ރައްޔިތުންގެ މަޖިލީހުގައި މިއަދު ހިނގައިދިޔަ ކަންތައްތައް ބަލައި ނުގަނެވޭނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން ބުނީ ސިޔާސީ ހަލަބޮލި ކަމާއި އޭގެ ތެރެއިން އުފެދިފައިވާ ބިރުވެރިކަމުން ސަލާމަތްވުމަށް ހުރިހާ ފަރާތްތަކުން މަޝްވަރާގެ އުސޫލު އިސްކޮށް ރައްޔިތުންނަށް ފައިދާހުރި ގޮތަށް މައްސަލަ ހައްލު ކުރަން ޑިމޮކްރެޓިކް އުސޫލުން ސުލްހަވެރިކަމާއެކު މަސައްކަތް ކުރަން ކޮމިޝަނުން ގޮވާލާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ ރިޔާސީ ބަޔާން ހުށަހެޅުމާ ދެކޮޅަށް މިއަދު ކުރި މުޒާހަރާތަކާ ބެހޭ ގޮތުން ކޮމިޝަނުން ބުނެފައި ވަނީ މުޒާހަރާތައް ހަމަނުޖެހުމަކަށް ބަދަލުވެ ގިނަ ބަޔަކަށް އަނިޔާވެ މުދަލަށާއި ތަންތަނަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި މަގުމަތީގައި މިކަމުގައި ގުޅިގެން ހަރަކާތްތެރިވަމުން ދިޔަ ފުލުހުންނަށާއި ސިފައިންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.

އަދި ބުނީ މިއަދުގެ މުޒާހަރާތަކުގައި ސަލާމާތީ ބާރުތަކުން ޒިންމާ އަދާ ކުރުމުގައި ކެތްތެރިކަމާއެކު ގާނޫނާ އެއް ގޮތަށް މަސައްކަތްކޮށްފައިވާކަން ކޮމިޝަނަށް ފާހަގެ ކުރެވޭ ކަމަށް ވެސް ބުނެފައި ވެއެވެ.


"މީހުން ހައްޔަރު ކުރުމުގައި ކުރިމަތިލުންތައް ހިނގައި ހައްޔަރު ކުރެވުނު މީހުންނަށް އަނިޔާވުމުގެ އިތުރުން އެމީހުން ހައްޔަރު ކުރަމުން ދިޔަ ފުލުހުންނަށާއި ސިފައިންނަށް އަނިޔާވެފައިވާކަން ފާހަގަ ކުރެވެ އެވެ. މި ކޮމިޝަނުގެ ފަރާތުން މި އެންމެހާ އަމަލުތައް ކުށްވެރިކޮށް ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމާއި އެއްވެ އުޅުމުގެ މިނިވަން ކަމުގެ ހައްގުވެސް ޒިންމާދާރުކަމާއި ސުލްހަވެރިކަމާއެކު ގާނޫނާއި ގަވައިދުގެ ތެރޭގައި ހަމަނުޖެހުމަށް މަގުފަހި ނުވާނެ ގޮތަށް ބޭނުން ކުރެއްވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ،" ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވެއެވެ.

ކޮމިޝަނުން އަދި ބުނީ ހަޑި ހުތުރު ބަހުރުވައިން މުއާމަލާތް ނުކުރުމަށާއި ނަފުރަތާއި ދެކޮޅުވެރިކަން އުފެދޭފަދަ ވާހަކަތައް އެއްވުންތަކުގައި ނުދެއްކުމަށާއި އެއްވެސް ފަރާތަކުން މީޑިޔާގެ މިނިވަން ކަމަށް ހުރަސް ނޭޅުމަށެވެ.