އެހެން ޕާޓީތަކަށް ވައްދާފައިވާ ޕީޕީއެމްގެ މެންބަރުން އަލުން އަނބުރާ އެ ޕާޓީއަށް ގެނައުމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ތޮލާލް އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވައިފިއެވެ.

ތޮލާލް "ސަން"އަށް ވިދާޅުވީ އެ ޕަޓީން ބެލި ބެލުމުން އޮކްޓޯބަރު މަހުން ފެށިގެން އެ ޕާޓީގެ މެންބަރުންގެ އަދަދު މަދުވަމުން ދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެކަން ތަހުގީގުކޮށް ބެލި ބެލުމުން އެ ދުވަސްވަރު އަލަށް އުފެއްދި ޕާޓީތަކަށް ޕީޕީއެމްގެ މެންބަރުން ވައްދާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ދުވަސްވަރަކީ އަލަށް ޕާޓީތަކެއް އުފެއްދި ދުވަސްވަރެއް. އަޅުގަނޑުމެން ބެލި ބެލުމުން އަޅުގަނޑުމެންގެ މެންބަރުން އެބަތިބި އެ ޕާޓީތަކަށް ގެންގޮސްފަ،" ތޮލާލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދައުލަތުން ޕާޓީތަކަށް ފައިސާ ދޭ ދުވަސް ކައިރިވަމުން އަންނާތީ ބައެއް ޕާޓީތަކަށް 10،000 މެންބަރުން ހަމަކުރުމަށް ވެސް ޕީޕީއެމްގެ މެންބަރުން އެ ޕާޓީތަކުގެ ދަފްތަރުގައި ޖައްސާފައިވާކަމަށެވެ. ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ލިބޭނީ އެ ޕާޓީއެއްގައި 10،000 މެންބަރުން ހަމަވާނަމައެވެ.

ޕީޕީއެމްގެ މެންބަރުން ވަރަށް ބޮޑަށް މަދުވުމާ ގުޅިގެން އެ ޕާޓީގެ ދަފްތަރުން އުނިވެފައިވާ މެންބަރުންގެ ލިސްޓުތައް ހޯދައިގެން އެ މެންބަރުންނަށް ގުޅިއިރު އެހެން ޕާޓީތަކަށް އެ މެންބަރުން ވައްދާފައިވާކަން އެ މެންބަރުންނަށް ނޭނގޭކަން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމީހުންނަށް ނޭނގި އެމީހުންގެ ނަމުގައި ފޯމު ފުރައިގެން އިލެކްޝަން ކޮމިޝަނަށް ފޯމު ހުށަހަޅައިފައިވާކަން ވަނީ ފާހަގަކުރެވިފައި،" ތޮލާލް ވިދާޅުވިއެވެ.

ޕާޓީގެ ދަފްތަރުގައި ތިބޭ މެންބަރުންނަށް ނޭނގި އެ މެންބަރުން އެހެން ޕާޓީތަކަށް ވައްދާ މައްސަލަ ބޮޑުވެ އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށް ކަންބޮޑުވުން ހިއްސާކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިކަމުގައި ޕީޕީއެމްގެ ސްޓޭންޑަކީ ޕާޓީގެ މެންބަރުން އަލުން ގެނައުން. އަޅުގަނޑުމެން ގޮވާލަން އިލެކްޝަން ކޮމިޝަނަށް މެންބަރުން އަނބުރާ މި ޕާޓީއަށް ގެނައުމަށް،" ތޮލާލް ވިދާޅުވިއެވެ.

އެ ޕާޓީގެ މެންބަރުން އެހެން ޕާޓީތަކަށް ވައްދައިގެން އެފަދަ ޕާޓީތަކުން ދައުލަތުން ހޯދި ފައިސާއަކީ ހައްގު ފައިސާއެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.