ސަރުކާރަށް ތާއީދު ބޮޑު ކަމަށް ހީވިނަމަވެސް، ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން އުނދަގޫވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ދެ ފެކްޝަންގެ މެދުގައި ކޯޅުން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ރައީސް ނަޝީދު ފޮނުއްވެވި މެސެޖެއްގައި ވަނީ ސަރުކާރަށް ފާޑުވިދާޅުވެ، ވާހަކަ ދައްކަވައިފައެވެ.

ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރަށް ވަރަށް ބޮޑު ތާއީދެއް އޮތް ކަމަށް ސަރުކާރަށް ހީވާ ކަމަށެވެ. އެހެންނަމަވެސް އެހާ ބޮޑު ތާއީދެއް ލިބޭ ވަރަށް ވުރެ ގިނަ ގޯސްތައް ސަރުކާރަށް ހެދިފައިވާ ކަމަށާއި އެ ގޯސްތައް ސަރުކާރުން ގަބޫލުނުކުރާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން "އުނދަގޫ ވާނެ" ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑަށް ހީވަނީ 50 ޕަސެންޓަށް ވުރެ އިތުރަށް ހޯދަން ވަރަަށް އުނދަގޫވާނެ ކަމަށް، މާގިނަ ގޯސް ހެދިއްޖެ، އަދި އެ ގޯސް އެއް ބަޔަކު އަނެއް ބަޔަކަށް ގަބޫލެއް ނުކުރޭ،" ނަޝީދު ވިދާޅުވިއެވެ.

ސަރުކާރަށް ފާޑުވިދާޅުވެ ފޮނުއްވެވި އިތުރު މެސެޖެއްގައި ނަޝީދު ވިދާޅުވީ މި އަހަރަކީ ވަރަށް ގިނަ ފައިސާ ދައްކަން ޖެހޭ، "ރިސްކު ބޮޑު އަހަރެއް" ނަމަވެސް އެ ކަމަށް ސަރުކާރުން އެއްވެސް ވަރަކަށް ނުބަލާ ކަމަށެވެ.

ވަޓްސްއެޕް ގުރޫޕަށް އިއްޔެ ފޮނުއްވެވި އިތުރު މެސެޖެއްގައި ނަޝީދު ވަނީ އެމްއެމްޕީއާރްސީގެ ތަހުގީގު ރިޕޯޓު ހާމަކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ފުރިހަމަ ތަހުގީގެއް ނުހިންގެނީ ރައީސް ނަޝީދުގެ ފެކްޝަންގެ ނުފޫޒުގެ ސަބަބުން ކަމަށް ދޭހަވާ ފަދަ ފޮޓޯއަކަށް ރައްދު ދެއްވައި، ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ތަހުގީގު ރިޕޯޓު އެބައޮތް ކަމަށާއި "އޮޅުން އަރާ ކަމަށްވާ ނަމަ" ރިޕޯޓު ހިއްސާކުރައްވާނެ ކަމަށެވެ.

މި ރިޕޯޓަކީ އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.