ލޮނުޒިޔާރަތްކޮޅު ރާޅުގަނޑު ސަރަހައްދަކީ ގާނޫނީ ގޮތުން ސިޓީކައުންސިލަށް ދީފައިވާ ބިމެއް ނޫން ކަމަށް ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝުކޫރު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ހަތަރު މިނިސްޓްރީއަކުން މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އާޒިމާ ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ބިންތައް ހަވާލުކުރާނީ ހައުސިން މިނސްޓްރީން ކަމަށާއި ނަމަވެސް ހައުސިން މިނސްޓްރީން ހަވާލުކޮށްފައިވާ ބިންތަކުގެ ތެރޭގައި ލޮނުޒިޔާރަތްކޮޅުގައި ހިމެނޭ ބިން ނުހިމެނޭ ކަމަށެވެ.

"ހައުސިން މިނިސްޓްރީން މާލޭ ސިޓީކައުންސިލަށް ހަވާލުކުރި ބިންތައްވަނީ ގަރާރަކުން ހައުސިން މިނިސްޓްރީން އަންގަވާފައި. އެގޮތުން ހިމެނޭ ބިންތަކުގެތެރޭގައި ލޮނުޒިޔާރަތްކޮޅެއް ނުހިމެނޭ. އެބިމަކީ ގާނޫނީ ގޮތުން ސިޓީކައުންސިލާއި ހަވާލުކޮށްފައިވާ ބިމެއްނޫން،" އާޒިމާ ވިދާޅުވި އެވެ.

ހައުސިން މިނސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ލޮނުޒިޔާރަތް ކޮޅަކީ ހައުސިން މިނިސްޓްރީން ސިޓީކައުންސިލާއި ހަވާލްކޮށްފައިވާ ސަރަހައްދެއް ނޫން ކަމަށާއި އެ ސަރހައްދާއި އިންވެގެންވާ ސުނާމީ ބިނާ ހިމެނޭ ސަރހައްދާއި އަޑި ޕާކް ހިމެނޭ ސަރަހައްދަކީ ނުވަތަ ލޮނުޒިޔާރަތްކޮޅަކީ ސިޓީކައުންސިލާއި ހަވާލުކޮށްފައިވާ ބިމެއް ނޫން ކަމަށެވެ.

އަދި މިނިސްޓަރު ވިދާޅުވީ ލޮނުޒިޔާރަތްކޮޅު ނުވަތަ ސުނާމީ ބިނާ ހުރި ސަރަހައްދުގައި ހިނގަމުން ދާ ކަންތައްތަކަކީ މާލޭގެ މާހައުލު ތަޣައްޔަރުވެ ވަރަށް ގިނަ ރައްޔިތުންގެ މަސްލަހަތުތައް ގެއްލިގެންދާ ހިންގާ ކަންކަން ކަމަށެވެ. ވަކި ބަޔަކު ވަކިގޮތަކަށް މާލޭގެ ވެށި ބޭނުންކުރާނަމަ އެކަމުގެ ސަބަބުން ރައްޔިތުންގެ ހައްގުތަކެއް ގެއްލިގެން ދާނަމަ އެކަމަކީ ގާނޫނުން ބޭރުން ހިނގަމުން އަންނަ ކަންތައްތަކެއް ކަމަށެވެ.

"އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް އިލްތިމާސް މިކުރަނީ އެސަރަހައްދުގައި [ރާޅުގަނޑު ސަރަހައްދު] ގައި ގާނޫނީ ބޭރުން ތިއްބަވާ ތިއްބެވުވުމަކީ އެކަން ގަބޫލް ކުރެވޭ ކަމެއް ނޫނޭ. އެސަރައްދުގައި ތިއްބެވި ބޭފުޅުންނަށް އަޅުގަނޑު އިލްތިމާސް ކުރަނީ އެސަރަހައްދު ދޫކުރައްވައި ވަޑައިގެންނެވުމަށް،" މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސިޓީކައުންސިލުގެ ބެލުމުގެ ދަށުގައި މިހާރުހުރި ދަރުބާރުގެ ހައުސިން މިނިސްޓްރީގެ ދަށަށް ގެނައުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ނަމަވެސް ސިޓީކައުންސިލުން އެތަން އަނބުރާ ދިނުމަށް އަދި އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ.

"ދަރުބާރުގެ އަލުން އަބުރާ ސަރުކާރުގެ ބެލުމުމުގެ ދަށަށް ގެންނަންޖެހޭ ތަނެއް ކަމަށް ފެންނާތީ އެ މަސައްކަތް އެބަކުރަން. އަޅުގަނޑުމެން މިދަންނަވަނީ ދިވެހި ހުރިހާ ރައްޔިތުންގެ މަސްލަހަތަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް އަޅުގަނޑުމެން ތިބޭނީ ތައްޔާރަށޭ،" މުއިއްޒު ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ މާލޭގައި އެމްޑީޕީން ހިންގާ ހުރިހާ ހަމަނުޖެހުމެއްގެ ޒިންމާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި ކޮންމެ ދުވަހަކު ހަވީރާއި ހެދުނާއި ރޭގަނޑު ރާޅުގަނޑު ސަރަހައްދަށް ވަޑައިގެން ދައްކަވާ ވާހަކަތަކުގައި ނޭއްގާނީ އަމަލްތައް ހިންގައި އަލިފާނުގެ ހާދިސާ ތައް ކުރިއަށް ގެންދަން ހިތްވަރުދެއްވާ ކަމަށެވެ.

"ކޮންމެ ދުވަހަކު ހެދުނު ކޮންމެ ދުވަހަކު ހަވީރު ކޮންމެ ދުވަހަކު ރޭގަނޑު ރާޅުގަނޑު ސަރަހައްދަށް ވަޑައިގެން ހިތްވަރުދެއްވަނީ ނޭއްގާނީ އަމަލު ހިންގަވަން ހާއްސަގޮތެއްގައި އަލިފާން ރޯކުރުމާއި ތަންތަނުގައި ހުޅުޖެހުމަށް،" ނާޒިމް ވިދާޅުވި އެވެ.

މިނސްޓަރު ވިދާޅުވީ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން ނަގާލުމަށް ކުރަމުންދާ އެންމެހާ ކަންތައްތައް ހަމަ މަގަށް އަޅުވައި، ދިވެހި ސިފައިންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުންމަތީ ސިފައިން އަބަދު ވެސް ތިބޭނީ ޤާނޫނު އަސާސީ އާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ވަރަށް ސާބިތުކަމާއެކުގައި ކަމަށެވެ.

"މިވަގުތު ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަމަނުޖެހުން އުފައްދާ އަދި ހަމަނުޖެހުން އުފެއްދުމަށް ހިތްވަރުދީ، ސުލުހަވެރިކަން ނަގާލުމަށް މަސައްކަތްކުރާ ފަރާތްތަކަށް އެ ފުރުސަތު ދިވެހި ސިފައިން ނުދޭނެ އަދި ރާއްޖޭގެ ސުލުހަ މަސަލަސްކަން ޤާއިމުކުރުމަށް ސިފައިންގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ފުލުހުންނަށް ދޭންޖެހޭ ކޮންމެ އެހީތެރިކަމެއް ވެސް ދިވެހިސިފައިން ދެމުން ގެންދާނެ،"

ހޯމް މިނިސްޓަރު މުހައްމަދު ޖަމީލް އަހުމަދު ވިދަޅުވީ ރާއްޖޭގެ ގާނޫނު މުގުރާލާފައި އެއްވެސް ހަމަނުޖެހުމެއް ހިންގާނަމަ އެފަރާތްތަކާއި މެދު އަޅަން ޖެހޭ ފިޔަވަލުތައް އަލުއްވާނެ ކަމަށާއި އެއީ ކުރީގެ ރައީސް ނަޝީދުކަމުގައި ވީނަމަވެސް އެފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.