއާއަކަށް އިންތިޚާބުކޮށްފައިވަނީ މުޙައްމަދު ޔޫސުފްއެވެ. މީގެ އިތުރުން އެ ކުލަބުގެ ސެކްރެޓަރީއަކަށް އިންތިޚާބުވެފައިވަނީ ލުއައްޔު އާދަމްއެވެ. ޚަޒާންދާރަކަށް އިންތިޚާބުވެފައިވަނީ ޒަހީނުއްދީން ސަޢީދުއެވެ. ހިންގާ ކޮމެޓީގެ މެމްބަރުންގެ ގޮތުގައި ތިބީ އަލީ ރަޝީދު، ބިލެއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަޙުމަދު މުބީން، މުޙައްމަދު އަފޫ ހާމިދު، އަޙުމަދު ޙުސެއިން އަދި ސާއިދު އަލީ ދީދީއެވެ.