ކޮލަންބޯ (19 އެޕްރީލް 2022): ސްރީލަންކާގެ ރައްޔިތުންނަށް ދިރިއުޅުމުގެ އެންމެ އަސާސީ ތަކެތި ލިބުން ދަތިވާ މިންވަރަށް ގައުމުގެ އިގްތިސާދީ ހާލަތު ދަށަށް ދިޔުމަކީ ހަގީގީ މައްސަލައެއްކަމަށް ގަބޫލުކުރައްވާ ނަމަވެސް އެކަމާ ގުޅިގެން އިސްތިއުފާ ނުދެއްވާނެކަމަށް އެގައުމުގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގައި އަލަށް އެކުލަވާލި ކެބިނެޓްގެ މެންބަރުންނާ މުޚާތަބުކުރައްވައި ވާހަކަ ދައްކަވަމުން ގޮތަބަޔާ ވިދާޅުވީ ރައްޔިތުންގެ ދިރިއުޅުމުގެ އެންމެ އަސާސީތަކެތި ލިބުން ދަތިވާމިންވަރަށް ގައުމުގެ އިގްތިސާދީ ހާލަތު ދަށަށްދިޔުމުގެ ސަބަބުން ހިތާމަކުރައްވާކަމަށާއި ހާލަތު މިވަރަށް ގޯސްވެގެން ދިޔައީ ސަރުކާރުގެ އިހުމާލު އޮވެގެންކަން ގަބޫލުކުރަން ޖެހޭކަމުގައެވެ.

ގައުމުގެ ހާލަތު މިވަރަށް ދަށަށް ނުދަނީސް ބަޖެޓް ދެކޮޅު ޖެއްސުމަށްޓަކައި ބައިނަލްއަގްވާމީ މާލީ އިދާރާތަކާ މަޝްވަރާކޮށްގެން ލޯން ހޯދުމަށް ކުރަންޖެހޭ ކަންކަން ލަސްވެގެން ދިޔުމަކީވެސް ހެދުނު ވަރަށް ބޮޑު ގޯހެއްކަމަށް ގޮތަބަޔަ އެއްބަސްވެވަޑައިގެންނެވިއެވެ.

އައު ކެބިނެޓްގެ މެންބަރުންގެ ކިބައިން ގޮތަބަޔަ އެދިވަޑައިގަތީ ބުރަކޮށް މަސައްކަތް ކުރައްވައިގެން އަވަސް މުއްދަތެއްގެ ތެރޭގައި ގައުމުގެ އިގްތިސާދީ ހާލަތު ރަނގަނޅު ކުރުމަށެވެ. ސްރީލަންކާގެ ރައްޔިތުންގެ ދިރުއުޅުމަށް ބޭނުންވާ އެންމެ އަސާސީ ތަކެތި ހޯދުމަށް އާންމުން ބޮޑު ތަކުލީފެއް އުފުލަންޖެހޭ މައްސަލަ ދިގުލައިގެން ދިޔުމަކީ ދެރަވަރު ކަމެއްކަމަށާއި މިއީ ފަހުގެ ތާރީޚެއްގައި ސްރީލަންކާއަށް މެދުވެރިވެފައިނުވާ ހާލަތެއްކަމަށް ރައީސް ގޮތަބަޔަ ވިދާޅުވިއެވެ.

އަލަށް އެކުލަވާލި މި ކެބިނެޓަކީ ރައީސް ގޮތަބަޔަގެ ވެރިކަމުގައި އެކުލަވާލާ ތިންވަނަ ކެބިނެޓެވެ. މި ކެބިނެޓާއެކުވެސް ބޮޑުވަޒީރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާނީ ގޮތަބަޔަގެ ބޭބެ އަދި ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައެވެ.

ކުރީގެ ކެބިނެޓް (ވަޒީރުންގެ މަޖިލިސް)ތަކާ ޚިލާފަށް މި ކެބިނެޓްގައި ރާޖަޕަކްސަގެ އާއިލާގެ އެއްވެސް ބޭފުޅަކު ހިމަނާފައެއް ނުވެއެވެ. ނަމަވެސް މަދު ވަޒީރަކު ފިޔަވައި މުޅިންވެސް ތިއްބެވީ ރައީސް ގޮތަބަޔާގެ ޕާޓީ ކަމަށްވާ "ސްރީލަންކާ ޕޮޑުޖަނާ ޕެރުމުނާ" ޕާޓީއަށް ނިސްނަތްވާ ބޭފުޅުންނެވެ.

ސްރީލަންކާގައި ތިންވަނަ ކެބިނެޓެއް އެކުލަވާލީ ދިރިއުޅުމަށް ބޭނުންވާ ކާބޯތަކެއްޗާއި ތެލާއި ކަރަންޓް ފަދަ އެންމެ އަސާސީތަކެތިވެސް ލިބުން ދަތިވުމާއެކު ރައްޔިތުން ސިލްސިލާ ގޮތެއްގައި ސަރުކާރާ ދެކޮޅަށް ކޮންމެ ދުވަހަކު މުޒާހަރާ ކުރަމުންގެންދާ ދަނޑިވަޅެއްގައެވެ.

މިމައްސަލާގައި ރައްޔިތުން ރުޅިގަދަވެގެން މަގުތަކަށް ނުކުމެ އާދަޔާ ޚިލާފަށް މުޒާހަރާކުރަން ފެށީ މި އެޕްރީލްމަހުގެ ކުރީކޮޅުގައެވެ. މި މުޒާހަރާތަކާއެކު ކެބިނެޓް އެއްކޮށް (26 ވަޒީރުން) އިސްތިއުފާ ދިނީ އެޕްރީލް ތިނެއްގައެވެ. އިސްތިއުފާ ދިން ކެބިނެޓްގައި ރައީސް ގޮތަބަޔަގެ އާއިލާގެ ބޭފުޅުން ވަރަށް ގިނައެވެ.

އެއަށްފަހު އެޕްރިލް ފަހެއްގައި ހަތަރު މެންބަރުން އައްޔަންކޮށްގެން ވަގުތީ ސަރުކާރެއް އެކުލަވާލިއެވެ. ނަމަވެސް އެސަރުކާރުގައި ބައިވެރިވުމަށް ގޮތަބަޔަ އިދިކޮޅަށް ދިން ދައުވަތު އިދިކޮޅުން ގަބޫލުނުކުރުމުން އެސަރުކާރު އުވާލައި އަލުން ކެބިނެޓެއް އެކުލަވާލުމަށް ގޮތަބަޔަ ނިންމެވީއެވެ.

ސަތާރަ މެންބަރުން ހިމެނޭ މި އައު ސަރުކާރުގައިވެސް ބައިވެރިވާން އިދިކޮޅުން ވަނީ ދެކޮޅު ހަދާފައެވެ. އިދިކޮޅުން ގޮވާލަނީ ރައީސް ގޮތަބަޔާ އާއި އޭނާގެ ބޭބެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމަށްފަހު ގާނޫނު އަސާސީގައި ބުނާގޮތަށް އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް ފުރުސަތު ދިނުމަށާއި އެއަށްފަހު އަލުން އާންމު އިންތިޚާބަކާއި ރިޔާސީ އިންތިޚާބު ބޭއްވުމަށެވެ.