ދ. ކުޑަހުވަދޫ ކައުންސިލްގެ ފޭސްބުކް ޕޭޖު ހެކުކުރިތާ ހަފުތާއެއް ވެއްޖެކަމަށް އެރަށު ކައުންސިލްގެ ރައީސް އިބްރާހީމް ފިކުރީ ވިދާޅުވެއްޖެއެވެ.

"ސަން"އާ ވާހަކަދައްކަވަމުން ފިކުރީ ވިދާޅުވީ ފޭސްބުކް ޕޭޖު ރިކަވާކުރަން ކައުންސިލުން މިހާރު މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"މި މައްސަލަ މިހާރު ޕޮލިހަށް ހުށަހަޅަން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ،" އޭނާ ވިދާޅުވިއެވެ.

ފިކުރީ ވިދާޅުވީ ފޭސްބުކް ޕޭޖަކީ ކައުންސިލުން ކުރާ ހުރިހާ މަަސައްކަތެއް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭ ވަސީލަތް ކަމަށެވެ. ހެކު ކުރުމަށްފަހު ފޭސްބުކް ޕޭޖުގައި ހިއްސާކޮށްފައިވާ އެއްވެސް އެއްޗެއް އަދި ޑިލީޓުކޮށްފައެއް ނުވެއެވެ.

"މިފަދަ ނާތަހުޒީބީ ޢަމަލުތައް ކުށްވެރިކޮށް މިފަދަ ކަންކަން ކުރާ ފަރާތްތަކަށް އެކަށީގެންވާ އަދަބު ދޭން ޕޮލިހާ ގުޅިގެން އަޅުގަނޑުމެން މަސައްކަތް ކުރާނަން،" ފިކުރީ ވިދާޅުވިއެވެ.

ދިހަހާސް ފޮލޯވަރުން ތިބި އެ ޕޭޖް ހެކް ކުރުމަށްފަހު ޕްރޮފައިލް ޕިކްޗާއަކަށް ވަނީ ބޭރު އަންހެނެއްގެ ފޮޓޯ ލާފައެެވެ.