19 Apr 2022, 16:39
ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ތަކެއުޗި މިދޮރި، ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލިއާގޭގައި ބޭއްވި އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާއި ޖަޕާނާ ދެމެދު އޮންނަ ޒަމާންވީ ގުޅުމާއި ދެ ޤައުމުގެ ދެމެދު ދެމުން އަންނަ އެއްބާރުލުމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޖަޕާނު ސަރުކާރުން ރާއްޖޭގެ އެކިއެކި ދާއިރާތަކަށް ވެދެއްވަމުން އަންނަ އަގު ނުކުރެވޭހާ ގިނަ އެހީތައް އަދި ހާއްސަކޮށް ތައުލީމީ ދާއިރާއަށް ވެދެއްވަމުން އަންނަ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.
އެ ބައްދަލުވުމުގައި ޖަޕާނުގެ ސަފީރު ވިދާޅުވީ މި އަހަރަކީ ދެ ޤައުމުގެ ގުޅުމަށް 55 އަހަރުފުރޭ އަހަރު ކަމަށެވެ. އެކަން ފާހަގަކުރުމަށް ކުރިޔަށް ގެންދެވިދާނެ ބައެއް ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ އެ ބައްދަލުވުމުގައި ވާހަކަ ދައްކަވާފައެވެ.

ޖަޕާން ސަފީރު މެޑަމް ފަޒްނާއާ ކުރެއްވި ބަދަލުވުމުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް
މެޑަމް ފަޒްނާއާއި ޖަޕާނުގެ ސަފީރު ވަނީ ދެ ޤައުމުގެ ޘަޤާފަތާއި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމާއި، ތަޢުލީމީ އަދި އިޖްތިމާޢީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
މިއަދު ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު މެޑަމް ފަޒްނާއާ ބައްދަލުކުރިއިރު އިއްޔެ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ހަރ އެކްސެލެންސީ ވަން ލިޒިން ވެސް ވަނީ މެޑަމް ފަޒްނާއާ ބައްދަލުކޮށްފައެވެ.
އެ ބައްދަލުވުމުގައި ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ޒަމާންވި ގުޅުން އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވަނީ ވާހަކަ ދައްކަވާފައެވެ.