ފަލަސްތީނުގެ ކުށެއް ނެތް މުސްލިމުންނާއި ދެކޮޅަށް އިސްރާއީލްގެ ސިފައިން ހިންގަމުން އަންނަ އަނިޔާއާއި ގުޅުވައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހޯރަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމް ވަނީ މި ބަރަކާތްތެރި ރަމަޟާން މަހު ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް އަލްޤުދުސްގައި އިލްރޭލުގެ ސިފައިން ދެމުން ގެންދާ އަނިޔާވެރި ހަމަލާތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެހެންކަމުން މި ރަޙުމު ކުޑަ ޖަރީމާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ސަލީމް މިހެން ވިދާޅުވުމުން ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ ސަލީމް ފާހަގަ ކުރެއްވި ފަދައިން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާއާއި އަދި އަގު ވަޒަން ނުކުރެވޭ ފަދަ ގެއްލުމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމާއިމެދު ޝައްކެއް ނުހިނގާ ކަމަށެވެ.

"އަޅުގަނޑުގެ އަމިއްލަ ނަމުގައްޔާއި މަޖިލީހުގެ ހުރިހާ މެންބަރުންގެ ނަމުގައި މި ކަންބޮޑުވުން އަޅުގަނޑުމެން ހިއްސާ ކުރާކަން ފާހަގަ ކުރަން،" ނަޝީދު ވިދާޅުވިއެވެ.

އިސްރާއީލްގެ މި ލާއިންސާނީ ޖަރީމާ ކުށްވެރި ކުރުމުގެ ގޮތުން ދިވެހި ސަރުކާރުން ވެސް ވަނީ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ވަނީ މިނިވަން ދައުލަތެއް ޤާއިމު ކުރުމަށް ޓަކައި ފަލަސްތީނުގެ ރައްޔިތުން ކުރާ މަސައްކަތަށް، ސަރުކާރުގެ ތާއީދާއި އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމަށެވެ. އަދި ރާއްޖެ އަބަދުވެސް ދެމި އޮންނާނީ ފަލަސްތީނުގެ މުސްލިމް ރައްޔިތުންނާއެކުގައި ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައި ވެސް އިސްރާއީލް ސިފައިން ވަނީ އަޤުޞާ މިސްކިތަށް ގަދަކަމުން ވަދެގަނެ، އެތަނުގައި އަޅުކަން ކުރާން ތިބި މުސްލިމުންނަށް ހަމަލާ ދީފައެވެ. އެ ހަމަލާގައި ފަލަސްތީނުގެ 300އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައި ވެއެވެ.