ދިވެހިރާއްޖެ ފަދަ ކުޑަކުޑަ ގައުމަކަށް ބޭރުގެ ގައުމުތަކާ ވާދަކޮށް ރީތި ނަން ހޯދޭނެކަން ރާއްޖޭގެ އެތުލީޓުން ސާބިތުކޮށްދީފިކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ދި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2022ގެ ލޯގޯ އިފްތިތާހު ކުރުމަށް ރޭ ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ ޒުވާން އެތުލީޓުންނަށް ބޭރުގެ ކުޅުންތެރިންނާ ވާދަކޮށް ވަނަ ހޯދޭނެކަން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއޭޖީ)އާއި ސާފު ޗެމްޕިއަންޝިފުގައި ރާއްޖޭގެ ކުޅުންތެރިން ސާބިތުކޮށްދީފިކަމަށެވެ.

އެ ކާބިޔާބީގެ ފަހަތުގައި ވަނީ ކޯޗުންނާއި ކުޅުންތެރިންގެ އާއިލާކަން ފާހަގަކޮށް ނައިބުރައީސް ވަނީ އެމީހުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އެސްއޭޖޭސީޓީޓީސީ 2022ގެ ލޯގޯ އިފްތިތާހުކޮށްދެއްވުމަށް ފަހު ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

"ކުރިންވެސް ފާހަގަކުރިހެން ކޯޗުން، ޓްރެއިނަރުން އަދި ހުރިހާ އާއިލާތަކަކުން ދޭ އެއްބާރުލުން ފާހަގަކުރަން،" ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ ކުޅިވަރު ކުރިއެރުވުމުގައި ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ސަރުކާރުން ދޭނެކަމަށެވެ. އަދި ކުޅިވަރަކީ އެއްބައިވަންތަކަން އިތުރުކޮށް ގުޅުންތައް ބަދަހިކޮށްދޭނެ ކަމެއްކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

އެސްއޭޖޭސީޓީޓީސީ 2022ގެ ލޯގޯ އިފްތިތާހު ކުރުމަށް ބޭއްވި ހަފުލާގައި ނައިބު ރައީސް ޓީޓީ ކުޅުއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

"ކުޅިވަރަކީ ވަރަށް މުހިންމު ކަމެއް. ކުޅިވަރާ ނުލާ އަޅުގަނޑު ބުނާނީ އަޅުގަނޑުމެންގެ ތެރޭގަ އެއްބައިވަންތަ ކަމެއް ނޯންނާނެއޭ. 1980ގެ ތެރޭގަ ކުޅިވަރުގެ ފޯރިން އެކަކު އަނެކަކާ ގުޅުވައިދީ އެ ދަނޑުތަކުގަ އޮތް ގުޅުން ވެގެން ދިޔައީ އާއިލާއަކަށް،" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ ކުޅިވަރުން ގައުމަށް ރީތިނަން ހޯދައިދޭން މަސައްކަތްކޮށްފިނަމަ ދުނިޔޭގެ އެހެން ގައުމުތަކުގެ މެދުގައި ރާއްޖެ އިތުރަށް މަޝްހޫރުވެގެން ދާނެ ކަމަށެވެ.