މަޖިލިސް ހުޅުވުމާއި ދިމާކޮށް އެމްޑީޕީން މާލޭގައި ހިންގި ހަމަނުޖެހުންތައް ތަހުގީގުކޮށް އޭގެ އަޑީގައި ތިބި އެންމެން ހައްޔަރުކުރާނެ ކަމުގެ އިންޒާރު ފުލުހުންދީފި އެވެ.

އިސްކަންދަރު ބިލްޑިންގައި މިރޭ ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ސްޕްރިޑެންޑެންޓް އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވީ މިއަދު މަޖިލިސް ކުރާ ސަރަހައްދުގެ އެކި މަގުތަކުގައި ފުލުހުންނަށް ހަމަލަދީ އަދި ވީޓީވީއަށް ހަމަލަދީ ހިންގާފައިވާ އަމަލްތަކަކީ ޖަރީމާތަކެއް ކަމަށެވެ. އަދި އެއީ ޓެރަރިޒަމްގެ އަމަލްތަކެއް ކަމަށާއި އެކަންތައް ހިންގުމުގެ އަޑީގައި ތިބި ބަޔަކު ހޯދައި އެ މީހުން ހައްޔަރު ކުރާނެ ކަމަށެވެ.

"މިކަންތައްތައް ރާވާ ހިންގުމުގައި މިހާ ހިސާބަށް އައިއިރުގައި މިކަމުގެ އަޑީގައި ތިބި ފަރާތްތައް ހޯދައި ލަހެއް ނުވެ އިރާދަކުރެއްވިއްޔާ އެފަރާތްތައް ވެސް އަޅުގަނޑުމެން ހައްޔަރުކޮށް މިކަން ވަރަށް ސީރިއަސްކަމާއެކު ބަލާނަން. މީގެ ބޭނުމަކީ ކުރިއަށް އޮތް ތަނުގައި ވެސް އަދި އަބަދުވެސް މުޖުތަމައުގައި ދިރިއުޅޭ ހުރިހާ މީހުންނަށް ވެސް ސަލާމަތާ ރައްކާތެރިކަން އޮތް ތަނެއްކަމުގެ ޔަގީންކަން ދިނުން،" އަހުމަދު ވިދާޅުވި އެވެ.

ފުލުހުން އެހެން ބުނެފައި ވަނީ މިހާރު މާލޭގައި ހިނގާ ހުރިހާ ހަމަނުޖެހުމެއްގެ އަޑީގައި ހުންނަވަނީ ރައީސް މުހަންމަދު ނަޝީދު ކަމަށާއި އެކަންކަމުގެ ޒިންމާ ނަޝީދު ނަންގަވަން ޖެހޭނެ ކަމަށް ޑިފެންސް މިނިސްޓަރު މުހަންމަދު ނާޒިމް މިއަދު ވިދާޅުވެފައި ވަނިކޮށެވެ. އަދި ރާއްޖޭގައި ހަމަނުޖެހުން ހިންގަނީ ނަޝީދު ކަމަށް ވިޔަސް ކުރީގެ ވަޒީރުން ކަމަށް ވިޔަސް އެބަޔަކު ހައްޔަރުކުރާނެ ކަމުގެ އިންޒާރު ސަރުކާރުގެ ސްޕޯކްސް ޕާޒަން ދެއްވާފައިވަނިކޮށެވެ.

މިއަދުގެ ހެނދުނުން ފެށިގެން މަޖިލިސް ކުރާގޭ ސަރަހައްދުގެ މަގުތަކުގައި އެމްޑީޕީން އިހްތިޖާޖު ކުރަމުންދަނިކޮށް ނީލަން ފިހާރައިގައި އަލިފާން ރޯވި ހާދިސާއަށް އަލިއަޅުއްވާލައްވާއި އަހުމަދު މުހައްމަދު ވިދާޅުވީ ނީލަން ފިހާރައިގައި ބަޔަކު ރޯކޮށްލި ކަމަށް ފުލުހުންނަށް ޝައްކުކުރޭވެ ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްފަހު، ފުލުހުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ މިއަދު މާލެ ތެރޭގައި ހިންގި ހަމަނުޖެހުންތަކުގައި 11 ފުލުހަކަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށާއި އަދި ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ފުލުހަކު މިރޭ ދަންވަރު ލަންކާއަށް ފޮނުވާނެ ކަމަށެވެ.

މިދިޔަ މަހުގެ 17 ފެށިގެން އެމްޑީޕީން އިހްތިޖާޖު ކުރަމުންދާ ސުނާމީ ބިނާ ސަރަހައްދުގައި އެ ޕާޓީން ހަދާފައިވާ "އިންސާފުގެ މައިދާން" ސަލާމަތީބާރުތަކުގެ ބެލުމުގެ ދަށަށް ގެނައި މައްސަލައަށް އަލިއަޅުއްވާލައްވައި އަހުމަދު ވިދާޅުވީ އެތަން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ފުލުހުންގެ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އަދި ވިދާޅުވީ އެތަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަންޖެހުނީ އެތަނުން ނުކުމެގެންދާ މީހުންނަކީ މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ ހަމަނުޖެހުން ހިންގަމުންދާ މީހުނަށްވާތީ ކަމަށެވެ. އަދި ފުލުހުން އެތަނަށް ދިއުމުގެ ކުރިން ވެސް އެތަނުގައި ހުރި އެކި ބާވަތުގެ އެއްޗެހިތަކުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަކީ އެތަނަކީ [ސުނާމީ ބިނާ ސަރަހައްދު] އާންމުކޮށް އޮންނަ ގޮތަށް ހެދުން. އެތަނަކީ ތަފާތު އެކި ޓެންޓްތަކާއި މީހުން ނިދޭގޮތަށް ބައެއް ތަންތަން ހަދައި، މުދަލާއި އެއްޗެހި ރައްކާތެރި ކުރެވޭގޮތް ހަދައި ދިރިއުޅެވޭނެ ގޮތަށް ޓެންޓުޖަހައިގެން ހަދާފައިވާ ތަނެއް. އެހެންނަމަވެސް އެތަންތައް ރޫޅާލައި އާންމުކޮށް ކުރިން އެތަން އޮންނަ ގޮތައް ހެދުމުގެ މަސައްކަތް ކުރަމުން މިދަނީ،" އަހުމަދު މުހައްމަދު ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ އެތަން ރޫޅާލައި އެތާންގައިވާ ތަކެތި ފުލުހުންގެ ފުލުހުން ގެންދިޔައީ ކޯޓް އަމުރެއްގެ ދަށުން ނޫން ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށުގައިވާ ތަކެތި އެތަކެތީގެ ވެރިފަރާތްތަކަށް ހަވާލު ކުރާނެ ކަމަށެވެ.

ސުނާމީ ބިނާ ސަރަހައްދު ސަލާމަތީ ބާރުގެ ބެލުމުގެ ދަށަށް ގެނެސް "ވަގުތުކޮޅަކަށް" މީޑިއާ އެ ސަރަހައްދުން ބޭރުކުރި މައްސަލާގައި އަހުމަދު ވިދާޅުވީ އެވަގުތު މީޑީއާ އެ ސަރަހައްދުން ބޭރުކުރީ ފުލުހުންގެ މަސައްކަތްތަށް ހުރި ހުރަސްތައް ނައްތާލުމަށްޓަކައި ކަމަށެވެ. ނަމަވެސް ފަހުން މީޑީއާ އެ ސަރަހައްދުގެ ތެރެއަށް ވެއްދުމަށްފަހު އެތާނގައި ހުރި ޖަގަހަތަކުން ނެރުނު ރާ ފުޅިތަކާއި ބިޔަރު ދަޅުތަކަކީ އެތަނުގައި ބަޔަކު އެވަގުތު ބެހެއްޓި އެއްޗެހިތަކެއް ނޫން ކަމަށާއި އެއީ އެތަނުގައި ހުރި އެއްޗެހިތަކެއް ކަމަށެވެ. އަދި އެ ސަރަހައްދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފަހުން އެތަނުން އެއްވެސް އެއްޗެއް ގެންގޮސް، އަދި ޖަގަހަ ތެރޭގައި އެއްޗެހި ބެހެއްޓުމުގެ ފުރުސަތު ވެސް ފުލުހުން ދީފައި ނުވާނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.