އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ހިންގާ ހަތް މަޝްރޫއަކާ ބެހޭ އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.

މިއަދު ސޮއިކުރެވުނު މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ:

  • އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ނަފްސާނީ ފަރުވާދޭ ޔުނިޓެއް ގާއިމުކުރުން

  • ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ދޭން ފެށުން
  • ހުޅުމާލޭ ހޮސްޕިޓަލުގައި ކަށީގެ ފަރުވާގެ ޙިދުމަތް ދިނުން
  • އދ. ދިގުރަށް އަދި ގދ. ގެމަނަފުށީގައި ޔޫތު ސެންޓަރެއް ގާއިމުކުރުން
  • ނ.މަނަދޫގައި ކުޅިވަރު އެކުވެންޏެއް ގާއިމުކުރުން
  • ނ.ލަންދޫ މާބުދުގެ އަދި ތ.ދިޔަމިގިލީ ގަނޑުވަރު މަރާމާތުކުރުން

އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު ދާދިފަހުން ރާއްޖެއަށް ކުރެއްވެވި ދަތުރުފުޅުގައި އިއުލާނު ކުރެއްވި އެ މަޝްރޫއުތަކަށް ޖުމްލަ 27 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

އެ ހަތް މަޝްރޫއާއެކު އިންޑިއަން ހައި އިމްޕެކްޓް ކޮމިޔުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ)އިން ރާއްޖެގައި 20 މަޝްރޫއު މިހާރު ކުރިއަށްގެންދެއެވެ.

އޭގެ ތެރެއިން ދެ މަޝްރޫޢުކަމަށްވާ 'ވިލުނު' ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ރިހެބިލިޓޭޝަން ސެންޓަރާއި އައްޑޫ މީދޫގައި އިކޯ ޓުއަރިޒަމް ޒޯން ވަނީ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު ދާދިފަހުން ކުރެއްވެވި ދަތުރުފުޅުގައި އިފްތިތާޙްކޮށްދެއްވާފައެވެ.