19 Apr 2022, 14:28
ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ކާޑިޒް އަތުން ބަލިވުމުން ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ރުޅި ގަދަވެއްޖެއެވެ.
ބާސާގެ ދަނޑުގައި ރޭ ކާޑިޒް އިން އެ ޓީމުގެ މައްޗަށް ކުރި ހޯދާފައިވަނީ 48 ވަނަ މިނިޓްގައި ލޫކަސް ޕެރޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޒަވީ ބުނެފައިވަނީ އޭނާ ހުރީ ރުޅި އައިސްފައި ކަމަށާއި، އެއީ ގޯލު ޖަހާނެ ރަނުގެ ފުރުސަތުތަކެއް ލިބި ބޭކާރުވެ މެޗުން ބަލިވުމުން ކަމަށެވެ.
"އަހަރަމެން މިތިބީ ރުޅި އައިސްފައި، ފުރަތަމަ ކުޅުންތެރިން. އެއީ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަށް ކުރާ މަސައްކަތް އަނެއްކާ ވެސް ބޮޑުވުމުން. އަދި ލަލީގާގެ ރޭހުގައި ދެމުން އައި ފައިޓު މިހާރު ދެން ގާތް ގަނޑަކަށް މި ނިމުނީ،" މެޗަށް ފަހު ޒަވީ ބުންޏެވެ.
އަދި ޒަވި ބުނެފައިވަނީ މި ނަތީޖާއާއެކު އޭނާއަށް އުނދަގޫވާ ކަމަށެވެ. އަދި ބާސާއިން ކުޅެނީ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަށް ކަމަށާއި، ރުޅި އާދެވެނީ އެހެންވެ ކަމަށެވެ. އަދި މިއީ މުޅި ޓީމަށް ވެސް އުނދަގޫ ހަފްތާއެއް ކަމަށާއި، މިކަން ވީ އެންމެ އަވަހަކަށް ބަދަލުކުރަން ޖެހޭކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން ޒަވީ ބުނެފައިވަނީ ބާސާ އޮތީ ގޯސް ހާލަތެއްގައި ނޫން ކަމަށެވެ. އަދި ނޮވެމްބަރު މަހުގެ ފަހުން މަޑު މަޑުން ރަނގަޅު ވަމުން އައިކަމަށެވެ. އެކަކަމު އަދި ވެސް ކަންކަން ރަނގަޅު ކުރަން ޖެހޭ ކަަމަށް އޭނާ ބުންޏެވެ.
ސްޕެނިޝް ލީގުގެ ދެ ވަނަ މަގާމުގައި ބާސާ އޮތީ 60 ޕޮއިންޓާއެކުއެވެ. ބާސާއަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ތިން ވަނައިގައި އޮތް ސެވިއްޔާ އާއި ހަަތަރު ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވެސް ލިބެނީ 60 ޕޮއިންޓެވެ.
ދާދި ފަހުން ބާސާއިން ވަނީ އަމިއްލަ ދަނޑުގައި އައިންޓްރަކްޓް ފްރޭންކްފާޓް ބަލިވެ ޔޫރޮޕާ ލީގުން ވެސް ކަޓައިފައެވެ.