އިނގިރޭސިވިލާތުގެ ބްރިސްޓޮލްއަށް ނިސްބަތްވާ އުމުރުން 12 އަހަރުގެ ކުއްޖަކު ވަރަށް މަތީ އައިކިއު އަކާއެކު ދުނިޔެއިން އެންމެ ވިސްނުންތޫނު ކުއްޖާގެ ލަގަބު ހޯދައިފިއެވެ.

ބާނާބީ ސްވިންބާން ކިޔާ އެ ކުއްޖާގެ އައިކިއުއަކީ 162އެވެ. އެއީ މަޝްހޫރު ތިއޮރެޓިކަލް ފިޒިސިސްޓް އަލްބަޓް އައިންސްޓައިންއަށްވުރެ މަތީ އައިކިއުއެކެެވެ.

ސްވިންބާންގެ އައިކިއުގެ ސަބަަބުން، ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އޭނާއަށް ވަނީ ހައި އައިކިއު ސޮސައިޓީ، މެންސާގެ މެންބަރުކަން ދީފައެވެ. މެންސާގެ މެންބަރުންނަކީ ދުނިޔޭގެ އާބާދީގެ ތެރެއިން އެންމެ އައިކިއު މަތި ކަމަށް ފާހަގަކުރެވިފައިވާ މީހުންނެވެ.

އުމުރުން އެންމެ ބާރަ އަހަރުގެ ސްވިންބާން ހިމެނެނީ ދުނިޔެއިން އައިކިއު ޓެސްޓް ހެދި މީހުންގެ ތެރެއިން އެންމެ މަތީ ރޭންކުގެ މީހުންގެ ތެރޭގައެވެ.

ހިސާބު އަދި ކެމިސްޓްރީއަށް ލޯބިކުރާ ސްވިންބާންގެ އުންމީދަކީ މުސްތަގުބަލުގައި ކޮންޕިއުޓާ ޕްރޮގްރާމާއަކަށްވުމެވެ. އަދި މިހާރުވެސް އޭނާ ދަނީ އެކި ޔުނިވާސިޓީތަކުން ކިޔަވައިދޭ ކޯސްތަކާ ބެހޭ މައުލޫމާތު ހޯދަމުންނެވެ.