މުރަނގަފަތަކީ ދިވެހިންގެ ކެއުމުގައި ގިނައިން ބޭނުންކުރާ ފަތެކެވެ. ނަމަވެސް އާންމު ގޮތެއްގައި ދިވެހިން މުރަނގަފަތް ކަނީ ތެލުލައިގެންއެވެ. މިކަމުގެ ސަބަބުން މުރަނގަފަތުން ލިބޭ ގިނަ ފައިދާތައް ގެއްލެއެވެ. އެހެންކަމުން، މުރަނގަފަތް ކާންވީ ތާޒާކޮށެވެ.

ތަފާތު ވިޓަމިންތަކާއި ކެލްސިއަމް އަދި ދަގަނޑުން މުއްސަނދި ވެފައިވާ މުރަނގަފަތަކީ ކަށިތައް ވަރުގަދަވެ، އުމުރުން ދުވަސްވުމުން ދިމާވާ ކަށިފީވުމާއި، ހުޅު ދުޅަވުން ފަދަ މައްސަލަތަކުން ދުރުކޮށްދޭ ފަތެކެވެ.

ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި މުރަނގަ ފަތަކީ އެންޓިއޮކްސިޑެންޓްތަކުން މުއްސަނދި ވެފައިވާ ފަތެކެވެ. އަހަރަމެން ދިރިއުޅޭ މާހައުލަކީ ފްރީ ރެޑިކަލްސްތައް ގިނަ މާހައުލެކެެވެ. އެ ފްރީ ރެޑިކަލްތަކަކީ ހަކުރު ބަލި އަދި އަލްޒައިމާ ފަދަ ދާއިމީ ބަލިތައް ޖެހުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ. މުރަނގަފަތުގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން، މާހައުލުގައި ހުންނަ ފްރީ ރެޑިކަލްތަކުން ހަށިގަނޑަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދެއެވެ.

ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދޭ އެންޓިއޮކްސިޑެންޓެއް ކަމަށްވާ ކިއުރެކެޓްއިންއަކީ މުރަނގަ ފަތުގައި ގިނަ އަދަދަކަށް އެކުލެވޭ އެއްޗެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ގަވައިދުން ތިން މަސް ވަންދެން 1.5 ސައިސަމުސާގެ މުރަނގަފަތް ޕައުޑާ ބޭނުންކުރި މީހުންގެ ލޭގެ އެންޓިއޮކްސިޑެންޓް ލެވެލް ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ.

ބަނޑަށް ތަދުވެ، ގޭސްޓްރިކްވެ އަދި ހަޖަމްކުރަން އުނދަގޫވާ މީހުން މުރަނގަފަތް ބޭނުންކުރުމުން އެ ބަލިތަކަށް ލުޔެއް ލިއްބައިދެއެވެ. ސަބަބަކީ މުރަނގަފަތުގައި އެންޓިބަޔޮޓިކް އަދި އެންޓިމައިކްރޯބިއަލް މާއްދާތައް އެކުލެވިގެން ވާތީއެވެ. މީގެ އިތުރުން މުރަނގަފަތުގައި ގިނަ އަދަދަކަށް ވިޓަމިން ބީ އެކުލެވިގެންވެއެވެ. މި މާއްދާތަކަކީ ހަޖަމްކުރުން ރަނގަޅުކުރުމަށް އެހީތެރިވެދޭ މާއްދާތަކެކެވެ.

މުރަނގަފަތަކީ ގިނަ ނިއުޓިރިއެންޓްސްތައް އެކުލެވޭ ފަތަކަށްވާއިރު، އޭގައިވާ އެންޓިއޮކްސިޑެންޓު މާއްދާތަކުގެ ސަބަބުން ގިނަ ބަލިތަކުން ދުރުކޮށްދެއެވެ. އެހެންކަމުން، ކެއުމުގައި ގިނައިން ތާޒާ މުރަނގަފަތް ބޭނުންކުރާށެވެ.