18 Apr 2022, 21:56
އުތުރުގެ ރަށެއްގައި ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އުތުރުގެ ރަށެއްގައި އުމުރުން 11 އަހަރާއި 13 އަހަރުގެ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 19 އަހަރުގެ ދިވެހި ޒުވާނެކެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 14 ވަނަ ދުވަހު އެ މީހާ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލަ ތަހުޤީގު ކުރުމަށް ޓަކައި އޭނާގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހާދީފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން މިހާރު އަންނަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކެއް ދާދިފަހުން ވަނީ ފެންމަތިވެފައެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ރާއްޖޭގައި އަންނަނީ ދޭތެރެދޭތެރިން ފެންމަތިވަމުންނެވެ. އެހެންކަމުން މިފަދަ ހާދިސާއެއް ހިނގުމުގެ ކުރިން އެފަދަ ކަމަކަށް ސަމާލުވުމަށް ކަމާއިބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.