މާކިން ތެދުވަން އުޅުމުން ވިޝްކާ އެކަން މަނާކުރިއެވެ.

"އަހަންނަށް ކަމަކަށް ވައުދުވެދީ..." ވިޝްކާ އެދުނެވެ. "ދޮންބެ ކިތަންމެ ގޯހަސް، އަހަރެން ބޭނުމެއް ނޫން ދޮންބެއަށްވެސް ދެރަގޮތެއް ވާކަށް..."

މާކިން ބޯ ޖަހައިލިއެވެ. އިދާންގެ ފަހަތުން ވިޝްކާ އާއި މާކިން ހިނގައިގަތެވެ. ދެމީހުން ސިހުނީ އިދާން ގޮސް ހުއްޓުނު މޭޒުގެ ކައިރީގައި އިށީނދެލައިގެން އިން މީހަކު ފެނުމުންނެވެ.

********

"ބޮޑުބޭބެ..." ވިޝްކާއަށް ބުނެވުނެވެ.

މާކިން އަށާއި ވިޝްކާއަށް އެކަކުއަނެކެއްގެ މޫނަށް ބަލައިލެވުނެވެ. ކުރިމަތީގައި އިނީ ކާކުކަން އެނގެއޭ ބުނާފަދަ ނަޒަރަކުންނެވެ. ވިޝްކާ ކުރިއަށް ހިނގައިގަތުމުން، މާކިން ހިފެހެއްޓިއެވެ.

"އިހަށް މަޑުކުރޭ..." މާކިން އެދުނެވެ.

"މަޑުކުރާށޭ... މާކިންއަށް އެނގޭތަ އެއީ ކާކުކަން؟... ކޮންކަހަލަ މީހެއް ކަން؟..." ވިޝްކާ މާކިންގެ އަތް ފޮޅުވައިލިއެވެ.

އޭނާ ދެބުމަ ގޮށްޖަހައިލަމުން ކުރިމަތީގައި އިން މީހާގެ މޫނަށް ބަލައިލިއެވެ. ދެލޮލަށް ޖަމާވި ކަރުނައިގެ ތެރެއިން ބޮޑުބޭބެ ފެނުނުއިރު، އޭނާ ކޮޅަށް ތެދުވެ، އިދާން އާއި ސަލާން ކުރަނީއެވެ.

"ދޮންބޭ..." ވިޝްކާގެ ދަތްތަކަށް ބާރުވެގެން ދިޔައެވެ.

އިދާން އާއިމެދު ވިޝްކާގެ ހިތުގައި އުފެދުނީ ޝަކުވާއެވެ. ބޮޑުބޭބެގެ ގޮތް ރަގަނޅަށް އެނގިހުރެ، އިދާން އޭނާއާއި ގުޅުން ބަދަހިކުރަން މަސައްކަތް ކުރާތަން ފެނުމުންނެވެ.

"ވިޝްކާ... މީ ވިސްނަންވީ ވަގުތު..." ވިޝްކާ ދެންމެ ދެންމެ އިދާންމެންނާއި ދިމާއަށް ހިނގައިދާނޭހެން ހީވުމުން، މާކިން ވިސްނައިދޭން މަސައްކަތް ކުރިއެވެ.

ކަންތައް ވީވެސް މާކިން ހީކުރި ގޮތަށެވެ. ވިޝްކާއަށް މަންޒަރު ބަލާކަށް ނުހުރެވުނެވެ. ހަލުވި ފިޔަވަޅުތަކެއްގައި އިދާން އާއި ދިމާއަށް ދިޔައެވެ. އިތުރު ގޮތެއް ނެތުމުން، ވިޝްކާގެ ފަހަތުން މާކިންވެސް ދިޔައެވެ. އެމީހުންނަށް ވިޝްކާ ފެނުމުގެ ކުރިން ވިޝްކާގެ އަތުގައި ހިފައި ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް، އިދާންމެންގެ އަޑު އިވޭހައި ކައިރީގައި ހުރި މޭޒެއްގެ ކައިރީގައި ބޭންދިއެވެ.

"ވިޝްކާއަށް މިކަން ނުވަންޏާ، ވިޝްކާ ގެއަށް ދޭ..." މާކިން ހިތްހަމަނުޖެހިފައި ބުނެލިއެވެ. "ތިގޮތަށް އުޅެގެން އެއްކަމެއްވެސް ނުވާނެ..."

"މާކިންއަށް އެނގޭތަ އެމީހާގަނޑުގެ ގޮތް؟... އެނގޭނަމަކާ ތިހެނެއް ނުބުނާނެ..." ވިޝްކާއަށް ރޮވޭގޮތް ވިއެވެ.

"އަހަންނަށް ނޭނގޭތީކީ ނޫނޭ އަހަރެން މަޑުން މީނީ... ވިޝްކާއަށް އެނގޭ ވަރަށްވުރެ ބޮޑަށް އަހަންނަށް ހަގީގަތް އެނގޭ..." މާކިން ބުންޏެވެ.

ދެމީހުންނަށް އިތުރު ވާހަކައެއް ނުދެއްކި އުޅެނިކޮށް، އިދާން ވާހަކަ ދައްކަން ފެށި އަޑު އިވުނެވެ.

"ބޮޑުބޭބެ މާލެ އައިސް އަންގާވެސް ނުލާ..." އިދާން ހިނިގަނޑެއް ޖަހައިލިއެވެ.

"އިދާން އެކަންޏޭ ބޮޑުބޭބެ ހަނދާންވާ މީހަކަށް އުޅެނީ... އެހެން މީހުން ބޮޑުބޭބެ މަތިން ހަނދާން ނައްތާލައިފި..." މުހައިމިނުވެސް ހީގަތެވެ.

"ކޮންމެ ގޮތެއް ވިޔަސް، އާއިލީ ގުޅުމެއް ނުކެނޑޭނެ... ލޭގެ ގުޅުން ވާނީ ލޭގެ ގުޅުމަށް... އެކަން ބަދަލެއްވެސް ނުކުރެވޭނެ..." އިދާން ބުނެލިއެވެ.

"ހޫމްމް... ކީއްކުރާށޭ ބޮޑުބޭބެއާ ބައްދަލުކުރަން ބޭނުންވީ؟..." މުހައިމިނު ސުވާލުކުރިއިރު، އޭނާގެ ދެލޮލުގައިވީ ބޮޑާކަމާއި، ކިބުރުވެރިކަމެވެ.

"އަހަރެން ފޮނުވި ފޮޓޯތަކުންވެސް މިހާރު ބޮޑުބޭބެއަށް އޮންނާނީ އެނގިފަ ކަންނޭނގެ..." އިދާން ދުރުދުރުން ބުނެލިއެވެ.

"އައިޒަކާ އޮތީ ކޮން ދުޝްމަނުކަމެއް؟..." މުހައިމިނު ސީދާ މައުޟޫޢުއަށް ދިޔައެވެ.

"އަހަރެން ބޭނުންވަނީ އޭނަގެ ދުވަސް ދުއްވާލަން... މަރާލައިގެންވިޔަސް ހެޔޮ..." ވިސްނައިލުމެއްނެތި އިދާން ބުނެލީ، ނުރައްކާތެރި ރާގަކަށެވެ.

މުހައިމިނު އިރުކޮޅަކު އެއްޗެއް ނުބުނެ އިދާންގެ މޫނަށް ބަލަން އިނެވެ. އެހެން އިނދެފައި އޭނާ ފެށީ ހޭށެވެ. ވިޝްކާގެ ދަތްތަކަށް ބާރުވެގެން ދިޔައިރު، ދެލޮލުން ހޯސްލާފައި ކަރުނަ އޮހިގަތެވެ. މާކިން ފޮޅުވައިލާފައި އިދާން އާއި ދިމާއަށް ދާން، އޭނާ މަސައްކަތް ކުރިއެވެ.

"އަހަންނަށް ހީވިޔޭ އިދާން ތީ ވަރަށް ކެރޭ މީހަކަށް ވާނެއޭ..." މުހައިމިނު އަނެއްކާވެސް ހޭން ފެށިއެވެ.

"އޭނަ ހަމަޖެހިގެން އުޅޭތަން ބަލަން އަހަންނަކަށް ކެތެއް ނުވޭ..." އިދާން ފުންކޮށް ނޭވާލަމުން ވާހަކަ ދައްކަމުން ދިޔައެވެ. އައިޒަކްގެ ނަން ހިތަށް އަރުވައިލިޔަސް، އޭނާގެ ލޭ ކެކެއެވެ.

"އެންމެ ރަނގަޅު... އަހަރެން އިދާންއަށް އެހީވާނަން..." މުހައިމިނު ބުންޏެވެ. "އިދާންގެ އަންހެނުންގެ ފަރާތުން އަހަންނަށް ލިބުނު އެހީތެރިކަން ހަނދާން ނައްތާލައިގެން ނުވާނެތާ..."

މުހައިމިނު ޖޫޒަންގެ ވާހަކަ ދެއްކީ ކީއްވެކަން އިދާންއަށް އެނގެއެވެ. އެއީ ޖޫޒަން ވަނީ ސިއްރުން އައިޒަކާއި އިރަމްގެ ތަސްވީރުތައް ނަގައި، އެމީހުންގެ މައުލޫމާތު މުހައިމިނަށް ފޮނުވާފައެވެ.

ވިޝްކާ ފުންމައިގެން ތެދުވިއެވެ. އޭނާ ގޮސް އިދާންގެ ފުރަގަހުގައި ހުއްޓުނެވެ. ވިޝްކާ ފެނުމާއިއެކު، މުހައިމިނު ސިހުނެވެ. އޭނާއަށް ގޮނޑިން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ. މުހައިމިނަށް ވީގޮތް ފެނުމުން، އިދާންވެސް ފަސްއެނބުރި ބަލައިލިއެވެ. އިދާންއަށްވެސް ވީ އެވަރެވެ. ވިޝްކާ އާއި މާކިން ފެނުމުން، އިދާންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ވަގުތުން ވިޝްކާގެ އަތުގެ މުލައްދަނޑީގައި ހިފައިގެން ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް ރެސްޓޯރެންޓުން ބޭރަށް ނުކުތެވެ.

"މިތާ ކީއްތިކުރަނީ؟..." އިދާން ނުރުހިފައި ސުވާލުކުރިއެވެ.

"ތި ސުވާލު އަހަރެން ދޮންބެއާ ކޮށްފިއްޔާ ދޭނެ ޖަވާބެއް އެބަ އޮތްތަ؟..." ވިޝްކާވެސް ނުރުހިފައި ބުނެލިއެވެ.

"ވިޝްކާ މިހާރު އަހަންނަށް ފާރަލާންވެސް ފެށީތަ؟..." އިދާންގެ ސިކުނޑި ފަޅައިގެންދާން ކައިރިވިއެވެ.

"ދޮންބެވެސް ތިއުޅެނީ އެހެންނޭ... ތިގޮތަށް އެހެން މީހުންނަށްވެސް ފީލް..." ވިޝްކާއަށް ބުނެވުނީ އެހިސާބަށެވެ.

އިދާން ވިޝްކާގެ މޫނުމަތީގައި ޖެހިއެވެ.

"ދޮންބޭ..." ޝަކުވާގެ ރާގަކަށް ވިޝްކާ ގޮވައިލިއެވެ. އޭރު އޭނާއަށް ރޮވިއްޖެއެވެ.

"އިތުރަށް އަހަރެން ރުޅިއަރުވަން ނޫޅެ، ގެއަށް ދޭ..." އިދާން އަމުރުކުރިއެވެ.

"ދޮންބެއަށް އެބަ އެނގޭތަ ތިކުރެވޭ ކަމެއް؟... މަންމަމެން އެންމެން ގުޅުން ކަނޑާލާފަ އޮތް މީހަކާއޭ ތި ވާހަކަ ދައްކަނީ..." ވިޝްކާ ރޮއެރޮއެފައި ވާހަކަ ދެއްކިއެވެ.

ވިޝްކާ ވާހަކަ ދައްކަދައްކާ ހުއްޓައި، އިދާން ޓެކްސީއަކަށް އަތް ނެގިއެވެ. އޭރުވެސް އޭނާ ހުރީ ވިޝްކާގެ އަތުގެ މުލައްދަނޑީގައި ވަރަށް ބާރަށް ހިފަހައްޓައިގެންނެވެ.

********

ލިބުނު ޝޮކު ފިލައިގެން ނުދާތީ މާކިންއަށް ހުރެވުނީ އިށީންނަންވެސް ނޭނގިފައެވެ. ކުރިމަތީގައި ހުރީ އޭނާއަށް އައު ސޫރައެއް ނޫނެވެ. ހަމަ އެފަދައިން މުހައިމިނަށްވެސް އޭނާ އޮޅިފައި ނުވާކަން، އެ މޫނުމަތީގެ އަސަރުތަކުން ހެކިދިނެވެ.

"އިށީނދޭ..." ކުރިމަތީގައި ހުރި ގޮނޑިއަށް އިޝާރާތް ކުރަމުން މުހައިމިނު އެދުނެވެ.

މާކިން ދެފިކުރެއްގައި ހުރެފައި އިށީނެވެ. މުހައިމިނުވެސް އިށީނެވެ.

"މާކިން ހާދަ ބޮޑުވެއްޖެއޭ..." މުހައިމިނު ވާހަކަ ފެށީ ދުރުދުރުންނެވެ.

މާކިން އިނީ ހިނިތުންވެލަންވެސް ނޭނގިފައެވެ. އެފަދަ މީހެއްގެ ކުރިމަތީގައި މަދު ސިކުންތުކޮޅެއް ހޭދަކުރަންވެސް އޭނާއަށް ވީ އުނދަގޫ ކަމަކަށެވެ. ނޭވާ ހާސްވާހެން ހީވެ، ހަތަރުފަރާތުން މީހާ ބެދެމުންދިޔަ ކަމުގެ އިހުސާސް އޭނާއަށް ކުރެވެމުން ދިޔައެވެ. އެވަރުންވެސް އޭނާ ކެތްތެރިވިއެވެ.

"އަހަރުތަކެއް ފަހުން އަނެއްކާވެސް މި ބައްދަލުވީ... މާކިންއަށް މިހާރު އަހަރެން މީ ކާކުކަން އެނގޭތަ؟..." އެއްޗެއް ޔަގީންކޮށްލާ ފަދައިން މުހައިމިނު ސުވާލުކުރިއެވެ.

"އައިޒަކްގެ ބައްޕަ..." މާކިން ވަރަށް މަޑުން ބުނެލިއެވެ.

"ނޫނޭ ނޫނޭ... އަދި ތިބުނީ ރަނގަޅަކަށް ނޫނޭ... އައިޒަކްގެ ބައްޕަ މަރުވިތާ ކިތަންމެ ދުވަހެއްވެއްޖެއެއްނު... އަހަންނަކީ، ޒިވިއަންގެ ބައްޕަ... ހަމައެކަނި ޒިވިއަންގެ..." މުހައިމިނު ރަނގަޅުކޮށްލަދިނެވެ.

މާކިންގެ ތިރިކޮށްލެވިފައި އޮތް އަތް ވަގުތުން މުށްކެވުނެވެ. މުހައިމިނު އައިޒަކްދެކެ ރުޅިއަންނަކަން އޭނާއަށް އެނގެއެވެ. އައިޒަކްގެ މަންމަ އާއި ދޭތެރޭގައި އޭނާ ކަންތައްކުރި ރަހުމުކުޑަ ގޮތްވެސް އޭނާއަށް އޮތީ އެނގިފައެވެ. އެހެނަސް، އެހާ ފާޅުކަން ބޮޑުގޮތެއްގައި އޭނާ އައިޒަކާއިމެދު އޮތް ރުޅިވެރިކަން ފާޅުކޮށްފާނެ ކަމަކަށް މާކިން ކުޑަކޮށްވެސް ހިއެއް ނުކުރެއެވެ. ކުރިއަށްވުރެވެސް ބޮޑަށް އޭނާ މުހައިމިނުދެކެ ފޫހިވިއެވެ. އެހެނަސް، އިހުތިރާމް އަދާކުރުމުގެ ގޮތުން އެއްޗެއް ނުބުނެ އިސްޖަހާލައިގެން އިނެވެ.

"މާކިންއަށް މިހާރު އަހަރެންގެ ޒިވިއަންއާ ވެސް ބައްދަލުވެފަ ކަންނޭނގެ ހުންނާނީ ދޯ؟..." މުހައިމިނު މައުޟޫޢު ބަދަލުކޮށްލިއެވެ.

"ލައްބަ..." މާކިން ބޯ ޖަހައިލީ މަޑުމަޑުންނެވެ.

"އަހަރެން މިއައީ އަހަރެންގެ ދަރިފުޅު ބަލާ..." އެއްވެސް ފޮރުވުމެއްނެތި މުހައިމިނު ހާމަކުރީ ހަގީގަތެވެ. "ކީއްކުރަން ދޯ ބޭކާރު މީހެއްގެ ކައިރީގަ އޭނަ ބަހައްޓަންވީ؟... އާނ... އައިޒަކް ކައިރީ ކޮންމެހެންވެސް މިވާހަކަ ބުނައްޗޭ..."

********

އިރަމް ގެއަށް ލާފައި އައިޒަކް އުޅުނީ ގެއިން ނުކުންނާށެވެ. އެންމެ ވަގުތުކޮޅަކަށްވެސް ޒިވިއަން އެކަނި ބަހައްޓަން އޭނާގެ ހިތެއް ހަމައެއް ނުޖެހުނެވެ. އައިޒަކްގެ ހަރަކާތްތަކަށް ބަލަން ހުއްޓުން އަރާފައި ހުރި އިރަމްގެ ދެލޮލުން ފެންނަމުން ދިޔައީ ހިތާމައެވެ. އައިޒަކް ވާހަކަ ނުދައްކަނީ ކީއްވެ ހެއްޔެވެ؟ ވެދިޔަ ކަންތަކާއި އިރަމްދެކެ ހިތްހަމަނުޖެހުނީ ހެއްޔެވެ؟ އެ ދެމެދުގައިވި ހިމޭންކަން އިރަމްގެ ހިތަށް ތަދުކުރަމުން ދިޔައެވެ. ވަގުތުން ދެލޯ ފެންކަޅިވިއެވެ. އައިޒަކްގެ ދުރުކަން ބަރުދާސްތު ކުރެވޭނެހައި ހިތްވަރެއް އިރަމްގެ ގަޔަކު ނެތެވެ. ދޮރާއި ހަމައަށް އައިޒަކް ދިޔަ ތަނައި، އިރަމް ފަހަތުން ގޮސް އައިޒަކް ލައިގެން ހުރި ޓީޝާޓުގައި ހިފަހައްޓައިލިއެވެ. އައިޒަކް ހުއްޓުނު ނަމަވެސް، ފަސްއެނބުރި ބަލައެއް ނުލައެވެ. އިރަމް އެގޮތުގައި އިރުކޮޅަކު ހުރެފައި، އައިޒަކްގެ ގައިގައި ފުރަގަހުން ބައްދައިލިއެވެ.

"ސޮރީ..." އިރަމް މަޢާފަށް އެދުނެވެ.

"ކިހިނެއްވީ؟....." އައިޒަކް އަހައިލީ މަޑުމައިތިރި ރާގަކަށެވެ.

"އަހަރެން ކަންކަން ސިއްރުކުރީ..." އިރަމް ބުނެލީ މައުސޫމު ގޮތަކަށެވެ.

"އިރަމް..." އައިޒަކް އަނެއް ފަރާތަށް އެނބުރިފައި އިރަމްގެ ދެކޮނޑުގައި ހިފަހައްޓައިލިއެވެ.

"އަހަންނަށް އެނގޭ އެވަރުގެ ކަމެއް ސިއްރުކުރާކަށް ނުވާނެކަން... ދެން އެއްވެސް ކަމެއް ސިއްރެއް ނުކުރާނަން... އައި ޕްރޮމިސް..." އައިޒަކް އެއްޗެކޭ ބުނުމުގެ ކުރިން އިރަމް ބުންޏެވެ.

އިރަމް ދެރަވެގެން އިސްޖަހައިލީ، ދެލޮލަށް ޖަމާވި ކަރުނަތައް އައިޒަކަށް ފޮރުވުމަށެވެ.

އައިޒަކް އިރަމްގެ ދެކޯތާފަތުގައި ހިފައި، އުފުލައިލިއެވެ. އެ މައުސޫމު އަންހެން ކުއްޖާގެ މޫނަށް އޭނާ ބަލައިލީ ފުން ނަޒަރަކުންނެވެ. އިރަމް އާއި ޒިވިއަން އަކީ މިއަދު އޭނާގެ އާއިލާއެވެ. ދެމީހުންނަކީވެސް އައިޒަކްގެ ކޮނޑުގައި އެޅިފައިވާ ދެ ޒިންމާއެވެ. އެހެނަސް މިއަދު ކޮންމެވެސް އެއް ކޮޅެއް ޚިޔާރުކުރަން އައިޒަކަށް މަޖުބޫރު ކުރުވައިފިއެވެ. މިވަގުތަށް އޭނާގެ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވެފައި ވަނީ ޒިވިއަން އަށެވެ. ޒިވިއަންގެ ހިތް އެނގޭ ހާލު، އިރަމް އާއި ދެމީހުން އެއް ތަނެއްގައި ގެންގުޅެންވެސް އައިޒަކަށް ފަސޭހައެއް ނޫނެވެ. އޭރުން އެ ދެވެނީ ޒިވިއަންއަށް އިތުރު އަނިޔާއެކެވެ. ޒިވިއަން ހުރި ހާލުން އިތުރު ހިތާމައެއް ތަހަންމަލް ކުރާނެ ހިތްވަރު އޭނާގެ ގަޔަކު ނުހުންނާނެއެވެ.

އައިޒަކް ދޫކޮށްލީ ފުން ނޭވާއެކެވެ. އޭނާގެ ހިތުގެ ނިންމުން އިރަމްގެ ކުރިމަތީގައި ހާމަކުރުން ފަސޭހައެއް ނުވިއެވެ. އެއީ އިރަމްއަށްވެސް އަދި އޭނާއަށްވެސް އެންމެ އުފާވެރިގޮތް ކަމުގައި ނުވާނެކަން ކަށަވަރުވާތީއެވެ.

(ނުނިމޭ)