ސަލާމަތީ ބާރުތަކުން ރާޅުގަނޑު ސަރަހައްދަށް ވަދެ އެ ސަރައްދުގައި އެމްޑީޕީން ބަހައްޓާފައިވާ ތަކެތި ގެންދިޔުމާއި ގުޅިގެން އެމައްސަލަ ބަލައިދިނުމަށް އެމްޑީޕީން ސިވިލް ކޯޓަށް މައްސަލަ ވައްދައިފި އެވެ.

އެމްޑީޕީގެ ގާނޫނީ ކޮމެޓީގެ މުގައްރިރު އަހުމަދު އަބްދުﷲ އަފީފު މިރޭ ވިދާޅުވީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ މިރޭ 8:00 ގައި ކަމަށާއި ސިވިލް ކޯޓުން މިހާރު އެމައްސަލަ ބަލައިގެންފައިވާކަމަށެވެ.

ސިވިލް ކޯޓުންވެސް ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި މިރޭ 10:00 އެ މައްސަލާގެ އަޑުއެހުން ވަނީ ޝެޑިއުލްކޮށްފަ އެވެ.

އަފީފު ވިދާޅުވީ ސަލާމަތީ ބާރުތައްކަމަށްވާ ފުލުހުންނާއި ސިފައިންގެ މައްޗަށް ރައްދުވާގޮތަށް އެ ޕާޓީން މިރޭ ސިވިލް ކޯޓަށް ވެއްވި މައްސަލާގައި ބުނެފައި ވަނީ ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި ސިޔާސީ ހަރަކާތް ހިންގުމުގެ ހައްގު އެމްޑީޕީއަށް ލިބިގެންވާ ކަމަށް ކަނޑައަޅައި ދެއްވުމަށެވެ. އަދި ސިފައިންނާއި ފުލުހުން ގެންގޮސްފައިވާ މުދާ އެ ޕާޓީ އާއި ހަވާލުކޮށްދެއްވުމަށް ސިފައިންނާއި ފުލުހުންގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް އެ ދައުވާގައި އެދިފައިވާނެ ކަމަށް އަފީފު ވިދާޅުވި އެވެ. އަދި ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ރާޅުގަނޑު ސަރަހައްދު އެމްޑީޕީއަށް ދީފައި ވަނިކޮށް ޕާޓީގެ އެންގުމަކާއި ނުލައި ސަލާމަތީ ބާރުތަކުން އެތަނަށް ވަދެ އެތާގައި ހުރި ޕާޓީގެ މުދާ ނުގެންދެވޭނެ ކަމަށެވެ.

އެމްޑީޕީން ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދައުލަތުގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެފައި ވަނީ ލޮނުޒިޔާރަތްކޮޅަކީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ތަނެއްކަމަށާއި އެތަނަކީ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާ ތަނެއް ނޫންކަމަށެވެ.
އާޒިމާ ވިދާޅުވީ ރާޅުގަނޑު ސަރަހައްދުގެ ބައެއް ހައުސިން މިނިސްޓްރީން ހަމައެކަނި ހަވާލުކޮށްފައި ވަނީ ޑިފެންސް މިނިސްޓްރީއާ ކަމަށެވެ.